Roadha Mihaaru
ބުދުތައް ނަގަން ފަސް ގަޑިއިރުގެ މުހުލަތެއް ދީފި

ފަސް ގަޑިއިރު ތެރޭގައި ބުދުތައް ނުނަގައިފި ނަމަ ސަލާމަތީ ބާރުތަކުން އެތަކެތި ނަގާނަން: ޝިފާން

20 ސެޕްޓެމްބަރ 2018

ސިއްރު ފެންފުށި ރިސޯޓުގައި ކޮރަލޭރިމެއް ހަދައި އެތަނުގައި އިންސާނުންގެ ސިފަ އަށް ބަހައްޓާފައިވާ ބުދުތައް ކޯޓުގެ އަމުރާ އެއްގޮތަށް ފަސް ގަޑިއިރުގެ ތެރޭގައި ނުނަގައިފި ނަމަ ސަލާމަތީ ބާރުތަކުން އެތަކެތި ނަގައި ނައްތާލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ސިއްރު ފެންފުށި ރިސޯޓުގައި ކޮރަލޭރިމެއް ހަދައި އެތަނުގައި އިންސާނުންގެ ސިފަ އަށް ބަހައްޓާފައިވާ ބުދުތައް ކޯޓުގެ އަމުރާ އެއްގޮތަށް ފަސް ގަޑިއިރުގެ ތެރޭގައި ނުނަގައިފި ނަމަ ސަލާމަތީ ބާރުތަކުން އެތަކެތި ނަގައި ނައްތާލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންގެ ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން އިއްވެވި ބަޔާނެއްގައި ވިދާޅުވީ، ސިއްރު ފެންފުށީގެ ބުދުތައް ނުނަގައިފި ނަމަ އެކަން ކުރުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

"ދީފައިވާ މުހުލަތުގެ ތެރޭގައި ރިސޯޓުން އެކަން ނުކޮށްފި ނަމަ ދިވެހި ފުލުހުންނާއި ސިފައިން އެކަން ކުރާނެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" ޝިފާން ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިއަދު ނެރުއްވި ކޯޓު އަމުރުގައި ބުނެފައި ވަނީ ސިއްރު ފެންފުށީގައި ޖީބީއެޗް މޯލްޑިވްސް ރިސޯޓްސްގެ ފަރާތުން ބަހައްޓާފައިވާ ބުދުތަކުގެ ސަބަބުން އިސްލާމް ދީނުގެ ވަހުދަތާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ކަމަށެވެ.

"ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރެލިއަމަކީ އިސްލާމް ދީނުގެ ވަހުދަތާއި ދިވެހި ދައުލަތުގެ ސުލްހަ މަސްލަހަތާއި ނިޒާމު އާންމާ ހިލާފުވާ ގޮތަށް ހަދާފައިވާ ތަނެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ،" އެ އަމުރުގައިވެ އެވެ.

ސިއްރު ފެންފުށީގައި ހަދާފައި ކޮރަލޭރިއަމް: ބުދުތައް ނަގަން ދިނީ ފަސް ގަޑިއިރު -- ފޮޓޯ / ހޮޓެލިއާ މޯލްޑިވްސް

ސިއްރު ފެންފުށީގައި ހަދާފައި ކޮރަލޭރިއަމް: ބުދުތައް ނަގަން ދިނީ ފަސް ގަޑިއިރު -- ފޮޓޯ / ހޮޓެލިއާ މޯލްޑިވްސް

ބުދުތައް ނެގުމަށް އަމުރު ކުރުމުގައި "ދިވެހިރާއްޖޭގައި ބުދުު ބެހެއްޓި، ބުދަށް އަޅުކަން ކުރަން ފެށިދާނެ އެއްވެސް މަގަކަށް މަގުފަހިވާނޭ ދޮރެއް ހުޅުވިގެން ނުދާނެ ގޮތުގެ މައްޗަށް" ކޯޓުން ބަލާފައިވާ ކަމަށް ވެސް ގާޒީ އަލީ އަބްދުﷲގެ އަމުރުގައިވެ އެވެ.

މީގެ އިތުރުން ސިއްރު ފެންފުށި ރިސޯޓުން ބުދުތައް ނަގައި އެ ތަކެތި ދައުލަތުން އަންގާ ގޮތެއްގެ މަތިން ނައްތާލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

"މިއަދުގެ 13:30 އިން ފެށިގެން ފަށް ގަޑިއިރުގެ ތެރޭގައި ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުން [ބުދުތައް] ނެގުމަށް ދައުވާ ލިބޭ ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކޮށް މި އަމުރު ކުރެވުނު ވަގުތުގެ ތެރޭގައި އެތަކެތި ދައުވާ ލިބޭ ފަރާތުން ނަގާފައިނުވާ ނަމަ އެ ވަގުތު ހަމަވާ ވަގުތުން ފެށިގެން އެ ތަކެތި ނަގަން ފަށައި ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ނިންމުމަށާއި ދައުލަތުން ކަނޑައަޅާ ގޮތެއްގެ މަތީން އެތަކެތި ނައްތާލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަންގާ އަމުރު ކުރަން،" އެ އަމުރުގައިވެ އެވެ.