Roadha Mihaaru
އެޗްޑީސީގެ އެންގުމާ އެއްގޮތަށް އިދިކޮޅު ޖަގަހަ ބަންދު

ހުޅުމާލޭގެ، އިދިކޮޅު ޖަގަހަ ބޭނުންކުރުން ހުއްޓާލަން އެޗްޑީސީން އެންގުމާ އެކު، އެ ތަން ބަންދުކޮށްފި

06 އޯގަސްޓް 2018

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީީސީ)ގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިންގާ ކަމަށް ބުނެ އިިއްޔެ ޖޫރިމަނާ ކުރި އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހުއްޓާލުމަށް އެ ކުންފުނިން އެންގުމާ އެކު، އެ ތަން މިއަދު ބަންދުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީީސީ)ގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިންގާ ކަމަށް ބުނެ އިިއްޔެ ޖޫރިމަނާ ކުރި އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހުއްޓާލުމަށް އެ ކުންފުނިން އެންގުމާ އެކު، އެ ތަން މިއަދު ބަންދުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ސިޓީ އިއްޔެ ލިބުމާ އެކު، އެ ޖަގަހަ ބަންދުކުރީ އެ ތަން ހިންގާ މީހުން އަމިއްލަ އަށެވެ.

ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ދެ ޖަގަހައެއް ހިންގަ އެވެ. އޭގެ ތެރެއިން 10،000 ރުފިޔާ އިން އިއްޔެ ޖޫރިމަނާކޮށް، ބަންދުކުރަށް އެންގީ ނިރޮޅުމަގުގައި ހުރި އަމިއްލަ މީހެއްގެ އިމާރާތެކެވެ.

އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހިންގާ އެ އިމާރާތުގެ ވެރިފަރާތަށް އެޗްޑީސީން އިއްޔެ ފޮނުވި ސިޓީ ގައި އަންގާފައިވާ ގޮތުން، އެ ގޯތީގެ ތެރޭގައި އިމާރާތް ކޮށްފައިވާ ތަން ބޭނުންކުރުން ހުއްޓާލުމަށް ދީފައި ވަނީ އެއް ދުވަހުގެ މުއްދަތެވެ. އެހެންވެ، އެ ސިޓީގައި އަންގާފައިވާ ގޮތުގެ މަތިން، އެ އިމާރާތް [އިދިކޮޅު ޖަގަހަ] މިއަދު ހެނދުނުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ.

އެޗްޑީސީން، އިމާރާތުގެ ވެރި ފަރާތަށް އަންގާފައި ވަނީ، އެ ޖަގަހަ ހިންގަމުން ދިޔައީ، އެ ކުންފުނިން ނަގަން ޖެހޭ 'އިމާރާތް ބޭނުން ކުރުމުގެ ހުއްދަ' ނުނަގައި ކަމަށެވެ. އަދި އެ ހުއްދަ ނެގުމަށް އެކި ފަހަރު މަތިިން އަންގާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެ އެވެ.

ޖަގަހަ ހުއްޓާލަން އެޗްޑީސީން މި އެންގީ، ޖޫރިމަނާ އެ ތަނުގެ ވެރިފަރާތުން ދައްކާފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި، ޖަގަހަ ހިންގާ އިމާރާތުގެ ވެރިމީހާ އަށް އެޗްޑީސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ޖަގަހަ ބޭނުން ކުރަމުން ދަނީ ހުއްދަ ނުހޯދާކަން އެ ކުންފުންޏަށް ފާހަގަވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުރި ސާވޭއަކުންނެވެ.

މީގެ އިތުރުން، ރެހެންދި ސްކޫލް ކައިރީގައި އޮތް އަމިއްލަ މީހެއްގެ ބިމެއްގައި ކޯލިޝަންގެ ޖަގަހައެއް ހުޅުވީ ހުއްދަ ނުހޯދައި ކަމަށް ބުނެ، އެ ހުއްދަ ހޯދަން އެ ގޭގެ ވެރިފަރާތަށް އެޗްޑީސީން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އަދި ހުއްދަ ނުހޯދާ ނަމަ، އެ ގޭގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ބިންތަކަށް ވަންނަ ނަމަ، އެޗްޑީސީގެ ގަވައިދާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެކަމަކު އަމިއްލަ ބައެއްގެ ބިންތަކެއްގައި އިދިކޮޅު ކޯލިޝަންގެ ޖަގަހަތައް ހެދީ އެ ހުއްދަ ނެތި ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭގައި ހުއްދަ ނުހޯދައި އެއްވެސް ފަރާތަކުން ޖަގަހައެއް ހިންގާ ނަމަ، އެ ކުންފުންޏަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހުޅުމާލޭގައި ޕީޕީއެމްގެ ޖަގަހަތައް ހިންގަނީ ވެސް އެޗްޑީސީގެ ހުއްދަ ހޯދުމަކާ ނުލަ އެވެ. އެކަމަކު އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ޕީޕީއެމްގެ ހުރިހާ ޖަގަހައެއް ވެސް ހިންގަނީ ހުއްދަ ހޯދައިގެން ކަމަށެވެ.