06 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕްގައި މިއަދު ދިހަ ކުޅުންތެރިންނާ އެކު ކުޅުނު ބޫޓާން އަތުން 4-0 އިން ލިބުނީ ހައްގު މޮޅެއް ކަމަށާއި މުބާރާތުގައި ކުރިއަށް ދިއުމުގެ ހިތްވަރާ އެކު ޓީމަށް ދިރުން ލިބިއްޖެ ކަމަށް ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްގައި މިއަދު ދިހަ ކުޅުންތެރިންނާ އެކު ކުޅުނު ބޫޓާން އަތުން 4-0 އިން ލިބުނީ ހައްގު މޮޅެއް ކަމަށާއި މުބާރާތުގައި ކުރިއަށް ދިއުމުގެ ހިތްވަރާ އެކު ޓީމަށް ދިރުން ލިބިއްޖެ ކަމަށް ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
މުބާރާތުގައި ނޭޕާލް ކުޅުނު ފުރަތަމަ މެޗުން ވަނީ ފަހު ވަގުތު ވަން ގޯލުން ހިތްދަތި ގޮަތަކަށް ޕާކިސްތާން އަތުން 2-1 އިން ބަލިވެފަ އެވެ. އެހެން ކަމުން މިއަދުގެ މެޗަށް ނުކުތްއިރު ނޭޕާލަށް އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ.
މިއަދުގެ މެޗުގައި ނޭޕާލުން ފުރަތަމަ ހާފުގައި ލީޑުނެގިއިރު، އަނެއް ތިން ގޯލު ޖެހީ މެޗުގެ ފަހު 20 މިނިޓް ތެރޭގައި ބޫޓާނުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ފަހުންނެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާލް ގޯޕާލް ބުނީ މެޗުގެ ހުރިހާ ކުޅުންތެރިންނަށް ވެސް މެޗުގެ މުހިއްމުކަން ބުނެދިން ކަމަށާއި ދެއްކި ތަފާތާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އަހަރެން މި ހުރިހާ ކުޅުންތެރިންނަށް ހިތްވަރު ދިނިން މެޗުގެ ކުރިން. އެއީ މި މެޗު ހުރިހާ ގޮތަކުން ވެސް މުހިއްމު. ހަގީގަތުގައި މިއީ އަހަރެމެންނަށް ލިބުނު ހައްގު މޮޅެއް. މިއާ އެކު މުބާރާތުގައި ކުރިއަށްދާން ހިތްވަރު ލިބިއްޖެ. ޓީމަށް ދިރުން ލިބިއްޖެ. އުއްމީދަކީ ދެން އޮތް މެޗުން ބަންގްލަދޭޝް އަތުން މޮޅުވެ ސެމީ އަށް ދިއުން،" އޭނާ ބުންޏެވެ.
ނޭޕާލުގެ މިއަދުގެ މޮޅަކީ 2013 ވަނަ އަހަރު އިންޑިއާ އަތުން އަމިއްލަ ގައުމުގައި ކުޅުނު މުބާރާތުގައި ހޯދި މޮޅަށް ފަހު މި މުބާރާތުގައި މިދިޔަ ފަސް އަަހަރުތެރޭ އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މެޗުގެ ނަތީޖާއާ ހުރިހާ ކަމަކަށް ބަލާއިރު ދިޔައީ ނޭޕާލަށް ރަނގަޅަށް ކަމަށް އޭނާ ފާހަގަކުރި އެވެ.
"ބޭނުންވި ކަންތައްތައް ހާސިލްވިއިރު އަހަރެންގެ ރޭވުންތައް ވެސް ދިޔައީ ރަނގަޅަށް ޓެކްޓިކަލީ ކުރި ބަދަލުތަކުން ވެސް ޓީމަށް ތަފާތު އައި. އެއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދެ ކުޅުންތެރިން ލަނޑު ޖެހި. އެކަމަކު އިތުރު ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުންތަކެއް އެ ވަގުުތުގައި ހުރި. އެކަމަކު މިހާރު މިހުރީ އުފަލުން،" ބާލް ގޯޕާލް ބުންޏެވެ.
