12 ސެޕްޓެމްބަރ 2018
ރާއްޖެ އަތުން 3-0 އިން ބަލިވެ ނޭޕާލަށް ގެއްލުނީ ސާފް ސުޒުކީ ކަޕުގެ ތަށި ހޯދަން ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
ރާއްޖެ އަތުން 3-0 އިން ބަލިވެ ނޭޕާލަށް ގެއްލުނީ ސާފް ސުޒުކީ ކަޕުގެ ތަށި ހޯދަން ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނެފި އެވެ.
މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ނޭޕާލް އަންނަނީ ފުޓްބޯޅައިގައި ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ޓީމުން 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ އިތުރުން 2016 ވަނަ އަހަރު ބަންގުބަންދު ގޯލްޑް ކަޕާއި ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑަލް ހާސިލްކުރި އެވެ.
"މި ފަހަރުގެ މުބާރާތަކީ އަހަރެމެން ވަރަށް އުއްމީދާ އެކު ނުކުތް މުބާރާތެއް. މި ޓީމުުގެ މަސައްކަތް 2014 ގައި ފެށިއްޖެ. ފުރަތަމަ މެޗުން ފެށިގެން އަހަރެމެން ވަރަށް މަސައްކަތް ކުރަމުން އައީ. މި ގެއްލުނީ މި ތަށި ހޯދަން ލިބިފައި އޮތް ރަނުގެ ފުރުސަތެއް. ފުރަތަމަ ފަހަރަށް ފައިނަލުގައި ކުޅެލަން ވެސް ލިބިފައި އޮތް ރަނުގެ ފުރުސަތެއް،" މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގޯޕާލް މަހާރަޖަން ބުންޏެވެ.
އެންމެ ފަހުން އެކި މުބާރާތްތަކުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ ސެމީ ފައިނަލުގައި ވެސް ނޭޕާލް ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. އެކަމަކު މިހާތަނަށް އަދި ނޭޕާލަށް ސާފްގައި ރާއްޖޭގެ މައްޗަށް ކުރި ނުހޯދެ އެވެ.
މިއަދުގެ މެޗުގައި ގަދަ ވިއްސާރައާ އެކު ވިދާ ގުގުރާތީ ފުރަތަމަ ހާފުގެ މެދުތެރެއިން މެޗު 30 މިނިޓަށް މެދުކަނޑާލި އެވެ. ގޯޕާލް މަހާރަޖަން ބުނީ މެޗުން ބަލިވުމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ދަނޑުގެ ހާލަތު ގޯސްވުން ކަމަށެވެ.
"އަހަރެމެން ފުރަތަމަ ތިން މެޗު ކުޅުނީ ވަރަށް މޮޅަށް. ބޯޅަ ހިފަހައްޓައިގެން އަހަރެމެންގެ ގޭމް ކުޅެވުނު. އެކަމަކު މިއަދު ދަނޑު އޮތް ހާލަތުން ވިއްސާރަ ވެހިގެން ކުޅުންތެރިންނަށް މޮޅަށް ނުކުޅެވުނު. އެއީ އަހަރެމެން މެޗުން ބަލިވުމުގެ އެއް ސަބަބު. ދެން އަނެއްކަމަކީ މިއަދު ނަސީބު ވެސް ނެތް ދުވަހެއް. ރާއްޖެ ޓީމުގެ ރޫހު ރަނގަޅު،" އޭނާ ބުންޏެވެ.
ގޯޕާލް މަހާރަޖަން ބުނީ ގްރޫޕް ސްޓޭޖުގައި ފެނުނު ރާއްޖޭގެ ޓީމުގެ ކުޅުމާ މިއަދު ދެއްކި ކުޅުމާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި ރާއްޖޭގެ ފޯވާޑް ލައިން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.
"ވަރަށް ހަލުވި ކުޅުންތެރިންތަކެއް ތިބީ. އެ މީހުންނަށް ދަނޑު ކޮންމެ ހާލަތެއްގައި އޮތަސް އުނދަގުލެއް ނެތި ކުޅެލިތަން ފެނުނީ. ޓެކްނިކަލީ އެ މީހުން ރަނގަޅުވުމުގެ އެޑްވާންޓޭޖްތަކެއް ވެސް ނެގި،" އޭނާ ބުންޏެވެ.
ކުރިން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ގޯޕާލް މަހާރަޖަންއާ ޓީމުގެ ހެޑްކޯޗުގެ ޒިންމާ ހަވާލުކުރަން ނޭޕާލުން ނިންމީ އޭޝިއަން ގޭމްސް އަށް ފަހު ކޯޗު ޖަޕާނުގެ ޔޮޓޮކޫ ކޯޗީ އަށް ވިސާ މައްސަލައިގައި ނޭޕާލަށް އެރުމުގެ ހުއްދަ އިމިގްރޭޝަނުން ނުދިނުމުންނެވެ. ބާލް ގޯޕާލް އަކީ މި ސަރަހައްދުގެ ފުޓްބޯޅަ އަށް ފަރިތަ މޫނެކެވެ. އެކަމަކު އޭނާ ބުނީ މުސްތަގުބަލުގައި ޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރުމާ މެދު ވަކި ގޮތެއް ނިންމާނީ އެސޯސިއޭޝަނާ މަޝްވަރާތަކެއް ބޭއްވުމަށް ފަހު ކަމަށެވެ.
ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި
ކިރަން އާއި ޝްރެސްތާ: ނޭޕާލުގެ މުހިއްމު ދެ ހަތިޔާރު
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
ހައްގު މޮޅަކާ އެކު ދިރުން ލިބިއްޖެ: ނޭޕާލް ކޯޗު
ފަސް އަހަރަށް ފަހު ނޭޕާލަށް ސާފްގައި މޮޅެއް
ނޭޕާލަށް ހުރިހާ ދޮރެއް އަދި ބަންދެއް ނުވޭ: ކޯޗު
ކުރި އިންތިޒާރަށް ލިބުނީ އުފާވެރި އާ ފެށުމެއް: ކޯޗު
ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށްފި