Roadha Mihaaru
ރިލްވާން ވަނީ ނިޔާވެފައި: ރައީސް ޔާމީން

ރިލްވާން ވަނީ ނިޔާވެފައި: ރައީސް ޔާމީން

07 އޯގަސްޓް 2018

މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ ނޫސްވެރިޔާ، އަހްމަދު ރިލްވާން މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގދ. މަޑަވެލީގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ ނޫސްވެރިޔާ، އަހްމަދު ރިލްވާން މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގދ. މަޑަވެލީގައި ވިދާޅުވެއްޖެ އެވެ.

މިއީ، ރިލްވާން މަރުވެފައިވާ ކަން ސަރުކާރުގެ ރަސްމީ ފަރާތަކުން އިއުލާން ކުރި ފުރަތަމަ ފަހަރެވެ. މިއަދާ ހަމައަށް، ރިލްވާނަށް ވީ ގޮތެއް، އެ މައްސަލަ ތަހުގީގުކުރި ފުލުހުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

"މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފައި، ޝައްކެއް ވެސް ނެތް. ވަރަށް ހިތާމަވެރި ކަމެއް،" މަޑަވެލީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްގެން ކަމަށެވެ. އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ.

އެ ދައުވާ ސާބިތު ނުވީ ތަހުގީގުގައި ފުލުހުން ގަސްތުގައި އިހުމާލުވުމުގެ ސަބަބުން ކަަމަށް ބުނެ އާއިލާ އިން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ރިލްވާން މަރުވެފައިވާ ކަން ރައީސް މިއަދު ހާމަކުރެއްވީ، ރިލްވާންގެ އާއިލާ އަށް އިންސާފު ހޯދައި ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުންނަވަނިކޮށް، ރިލްވާން ގެއްލިފައިވާއިރު، އެކަމުގައި އަދީބުގެ އަތެއްވާ ކަމަށް ތުހުމަތުތަކެއް ކުރި އެވެ. އެކަމަކު އަދީބުގެ މިއަދުގެ ބަޔާނުގައި ވެސް އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.

"[އަދީބު ވިދާޅުވި] ..ރިލްވާންގެ މައްސަލަ ކެބިނެޓުގެ ފެންވަރުގައި ތިމަންނަމެން އެކަން ހޯދަން ދަނިކޮށް ރައީސް ޔާމީނޭ ހުއްޓުވާލީ. [ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަށް އިޝާރާތް ކުރައްވައި] މި ތިއްބެވީ ކެބިނެޓުގެ ތިއްބެވި ވަޒީރުން އޭރު ވެސް. އަޅުގަނޑު ދަންނަވާލާނީ މިކަހަލަ ބުހުތާނު ދޮގު، ބޮޑެތި ހުކުމް އައިސްފައި ތިބި މުޖުރިމުން ދެއްކީމަ، އެ ވާހަކަތައް ނޫސްތަކުގައި ކެރީ ކުރީމަ އަޅުގަނޑު ހިތާމަކުރަން،" ރައީސް ވިދާޅުވި އެވެ.

ރަސްމީ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރަސްމީ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި މީހަކު މަރުވެގެން އުޅުމަކީ ދައުލަތަށް ބޮޑުވާނެ ކަމެކެވެ. ރިލްވާން ހޯދަން ކެބިނެޓުގެ ފެންވަރުގައި މަސައްކަތް ކުރެއްވި ކަމަށް އަދީބު ވިދާޅުވި ވާހަކަ ތަކުރާރުކޮށް ދޮގުކުރައްވައި ރައީސް ވިދާޅުވީ "ނޫން، ކެބިނެޓުގެ ފެންވަރުގައި މަސައްކަތެއް ނުކުރާނެ" ކަމަށެވެ.

ރިލްވާން ހޯދުމުގެ މަސައްކަތުގެ ތަހުގީގަކީ، ރައީސް ވިދާޅުވި ގޮތުގައި، ފެށުނީއްސުރެން ވެސް ފުލުހުން ހިންގާ ތަހުގީގެކެވެ. މިހާރު ވެސް އެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"[އަފްރާޝީމްގެ މަރުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލެންޖެހޭ. ރިލްވާންގެ މަރުގެ މައްސަލަ ބަލަން ޖެހޭ. ދެންވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެންޖެހޭ. ކިހިނެއްތޯ ކެބިނެޓުގެ ފެންވަރުގައި މިކަން ކުރާނީ. ކެބިނެޓުން ކޮމެޓީއެއް މިކަމަށް ނަގައިގެން ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކެބިނެޓުން ކޮމެޓީއެއް ނަގައިގެން ކުރި މަސައްކަތަކީ، އެމަނިކުފާނު ދަތުރު ކުރެއްވި ލޯންޗުކޮޅު ގޮއްވާލަން އަދީބު އުޅުއްވި މައްސަލަ އެވެ. ހައްޖަށް ފަހު ވަޑައިގަތް މަގުމަތީގައި، އެމަނިކުފާނުގެ އާއިލާ ބޭފުޅުންނާއި އެހެންވެސް ބޭފުޅުންނާ އެކު ލޯންޗު ގޮއްވާލަން އަދީބު އުޅުއްވި ސަބަބު ވިދާޅުވެ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެވަރުގެ ބޭފުޅަކު ދައްކަވާ ވާހަކަ ނޫސްތަކުގައި ތެދު ކަމަށް ޖަހާ ކަމަށް ވިދާޅުވެ، ރައީސް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިދާރާ އިން ޖަވާބުދާރީވާނެ ކަމަށެވެ. އެއީ، ކެބިނެޓުން ބަލާ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިކަހަލަ މީހުން [އަދީބު] ދައްކާ ވާހަކަ ވެސް އަޅުގަނޑާ ދިމާލަށް އެނބުރި މި އަންނަނީ. އެ ކީއްވެތޯ، ގިސާސް ހިފާ ވާހަކަ ދެއްކީމަ. މި ކަހަލަ ވާހަކަ މި ދައްކަނީ، ކެރީ ކުރަނީ މި މޫސުމްގައި،" ރައީސް ވިދާޅުވި އެވެ.

ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.