Roadha Mihaaru
"ދޫމް 4" އަށް އަކްޝޭ ކުމާރު؟

"ދޫމް 4" އަށް އަކްޝޭ ކުމާރު؟

27 އޮކްޓޯބަރ 2019

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް 4" އާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެ އެވެ. އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މި ފިލްމުން ސަލްމާން ޚާން ނުވަތަ ޝާހްރުކް ޚާން ފެނިދާނެ ކަމަށް ބުނާ ވާހަކަތަކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް 4" އާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެ އެވެ. އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މި ފިލްމުން ސަލްމާން ޚާން ނުވަތަ ޝާހްރުކް ޚާން ފެނިދާނެ ކަމަށް ބުނާ ވާހަކަތަކެވެ.

އެ ދެ ތަރިން އެއްފަރާތްކޮށްފައި މިހާރު މި ފިލްމާ ބެހޭ ގޮތުން ދެކެވޭ އެންމެ ހޫނު ވާހަކަ އަކީ "ދޫމް 4" އަކްޝޭ ކުމާރަށް ހުށަހެޅި ވާހަކަ އެވެ. އެކަމަކު މިއީ އަދި ތޯތޯ ވާހަކައެކެވެ. ވައިއާރްއެފާއި އަކްޝޭ ވެސް ފިލްމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބައެއް މީޑިއާތަކުން ބުނިގޮތުގައި "ދޫމް 4" އަކްޝޭ އަށް ހުށަހެޅީ މިދިޔަ އަހަރު ރިލީޒްކުރި ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ގައި އަކްޝޭ ކުޅުނު ވިލަންގެ ކެރެކްޓާ ވައިއާރްއެފްގެ ޓީމަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާތީ އެވެ.

"ދޫމް" ފިލްމުތަކުގައި އަބަދު ވެސް ފިލްމުގެ ހީރޯ އަކީ ފިލްމުގެ ވިލަން އެވެ. އެހެންވެ ހަތަރު ވަނަ ބަޔަށް އަކްޝޭ ކުމާރު ގެންނަން މިއީ ރަނގަޅު ދަނޑިވަޅެއް ކަމަށް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ވެސް ގަބޫލުކުރާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މިޑް-ޑޭ އިން ބުނެފައިވާ ގޮތުގައި "ދޫމް 4" އިން އަކްޝޭ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އޭނާއާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ 2017 ގެ މިސް ވޯލްޑްގެ ތާޖް ހާސިލުކުރި މަނޫޝީ ޗިލާރް ކަމަށް ވެސް ބުންޏެވެ. މީގެ ކުރިން ވެސް ވަނީ އަކްޝޭއާ އެކު، މަނޫޝީ ބޮލީވުޑަށް ތައާރަފުކުރަން އުޅޭ ވާހަކަތަކެއް ދެކެވިފަ އެވެ.

އަކްޝޭގެ އަތުގައި މިހާރު ވެސް ވައިއާރްއެފްގެ ފިލްމެއް އެބައޮތެވެ. އެއީ އެ ސްޓޫޑިިއޯގެ ބިޔަ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ތާރީހީ ފިލްމު "ޕްރިތުވީރާޖް" އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ ދިވާލީ އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.

"ދޫމް" ސީރީޒްގެ އެންމެ ފަހުގެ ފިލްމު ގެނެސްދިނީ 2013 ގަ އެވެ. އޭގައި އާމިރު ޚާން ޑަބަލް ރޯލެއް ކުޅުނު އިރު، ބަތަލާއަކީ ކެޓްރީނާ ކެއިފެވެ. "ދޫމް 2" 2006 ގައި ގެނެސްދިން އިރު، އެ ފިލްމުގެ މައިގަނޑިު ތަރިންނަކީ ރިތިކް ރޯޝަނާއި އައިޝްވާރިޔާ ރާއީ އާއި ބިޕާޝާ ބާސޫ އެވެ. ޖޯން އަބްރަހަމް ވިލަންގެ ރޯލް ކުޅުނު 2004 ގެ "ދޫމް" ގެ ބަތަލާއިންނަކީ އީޝާ ޑިއޯލް އާއި ރިމީ ސެން އެވެ.

މިއިން ކޮންމެ ފިލްމެއްގެ އާންމު ދެ ތަރިންނަކީ ފުލުހުންގެ ރޯލް ކުޅޭ އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ އެވެ. "ދޫމް" ގެ ފުރަތަމަ ދެބައި ސަންޖޭ ގަދްވީ ޑައިރެކްޓްކުރި ނަމަވެސް "ދޫމް 3" ޑައިރެކްޓްކުރީ ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗާރިއާ އެވެ.