Roadha Mihaaru
ރާއްޖެ ހިފަންޖެހޭ ކަމަށް ބުނުމާ ދެކޮޅުހަދަން: ފައިސަލް

ރާއްޖެ ހިފަންޖެހޭ ކަމަށް ބުނުމާ ކަނޑައެޅިގެން ދެކޮޅު: ފައިސަލް

24 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވުމަކީ ޒިންމާދާރުކަމެއް ނެތް ވާހަކައެއް ކަމަށާއި އެކަމާ ފާޅުގައި ދެކޮޅު ހައްދަވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވުމަކީ ޒިންމާދާރުކަމެއް ނެތް ވާހަކައެއް ކަމަށާއި އެކަމާ ފާޅުގައި ދެކޮޅު ހައްދަވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ރާއްޖެ އެމްވީގެ ހަބަރަކާއެކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަންޖެހޭނެ ކަމަށެވެ.

ފައިސަލްގެ ޓްވީޓް

ސުބްރަމާނިއަން ދެއްކެވި ވާހަކައާ ގުޅިގެން "މިހާރު"ގައި ޖެހި ހަބަރާއެކު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރި ގުޅުމަށް ބުރޫ އަރާނެ ކަމެއް އިންޑިއާ އިން ނުކުރާނެ ކަމަށެވެ.

"އިންޑިއާ އަބަދުވެސް ދެމި އޮންނަނާނީ އަޅުގަނޑުމެންގެ އެންމެ އެކުވެރި ގައުމުގެ ގޮތުގައި. އެ ގުޅުމަށް ލޮޅުން އަންނާނެ ކަމެއް އިންޑިއާ އިން ނުކުރާނެ،" ސުބްރަމާނިއަންގެ ޓްވީޓާ ކަނޑައެޅިގެން ދެކޮޅުކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ކުރި ޓުވީޓެއްގައި ވެސް، އިންޑިއާ އިން ރާއްޖެ ހިފަންޖެހޭ ކަމަށް ބުނި ވާހަކައާ ދެކޮޅު ހަދާފައިވެ އެވެ. ސުބްރަމާނިއަން ދެއްކެވި ވާހަކަ ކުށްވެރިކުރާ ކަމަށާއި އެއީ އިންޑިއާ ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށް ވެސް އެމްއާރުއެމް އިން ބުންޏެވެ.

"އެއީ އިންޑިއާއިން ދެކޭ ގޮތް ނޫންކަން ޔަގީން. އަދި އެފަދަ އަމަލެއް އިންޑިއާ އިން ނުހިންގާނެ. އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހިންނާއެކު،" އެމްއާރުއެމް އިން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ރާއްޖެއާ ބެހޭ ގޮތުން ކުރި ޓްވީޓަށް ފަހު [ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ރާއްޖެއަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް ކަމަށާއި އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާކަށް ވެސް ނުޖެހޭނެ އެވެ. އެ ފުރުސަތެއް ދިވެހިން ނުދޭނެ އެވެ." އާދަމް ޝަރީފް ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ފެބްރުއަރީގައި 1 ގައި ނެރުނު އަމުރު ބާތިލްކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން އިންޑިއާ އިން އެކަމާ ވަރަށް ބޮޑަށް ނުރުހުންވެ، ދިވެހި ސަރުކާރަށް ފާޑު ކިޔާފައިވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ ގައުމު ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.