Roadha Mihaaru
"އިންތިހާބު އޮޅުވާލައިފި ނަމަ ރާއްޖެ ހިފަންޖެހޭ"

އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ: ސުބްރަމާނިއަން

24 އޯގަސްޓް 2018

އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ރާއްޖެ އެމްވީގެ ހަބަރަކާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށެވެ.

ސުބްރަމާނިއަން މިދިޔަ ހަފުތާގައި ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ބުދަ ދުވަހު ރައީސް ނަޝީދާއެކު ބޭއްވި އެ ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު އޮޅުވާލަފާނެތީ ނަޝީދު ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައި ކަމަށެވެ. އަދި އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިއާ އިން އެ ފުރުސަތު ދޭން ބޭނުން ނުވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިއާ "ވަރަށް ދަށްކޮށްލާފައި" ކަމަށް ވެސް ސުބްރަމާނިއަން ވިދާޅުވެފައިވެ އެވެ.

ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ފެބްރުއަރީގައި 1 ގައި ނެރުނު އަމުރު ބާތިލްކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން އިންޑިއާ އިން އެކަމާ ވަރަށް ބޮޑަށް ނުރުހުންވެ، ދިވެހި ސަރުކާރަށް ފާޑު ކިޔާފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ ގައުމު ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.