Roadha Mihaaru
ސިއްރު ފެންފުށީގައި ހުރި ބުދުތައް ނަގަން އަމުރުކޮށްފި

ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތައް ނަގަން ކޯޓުން އަމުރުކޮށްފި

20 ސެޕްޓެމްބަރ 2018

ސިއްރު ފެންފުށި ރިސޯޓްގެ ފަޅު ތެރޭގައި ހެދި ގެލެރީގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރުގެ ތެރޭގައި ނަގަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިއްރު ފެންފުށި ރިސޯޓްގެ ފަޅު ތެރޭގައި ހެދި ގެލެރީގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރުގެ ތެރޭގައި ނަގަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް އަމުރުކުރީ އެ ބުދުތައް ނެގުމުގެ އަމުރަކަށް ދައުލަތުން އެދުމުންނެވެ. އޭގެ ކުރިން އެތަކެތި ނަގަން އެ ރިސޯޓަށް ސަރުކާރުން ވެސް އެންގި އެވެ.

ދައުލަތުން ބުނާ ގޮތުން އެތަން ހަދާފައިވަނީ ހުއްދަ ދިން ގޮތާ ޚިލާފަށެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިއްރު ފެންފުށީގައި ހަދާފައި ހުރި ކޮރަލެރިއަމް އަކީ އިސްލާމްދީނުގެ ވަހުދަތާއި ދައުލަތުގެ ސުލްހަ މަސަލަސްކަމާ ޚިލާފަށް ހަދާފައިވާ ތަނެއް ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި ދައުލަތުގެ އެންމެ މަތީ މަސްލަހަތަށާއި އެ ބުދުތަކަށް އަޅުކަން ކުރުމުގެ ދޮރެއް ހުޅުވިޔަ ނުދިނުމަށްޓަކައި، އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ވެސް އެ ބުދުތައް ބެހެއްޓުން ހުއްދަ ނުކުރެވޭނެ ކަމަށް އެ އަމުރުގައިވެ އެވެ.

އެ އަމުރުގައި އަންގާފައި ވަނީ މިއަދު މެންދުރު 1:30 އިން ފެށިގެން ފަސް ގަޑިއިރުގެ ތެރޭގައި އެ ބުދުތައް އެތަނުން ނެގުމަށެވެ. އެ މުއްދަތުގައި ބުދުތައް ނުނަގައިފި ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ ތަކެތި ނަގައި، ނައްތާލަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ގާޒީ އަލީ އަބްދުﷲ ނެރުއްވި އަމުރުގައިވެ އެވެ.

އިނގިރޭސިވިލާތުގެ އާޓިސްޓެއްގެ ޚިޔާލާ އެއްގޮތަށް އުފެއްދި އެ ގެލެރީ ހަދާފައިވަނީ މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކުވައި ދިނުމަށް އިންސާނުންނާ ވައްތަރު ގޮތަކަށް ހަދާފައިވާ ބުދުތަކާއި އޭގައި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

އެ ބުދުތަކުގެ މައްސަލާގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ.