Roadha Mihaaru
ރައީސް ޔާމީންގެ މައްސަލައެއް އޭސީސީއަށް

ބޮޑެތި ތުހުމަތުތަކަކާއެކު ރައީސް ޔާމީންގެ މައްސަލައެއް އޭސީސީއަށް

03 ސެޕްޓެމްބަރ 2018

ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ފަރާތުން އޭސީސީއަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ފަރާތުން އޭސީސީއަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ހަތަރު ކަމެއް ފާހަގަކޮށް އެމްޑީޕީން އޭސީސީއަށް ހުށަހެޅި އެ މައްސަލާގައި ތުހުމަތު ކުރަނީ އެމްއެންޑީއެފްގެ ކުރީގެ ކާނަލް، އަހްމަދު ޒިޔާދުގެ ކުންފުންޏެއް ކަމަށްވާ ގްރީން ބޮކްސްއިން ރާއްޖެއިން ބޭރުގައި ތެލުގެ ވަގު ވިޔަފާރި ކުރާ ކަމަށާއި އެ ކުންފުންޏާއި ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށެވެ.

އެ ތުހުމަތުތައް ކުރެވެން ފެށީ އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިފައިވާ ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހާމަކުރުމާ ގުޅިގެންނެވެ.

ޒިޔާދަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ، އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އޭނާގެ ކުންފުންޏާ ގުޅުން އޮތް ބޯޓެއް ކަމަށް ބުނެ ވާހަކަ ފަތުރަނީ، އަގު ވައްޓާލަން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދިވެހި ސަރުކާރުން ވެސް ވަނީ އެހުމުތަތުތައް ދޮގުކޮށްފަ އެވެ.

އޭސީސީއަށް ހުށަހެޅި މައްސަލާގެ ތަފްސީލް ދެއްވުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ގްރީން ބޮކްސް ކުންފުނިން ރާއްޖޭގެ ދިދަ އާއި "ކޯލް ސައިން" ގާނޫނާ ހިލާފަށް ބޭނުން ކުރާ ކަމަށެވެ. އަދި އެ ކުންފުނިން ތެޔޮ ޑިކްލެއާ ނުކޮށް ރާއްޖޭގައި ވިޔަފާރި ކުރާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެ މުއާމަލާތްތައް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ތައްގަނޑު ނާޖާއިޒު ގޮތެއްގައި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ކުރީގެ ޗެއާމަންގެ ޖީމެއިލް ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ނަމަވެސް އެއީ މީގެ ކުރިން ޗެއާމަންކަން ކުރައްވާފައިވާ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ހަސަން ލަތީފް ވިދާޅުވީ ގްރީން ބޮކްސް ކުންފުނީގެ ތެޔޮ ބޯޓެއް ކަމަށްވާ "ޓްރާންސް ފިއުލް 11" ގެ ކޯލް ސައިން އާއި ދިވެހި ދިދަ "ޕްރޮސްޕެރީ" ކިޔާ އެހެން ގައުމެއްގެ ބޯޓަކުން ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބުނު ނަމަވެސް މިހާތަނަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ގްރީން ބޮކްސް ކުންފުންޏާއި ރައީސް ޔާމީނާ ގުޅުން އޮތްކަމަށް ވިދާޅުވަމުން ހަސަން ލަތީފް ވިދާޅުވީ އެ ކުންފުންޏަށް ފަސް ތެޔޮ ބޯޓް ގަތުމަށް ބެންކް އޮފް މޯލްޑިވްސް އިން ލޯނު ހަމަޖެސުމަށް ރައީސް ޔާމީން އެ ބެންކުގެ ބޯޑް މެމްބަރުންނަށް ގުޅުއްވާފައިވާ ކަމަށެވެ.

"ސީދާ ރައީސް ޔާމީން [ބީއެމްއެލް ބޯޑު މެމްބަރުންނަށް] ގުޅުއްވައި އެ ލޯން ފެސިލިޓޭޓް ކޮށްދިނުމަށް ވަނީ ބާރު އަޅުއްވާފައި،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޖަޕާންގެ ފޮރިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ބުނެފައިވާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން، ފެނުނީ ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިއަދުގެ ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހަސަން ލަތީފް ވަނީ އޭގެ ތެރެއިން ޝިން ޔުއާން 18 ނަމަކަށް ކިޔާ ބޯޓުން ދެ ރަޖިސްޓްރީއެއް ހައްދައި އޭގެ ތެރެއިން އެއް ރަޖިސްޓްރީ ބޭނުންކޮށްގެން އުތުރު ކޮރެއާ ބޯޓާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގިކަން ޓްރާންސްޕޯޓް އޮތޯރިޓީއަށް އެންގުނު ނަމަވެސް ގްރީން ބޮކްސް ކުންފުންޏާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

ވަގު ޑޮކިއުމެންޓް ހަދައި ފިޖީގައި ރަޖިސްޓްރީކޮށްފައިވާ 91 ބޯޓުގެ މައުލޫމާތު އެ ގައުމުން ހާމަކުރިއިރު އޭގެ ތެރޭގައި ގްރީން ބޮކްސް ކުންފުނީގެ ތިން ބޯޓް ހިމެނޭ ކަމަށް ވެސް ހަސަން ލަތީފް ތުހުމަތު ކުރެއްވި އެވެ. އެއީ "ޓްރާންސް ފިއުލް11" އާއި "ޓްރާންސް ޕިއުލް 10" އަދި "ޓްރާންސްފިއުލް 7" ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބަލާތޯ ނުވަތަ ނޫންތޯ ބެލުމަށް އޭސީސީއަށް ގުޅުމުން ވަކި ޖަވާބެއް އަދި ނުލިބެ އެވެ.

ޓްރާންސްޕޯޓުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެފައިވާ ޝިން ޔުއާން 18 އުޅަނދުތަކަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރެއް ނޫނެވެ. ރާއްޖެއަކީ ބޭރު ގައުމުތަކުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ގައުމަކަށް ނުވާތީވެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށް ވެސް ޑިފެންސް މިނިސްްޓްރީން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުން ކުރިން ބުނެފައިވަނީ މެރިޓައިމް މޯބައިލް ސާވިސް އައިޑެންޓިޓީން ރާއްޖެ އަށް ދީފައި ވަނީ 455 އިން ފެށޭ ނަމްބަރު ކަމުގައިވީ ނަމަވެސް "ޝިން ޔުއާން" ގައި ބޭނުން ކުރަމުންދާ ނަންބަރު 455910000 އަކީ އެއްވެސް އިރެއްގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާކަން ރެކޯޑްތަކުން އެނގެން އޮތް ނަންބަރެއް ނޫން ކަމަށެވެ.

ރައީސް ޔާމީން އެސްޓީއޯ ހިންގެވިއިރު ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ)ގެ ތެލުގެ ވަގު ވިޔަފާރި މިޔަންމާގެ އަސްކަރީ ވެރިންނާ އެކު ކުރެއްވި ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރި އެވެ. އަދި އެމްޑީޕީ ވެރިކަމުގައި އެ މައްސަލަ ތަހުގީގު ވެސް ކުރި އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ ސާބިތުވެފައެއްނުވެ އެވެ.