Roadha Mihaaru
އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ: ރައީސް

އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ: ރައީސް ޔާމީން

07 އޯގަސްޓް 2018

މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ ނޫސްވެރިޔާ، އަހްމަދު ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވީ އޭނާގެ މަރު ސާބިތުކުރުމުގެ ގޮތުން ނޫން ކަމަށާއި އިރާދަ ކުރެއްވިއްޔާ ރިލްވާން މަރު ނުވެ ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ގދ. ފަރެސްމާތޮޑާގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މީގެ ހަތަރު އަހަރު ކުރިން ގެއްލިފައިވާ ނޫސްވެރިޔާ، އަހްމަދު ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވީ އޭނާގެ މަރު ސާބިތުކުރުމުގެ ގޮތުން ނޫން ކަމަށާއި އިރާދަ ކުރެއްވިއްޔާ ރިލްވާން މަރު ނުވެ ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ގދ. ފަރެސްމާތޮޑާގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވި އިރު، ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ "ރިލްވާން، މިހާރު ވަނީ ނިޔާވެފައި" ކަމަށެވެ. އަދި އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، ގދ. އާއި ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ދެއްކެވި ވާހަކަ ރައްޔިތުންނަށް އޮޅޭ ގޮތަށް ނޫސްތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ދެއްކެވި ވާހަކަ އޮޅޭ ގޮތަށް ތަރުޖަމާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ވިދާޅުވި ވާހަކަފުޅަކީ ރިލްވާންގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކައަކީ ދޮގުކަން ހާމަ ކޮށްދިނުމަށް ވިދާޅުވި ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަފުޅު ދެއްކެވީ ރިލްވާން މަރު ސާބިތު ކުރުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރިލްވާންގެ ވާހަކައިގައި އަޅުގަނޑު ނިންމީކީ ރިލްވާން މަރުވީތޯ ނުވަތަ ނޫންތޯއެއް ނޫން. އަޅުގަނޑަކީ ޝަރުއީ ގޮތުން މީހަކު މަރުވީތޯ ނުވަތަ ނޫންތޯ ނިންމާ މީހެއް ނޫން. އެކަން ފުލުހުންގެ ތަހުގީގުން ކުރާނެ. އަޅުގަނޑުގެ މުރާދަކަށްވީ، އަދީބު ދެއްކެވި ވާހަކައަކީ އަސާސެއް ނެތް ވާހަކައެއް (ކަން ހާމަކުރަން)،" މަޑަވެލީގައި ދެއްކެވި ވާހަކަފުޅު ދިފާއު ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރިލްވާން ހޯދުމަށް ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމަށް އަދީބު ހާމަ ކުރެއްވިޔަސް، އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ ކަމަށާއި އޭނާ ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޮގަސްޓް، 2014 ގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސް ކަމަށެވެ. އެކަމަކު، އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވެ އެވެ.

އެ ދައުވާ ސާބިތު ނުވީ ތަހުގީގުގައި ފުލުހުން ގަސްތުގައި އިހުމާލުވުމުގެ ސަބަބުން ކަަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، ރިލްވާން މަރުވެފައިވާ ކަން ރައީސް މިއަދު ހާމަ ކުރެއްވީ، ރިލްވާންގެ އާއިލާ އަށް އިންސާފު ހޯދައިދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އަދީބު ހުންނަވަނިކޮށް، ރިލްވާން ގެއްލިފައިވާ އިރު، އެ ކަމުގައި އަދީބުގެ އަތެއްވާ ކަމަށް ތުހުމަތުތަކެއް ކުރި އެވެ. އެކަމަކު އަދީބުގެ މިއަދުގެ ބަޔާނުގައި ވެސް އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.

ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގުތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.