Roadha Mihaaru
ސަޕޯޓަރުން ފެނި ނިހާން އުފަލުން ސަޖިދަ އަށް

ސަޕޯޓަރުން ފެނި ނިހާން އުފަލުން ސަޖިދަ އަށް

18 ސެޕްޓެމްބަރ 2018

ޕީޕީއެމްގެ "ސައިޒް ދައްކާލުމަށް" މާފަންނު ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާއަށް އެއްވެފައިވާ މީހުން ފެނި، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އުފަލުން ސަޖިދަ ޖައްސަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕީއެމްގެ "ސައިޒް ދައްކާލުމަށް" މާފަންނު ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާއަށް އެއްވެފައިވާ މީހުން ފެނި، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އުފަލުން ސަޖިދަ ޖައްސަވައިފި އެވެ.

މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި މިރޭ 9:00ގައި ފެށި ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު އެއްވެ ތިއްބެވެ. އެ ސަރަހައްދުގެ މެދުގައި "1" ނަމްބަރުން ހަދާފައިވާ ސްޓޭޖް ވަށައިގެން އެތައް ހާސް ބަޔަކު ތިއްބެވެ. ފްލައިޓް ޗާޓާކޮށްގެންނާއި ދޯނި ފަހަރުގައި އެތައް ބަޔަކު ގެނައި ޖަލްސާގައި ގިނަ ސަޕޯޓަރުން ތިބީ ރައީސް ޔާމީންގެ ކެމްޕެއިން ލޯގޯ ޖަހާފައިވާ ޓީޝާޓް ލައިގެންނެވެ.

ޖަލްސާ ފެށުމުގެ ގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ ނިހާނެވެ. އޭނާ ވާހަކަ ދެއްކެވުމުގެ ކުރިން ސްޓޭޖަށް އަރާވަޑައިގެން ސަޖިދައެއް ޖެއްސެވި އެވެ. އެއަށް ފަހު ވާހަކަ ދައްކަވަމުން "ﷲ އަކްބަރު" ތަކުރާރުކޮށް ވިދާޅުވި އެވެ.

އެތައް ބަޔަކާއެކު ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ-- ފޮޓޯ: އަލީ ނަޝާތު/މިހާރު

އެތައް ބަޔަކާއެކު ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ-- ފޮޓޯ: އަލީ ނަޝާތު/މިހާރު

ކުރުކޮށް ދެއްވި ސްޕީޗުގައި ނިހާން ވިދާޅުވީ ރައީސް ޔާމީނަށް އިތުރު ދައުރެއް ދެއްވަން ޖެހެނީ ރާއްޖޭގެ ސަލާމަތާއި ދިވެހިވަންތަކަން ރައްކާތެރިކުރުމަށް ކަމަށެވެ. އަދި އިސްލާމް ދީނުގެ ހައްގުގައި ހުންނެވި ކަމަށް ވިދާޅުވި އެވެ.

"ހައްގުގެ މަގުގައި ލެހެއްޓެވުން އެދި އަޅުގަނޑުމެން ދުއާ ކުރަން،" ޖޯޝާއެކު ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވި އެވެ.

ޕީޕީއެމާ ހިޔާލު ތަފާތުވުންތައް އުފެދި އެޕާޓީގެ ހަރަކާތްތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނާ، ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ މިރޭ ފެނިލުމަކީ "އިދިކޮޅަށް ދިން ފިލާވަޅެއް" ކަމަށެވެ.

ރައީސް ޔާމީން ކެމްޕެއިން ޓީޝާޓް ލައިގެން ހުންނެވި ވިޔަފާރިވެރިޔާ ރިޔާޒު ވަނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ތައުރީފް ކުރައްވައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް މިހާރު ހިންގަމުން އަންނަނީ ފައިދާގައި ކަމަށެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމް ސަޕޯޓަރުން -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

މިރޭގެ ޖަލްސާގައި ޕީޕީއެމް ސަޕޯޓަރުން -- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

"ރައީސް ޔާމީންގެ ހަނދާންތައް. ގެންނެވި ތަރައްގީ ހަނދާނުން އަދި ތާރީހުން ފޮހެއެއް ނުލެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ޕީޕީއެމާ ހިޔާލު ތަފާތުވުން އުފެދިފައިވާ ކޯލިޝަން ޕާޓްނާ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވާހަކަ ފެށުމުގެ ގޮތުން "ހޯ" ގޮވަމުން އޭނާ ވިދާޅުވީ "ރައީސް ޔާމީންއަށް އޮތް ތާއީދު މިޖަލްސާއިން ވަރަށް ބޮޑަށް ހާމަކޮށްދޭ" ކަމަށެވެ.