Roadha Mihaaru
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި

އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި

25 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ރޭ ބައްދަލު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ރޭ ބައްދަލު ކުރައްވައިފި އެވެ.

ނުހައްގުން އަނިޔާ ލިބެމުންދާ އެންމެންނަށް އިންސާފު ހޯދައި ދެއްވާނެ ކަމުގެ ވައުދާ އެކު ކެމްޕޭން ކުރައްވައި ރައީސަކަށް ހޮވިވަޑައިގެންފައިވާ އިބޫ، އިމްރާނާ ބައްދަލުކުރެއްވީ އޭނާގެ ގެ އަށް ވަޑައިގެންނެވެ. ޓެރަރިޒަމްގެ ކުށުގައި، އިއްވި 12 އަހަރުގެ ހުކުމާއެކު މާފުށީ ޖަލުގައި ހައްޔަރު ކުރި އިމްރާން ގޭ ބަންދަށް ބަދަލުކުރީ މި އަހަރުގެ ޖޫން، 26 ގަ އެވެ.

އިބޫ، އިންތިޚާބު ކާމިޔާބު ކުރެއްވީ އިމްރާން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު ހަތަރު ލީޑަރުންގެ އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ. އިމްރާންގެ އިތުރުން އެ ކޯލިޝަންގެ އިސް ލީޑަރުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ކޯލިޝަންގެ ކާމިޔާބީ އަށް ފަހު، އިމްރާނަކީ އިބޫ ބައްދަލު ކުރެއްވި ފުރަަތަމަ ލީޑަރެވެ. މައުމޫން ހުންނެވީ ޖަލުގަ އެވެ. ޖަލު ހުކުމެއްގައި ތިއްބެވިޔަސް، ބޭސް ފަރުވާ އަށް ވަޑައިގަތުމަށް ފަހު، ނަޝީދާއި ގާސިމް ދިރިއުޅުއްވަނީ، ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގަ އެވެ.

އިބޫ، އިމްރާންއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގެ ތަފްސީލެއް އިދިކޮޅު ޕާޓީތަކުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، ދެ ބޭފުޅުން މި ބައްދަލު ކުރެއްވީ، މި ސަރުކާރުން ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ކުރަމުން ދަނިކޮށެވެ.

ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޖަލަށް ލި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ރޭގައި ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.

އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.

މި ގޮވާލުންތަކާ އެއްގޮތަށް، ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލަން އިބޫ ވަނީ ރައީސް ޔާމީނަށް ހުށަހަޅުއްވައިފަ އެވެ. އަދި ރައީސް ޔާމީންގެ ދައުވަތަކަށް އިބޫ އިއްޔެ ރައީސް އޮފީހަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވި އެވެ.

ރައީސް ޔާމީނާއި އިބޫގެ ބައްދަލުކުރެއްވުމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުގައި، ސިޔާސީ ކުށްވެރިން އިއްޔެ ހަވީރުން ފެށިގެން ކޯޓަށް ހާޒިރު ކޮށް މިނިވަން ކުރަމުން އަންނަނީ ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ މަތިންނެވެ.