ކުރިން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ބާލް ގޯޕާލްއާ ޓީމުގެ ހެޑްކޯޗުގެ ޒިންމާ ހަވާލުކުރަން ނޭޕާލުން ނިންމީ އޭޝިއަން ގޭމްސް އަށް ފަހު ކޯޗު ޖަޕާނުގެ ޔޮޓޮކޫ ކޯޗީ އަށް ވިސާ މައްސަލައިގައި ނޭޕާލަށް އެރުމުގެ ހުއްދަ އިމިގްރޭޝަނުން ނުދިނުމުންނެވެ. ބާލް ގޯޕާލް އަކީ މި ސަރަހައްދުގެ ފުޓްބޯޅަ އަށް ފަރިތަ މޫނެކެވެ.
"އަހަރެން ހަވާލުވެ ވަރަށް އިސްކަންދިނިން ޓީމަށް ލިބޭ ކޯނަރުތަކާއި ހިލޭ ޖެހުންތަކުގެ ބޭނުން ރަނގަޅަށް ހިފަން. މިއަދު ދެ ކޯނަރުން ލަނޑު ޖަހައިފި. އެއީ ވެސް އަހަރެންގެ މަސައްކަތުގެ ނަތީޖާ،" ބާލް ގޯޕާލް ބުންޏެވެ.
ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާއިރު ބޫޓާނުގެ ކޯޗު ޓްރެވާ މޯގަންގެ ނަޒަރުގައި އެ ޓީމަށް މި މުބާރާތުގައި ކުރިއަށްދިއުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފަ އެވެ.
"އަހަރެން ގަބޫލުކުރަން ބޭނުމީ ފުރުސަތު އޮތްކަމަށް. އެކަމަކު އެކަން ނުވުން ގާތީ. އަހަރެން ދެން ވިސްނަނީ ދެން އޮތް މެޗުން ޕާކިސްތާން އަތުން މޮޅެއް ލިބޭތޯ. އެއީ އަހަރެމެންނަށް ހަމައެކަނި މިހާރު އަމިއްލަ ބާރުގައި ވިސްނެން އޮތް ގޮތަކީ،" ކުރިން ބޯންމައުތަށް ކުޅުނު ޓްރެވާ ބުންޏެވެ.
މިދިޔަ މާޗް މަހު ޓްރެވާ ހަވާލުވި ފަހުން މިހާތަނަށް ބޫޓާނަށް އަދި މޮޅެއް ނުލިބެ އެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާއިރު، ޓްރެވާ ބުނީ މިއީ މުޅިން އާ ޓީމެއް ކަމަށާއި ރަނގަޅު ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.
"އަހަރެމެން މި ކުޅެނީ ވަރަށް ގިނަ އާ ކުޅުންތެރިން ލައިގެން ކިޔަވާ ކުދިން ވެސް ހިމެނޭ. ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން މިއީ. ބޫޓާން ލީގު ވާދަވެރިއެއް ނޫން. އެހެންވެ ސީދާ މި ކުޅުންތެރިން މި ނުކުންނާނީ ބައިނަލްއަގްވާމީ ވާދަވެރި މެޗުތަކަށް އެހެންވެ ނަތީޖާ ނުނެރެވެނީ. އަހަރެންނަށް ފެނޭ މި ޓީމު ކުރިއަރާތަން،" ޓްރެވާ ބުންޏެވެ.
އޭނާ ބުނީ މި މެޗުގައި އެ ޓީމުން ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، އެއީ އެންމެ ރަނގަޅު ނިންމުންތޯ ސުވާލު އުފެދޭ ކަމަށެވެ. އެކަމާ ޝަކުވާކުރަން ބޭނުންނުވާ ކަމަށާއި ބަލިވީ އަމިއްލަ އަށް ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.
މި ގްރޫޕުގައި ދެން ކުޅޭ މެޗުތައް އޮންނާނީ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ބޫޓާނާއި ޕާކިސްތާން ބައްދަލުކުރާއިރު، ނޭޕާލް ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
ފަސް އަހަރަށް ފަހު ނޭޕާލަށް ސާފްގައި މޮޅެއް
ނޭޕަލަށް މި ގެއްލުނީ ރަނުގެ ފުރުސަތެއް: ކޯޗު
ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި
ކިރަން އާއި ޝްރެސްތާ: ނޭޕާލުގެ މުހިއްމު ދެ ހަތިޔާރު
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ރާއްޖެ އާއި އިންޑިއާ ވަރަށް ވަރުގަދަ: ޕާކިސްތާން ކޯޗު
13 އަހަރަށް ފަހު ޕާކިސްތާން ސާފްގެ ސެމީ އަށް
ނޭޕާލަށް ހުރިހާ ދޮރެއް އަދި ބަންދެއް ނުވޭ: ކޯޗު