Roadha Mihaaru

އުމަރު، އިންތިޚާބުގައި ވާދަކުރައްވަން ސޮއި ހަމަކުރައްވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް 1،500 މީހުންގެ ސޮއި ހަމަ ކުރައްވައިފި އެވެ.

އުމަރު، އިންތިޚާބުގައި ވާދަކުރައްވަން ސޮއި ހަމަކޮށްފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

06 އޯގަސްޓް 2018

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް 1،500 މީހުންގެ ސޮއި ހަމަ ކުރައްވައިފި އެވެ.

ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ، އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ މީހެއް ނަމަ، އެ މީހަކަށް ތާއީދު އޮތް ކަން އަންގައިދިނުމުގެ ގޮތުން މަދުވެގެން 1،500 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު، ފޭސްބުކްގައި މިއަދު ވިދާޅުވީ އޭނާ އަށް ތާއީދުކޮށް، 2،200 އަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާ ކަމަށެވެ. އެ ސޮއި ދެއްވި މީހުންނާއި ސޮއި ހޯދަން ވޮލަންޓިއަރުން ކޮށްދިން މަސައްކަތަށް އުމަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ އެވެ.

އުމަރު މިގޮތަށް ވިދާޅުވި އިރު، އޭނާ އަށް އިންތިޚާބުގައި ވާދަކުރައްވަން ޝަރުތު ހަމަވޭތޯ މި ދޭތެރެ އިން ޝައްކު އުފެއްދި އެވެ.

އެއީ، ޕެންޝަން އޮފީހަށް 1.8 މިލިއަން ރުފިޔާ ދެއްކުމަށް އޭނާގެ ވޭލްސް ސަބްމެރީންގެ މައްޗަށް ހުކުމް ކޮށްފައި ވަނިކޮށް ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަނބިދަރިންގެ މައްޗަށް ބަދަލު ކޮށްފައިވާތީ އެވެ. އެކަމަކު ގާނޫނީ ވަކީލުން ވިދާޅުވަނީ، އިންތިޚާބުގައި ވާދަކުރައްވަން ގާނޫނީ ހުރަހެއް އުމަރަށް ނެތް ކަމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮތް މީހަކަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

އުމަރު ނަސީރު ވަނީ 2008 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ. އަދި 2013 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ. އެކަމަކު، އެ އިންތިޚާބުގައި ކުރި ހޯއްދެވީ ރައީސް އަބްދުﷲ ޔާމީނެވެ.

އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ގޮތުގެ ސިޔާސަތުތަކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި މީހުން މެރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާގެ އިތުރުން ކޮރަޕްޝަން ހުއްޓުވައި ގައުމު އަމާންކުރުން ހިމެނެ އެވެ.

ސިޔާސީ މަސްރަހުގައި ރައްޔިތުންގެ ފިކުރު ޕީޕީއެމާއި އިދިކޮޅު ޕާޓީތަކަށް ބެހިފައި އޮތް އިރު، ވަކިން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ވެދާނެތޯ ދެންނެވުމުން، އުމަރު ވިދާޅުވެފައި ވަނީ، ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ވެސް އަދި ބަދަލުވެދާނެ ކަމަށެވެ. އެހެންކަމުން، އެކަން އެނގޭނީ އިންތިޚާބުގައި ވޯޓު ނަގާ ދުވަހު ކަމަށް ވިދާޅުވި އެވެ.

އަނެއްކާވެސް ރައްޔިތުންނަށް ސިޔާސަތުތަކެއް ހުށަހެޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެއްވަން ބޭނުންވާތީ އެވެ.