Roadha Mihaaru
މޮޑްރިޗް މައްސަލައިގައި އިންޓަ އަށް އިންޒާރުދީފި

މޮޑްރިޗް މައްސަލައިގައި އިންޓަ އަށް އިންޒާރުދީފި

17 އޯގަސްޓް 2018

މެޑްރިޑް (އޮގަސްޓް 17) - ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗަށް ނުފޫޒު ފޯރުވައިގެން އޭނާ އިންޓަ މިލާނަށް ގެންދަން މަސައްކަތްކުރާނަމަ އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ބުނެ ރެއާލް މެޑްރިޑުން އިންޓަ އަށް އިންޒާރުދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮގަސްޓް 17) - ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗަށް ނުފޫޒު ފޯރުވައިގެން އޭނާ އިންޓަ މިލާނަށް ގެންދަން މަސައްކަތްކުރާނަމަ އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ބުނެ ރެއާލް މެޑްރިޑުން އިންޓަ އަށް އިންޒާރުދީފި އެވެ.

އިޓަލީގެ މީޑިއާ އިން ބުނަނީ މޮޑްރިޗް އަންނަނީ އިންޓަ އަށް ބަދަލުވުމުގެ ގޮތުން ރެއާލް ދޫކޮށްލަން ބާރު އަޅަމުން ކަމަށެވެ. އެކަމަކު ސްޕެއިނުގެ ނޫސްވެރިން ބުނާ ގޮތުގައި މޮޑްރިޗް ވަރަށް އަވަހަށް އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ. މޮޑްރިޗަށް މިހާރު 7.5 މިލިއަން ޔޫރޯ ލިބެ އެވެ. އިންޓަ އިން ހުށަހަޅަނީ 11 މިލިއަން ޔޫރޯ އެވެ. މޮޑްރިޗް ރުއްސުމަށްޓަކައި މެޑްރިޑުން އާ ކޮންޓްރެކްޓާ އެކު ބޮޑު މުސާރައެއް ދޭނެ އެވެ.

އިޓަލީގެ ކްލަބްތަކަށް މިއަދު ޓްރާންސްފާ މާކެޓް ބަންދުވާއިރު މޮޑްރިޗް ހޯދުމަށް ފަހު ވަގުތާ ޖެހެންދެން އިންޓަ އިން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މޮޑްރިޗްގެ އޭޖެންޓް މި ވަގުތު ހުރީ މިލާނުގެ ހޮޓަލެއްގަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮޑްރިޗް ނުލިބިއްޖެނަމަ ޖެނުއަރީ މަހު ވެސް މޮޑްރިޗް ހޯދަން އިންޓަ އިން މަސައްކަތްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިންޓަ އަށް ކުޅޭ ކްރޮއޭޝިއާގެ ތިން ކުޅުންތެރިން ކަމަށްވާ އިވާން ޕެރިސިޗާއި މާސެލޯ ބްރޮޒޮވިޗް އަދި ސީމް ވިސާލްކޯ އަންނަނީ މޮޑްރިޗް އެ ޓީމަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

ސްޕެއިނުގެ ސެޑޭނާ އަށް ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދިން އިންޓަވިއުއެއްގައި ވަނީ މޮޑްރިޗް ހުންނާނީ އެ ކްލަބްގައި ކަމަށް ބުނެފަ އެވެ.

"މޮޑްރިޗް ހުންނާނީ ރެއާލުގައި. އަހަރެމެން އޭނާ ވިއްކާލަން ނޫޅެން. މޮޑްރިޗަށް ނުފޫޒުފޯރުވަން އެބަ މަސައްކަތްކުރޭ އެއް ކްލަބަކުން. އެގޮތަށް އެކަން ކުރާނަމަ އަހަރެމެން ފީފާ އަށް ދާނަން،" އިންޓަ އަށް އިންޒާރުދެމުން ޕެރޭޒް ވިދާޅުވި އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް މޮޑްރިޗް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމުރުން 32 އަހަރުގެ މޮޑްރިޗަކީ ރެއާލުގެ ކޯޗު ހޫލެން ލޮޕެޓެގީގެ ޕްލޭނުގައި މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.