Roadha Mihaaru
އިބޫގެ ކޮލަމާފުށީ ދަތުރު ފަސްކުރަން ފުލުހުން އެދިއްޖެ

އިބޫ ކޮލަމާފުއްޓަށް ކުރައްވާ ދަތުރު ފަސްކުރަން ފުލުހުން އެދިއްޖެ

30 އޯގަސްޓް 2018

ގއ. ކޮލަމާފުށީގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ކުރައްވާ ދަތުރު ފަސްކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގއ. ކޮލަމާފުށީގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ކުރައްވާ ދަތުރު ފަސްކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން އެގޮތަށް އެދުނުއިރު، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގއ. އާއި ގދ. އަށް ކުރައްވާ ކެމްޕެއިން ދަތުރެއް އިބޫ މާދަމާ ފައްޓަވާނެ އެވެ. މި ދަތުރުގައި އޭނާ ކޮލަމާފުއްޓަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮލަމާފުށީގެ ދަތުރު ފަސްކުރަން ފުލުހުން އެދުނުއިރު، އެ ރަށުގައި ހަރަކާތްތެރިވާ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީގެ 18 މީހަކު ފުލުހުން ވަނީ މިއަދު ހައްޔަރުކޮށްފަ އެވެ. ރޭގެ ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ ޖަގަހަ އަށް އެމްޑީޕީގެ މީހުން ގެއްލުން ދީފައިވާ ކަމުގެ ތުހުމަތު ޕީޕީއެމުން ކުރެ އެވެ. އެކަމަކު، އެމްޑީޕީން އެ ވާހަކަތައް ދޮގުކުރެ އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެހެންވެ، ކޮލަމާފުށީގެ ހާލަތު ހުރި ގޮތުން އެ ރަށަށް އިބޫ ކުރައްވާ ދަތުރު ފަސްކުރަން އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޝިފާން ވިދާޅުވިގޮތުގައި އިންތިޚާބަކީ، އުޒުރަކަށް ބަލައިގެން ރަށްރަށުގައި ހަމަނުޖެހުން ހިންގަން އެއްވެސް ފުރުސަތެއް ނުދޭނެ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.