Roadha Mihaaru
މައްކާ އާއި މަދީނާއާ ދެމެދު ދަތުރު ކުރަން ދެން ދެ ގަޑިއިރު

މައްކާ އާއި މަދީނާއާ ދެމެދު ހައި ސްޕީޑް ރޭލް ދަތުރުތައް އިފްތިތާހު ކޮށްފި

26 ސެޕްޓެމްބަރ 2018

މައްކާ (ސެޕްޓެމްބަރު 26) - ސައުދީ އަރަބިއާގެ މާތްވެގެންވާ މައްކާ އާއި މަދީނާއާ ދެމެދު ދަތުރު ކުރަން ގާއިމްކުރި ހައި ސްޕީޑް ރޭލް ދަތުރުތައް ދިގު އިންތިޒާރަކަށް ފަހު ރަސްގެފާން ސަލްމާން އިއްޔެ އިފްތިތާހް ކޮށްދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (ސެޕްޓެމްބަރު 26) - ސައުދީ އަރަބިއާގެ މާތްވެގެންވާ މައްކާ އާއި މަދީނާއާ ދެމެދު ދަތުރު ކުރަން ގާއިމްކުރި ހައި ސްޕީޑް ރޭލް ދަތުރުތައް ދިގު އިންތިޒާރަކަށް ފަހު ރަސްގެފާން ސަލްމާން އިއްޔެ އިފްތިތާހް ކޮށްދެއްވައިފި އެވެ.

ރަތް ކަނޑުގެ ޖިއްދާ އާއި މައްކާ އަދި މަދީނާ ގުޅުވާލަ ދޭ 450 ކިލޯ މީޓަރު (280 މޭލު) ގެ ހަރަމައިން އެކްސްޕްރެސްގެ ދަތުރުތައް އާއްމު ފަރާތްތަކަށް އަންނަ ހޯމަ ދުވަހު ހުޅުވާލާ އިރު 35 ރޭލް ދަތުރު ކުރާނެ އެވެ. ކޮންމެ ރޭލަކުން 417 ޕަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ސްޕީޑަކީ ގަޑިއަކު 300 ކިލޯ މީޓަރު (186 މޭލު) އެވެ. އެހެންކަމުން ހައްޖާ އާއި އުމްރާ އަދި އެނޫން ބޭނުންތަކަށް ދަތުރު ކުރާ ފަރާތްތަކުން މައްކާ އާއި މަދީނާއާ ދެމެދު މިހާރު ކުރާ ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރުގެ ބަސް ދަތުރު ގާތްގަނޑަކަށް ދެ ގަޑިއިރު ނުވަތަ ދޮޅު ގަޑިއިރަށް ކުޑަވެގެންދާނެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފައިވެ އެވެ.

ހަރަމައިން އެކްސްޕްރެސްގެ ކޮންމެ ރޭލަކުން 417 މީހުންނަށް ދަތުރު ކުރެވޭނެ. --ފޮޓޯ:ރޮއިޓާސް

ހަރަމައިން އެކްސްޕްރެސްގެ ކޮންމެ ރޭލަކުން 417 މީހުންނަށް ދަތުރު ކުރެވޭނެ. --ފޮޓޯ:ރޮއިޓާސް

މައްކާގެ ސްޓޭޝަން ގާއިމްކޮށްފައި ވަނީ ހަރަމްފުޅާ ހަތަރު ކިލޯ މީޓަރު (2.5 މޭލު) ދުރުގަ އެވެ. އެ ސްޓޭޝަނުން ގަޑިއަކު 20،000 ޕަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެވެ. އޮފިޝަލުން އުއްމީދު ކުރަނީ ހަރަމައިން އެކްސްޕްރެސް މެދުވެރިކޮށް އަހަރަކު 60 މިލިއަން މީހުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ.

މައްކާ އާއި މަދީނާއާ ދެމެދު ކޮޅަކަށް އަށް ދަތުރު މި އަހަރު ނިމެންދެން ކުރާނެ އެވެ. އޭގެ ފަހުން 12 ދަތުރަށް އިތުރު ކުރާނެ އެވެ.

ހަރަމައިން އެކްސްޕްރެސް އިން ފަސް ސްޓޭޝަނެއް ގުޅާނާ އެވެ. އެއީ މައްކާ، ޖިއްދާ، ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓް، ރާބިޣު އަދި މަދީނާ އެވެ. މި މަޝްރޫއު ނިންމާފައި މި ވަނީ ކަނޑައެޅި ތާރީޚަށް ވުރެ ހަ އަހަރު ލަހުންނެވެ.

ހަރަމައިން ރޭލް އިން މައްކާ އާއި މަދީނާއާ ދެމެދު ކުރާ ދަތުރު ދެ ގަޑިއިރަށް ވުރެ އަވަސް ވާނެ. --ފޮޓޯ:ރޮއިޓާސް

ހަރަމައިން ރޭލް އިން މައްކާ އާއި މަދީނާއާ ދެމެދު ކުރާ ދަތުރު ދެ ގަޑިއިރަށް ވުރެ އަވަސް ވާނެ. --ފޮޓޯ:ރޮއިޓާސް

ހައި ސްޕީޑް ރޭލުގެ ޚިދުމަތް ފަށާއިރު މައްކާ އާއި މަދީނާއާ ދެމެދު ދަތުރު ކުރަން ކޮޅަކަށް ޓޫރިސްޓް ކްލާސް ޓިކެޓެއްގެ އަގަކީ 75 ރިޔާލެވެ. މައްކާ-ޖިއްދާ 20 ރިޔާލް، މައްކާ-ރާބިޣް 40 ރިޔާލް، ޖިއްދާ-ރާބިޣް 23 ރިޔާލް، ޖިއްދާ-މަދީނާ 63 ރިޔާލް، އަދި ރާބިޣު-މަދީނާ 50 ރިޔާލް ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. މައްކާ އާއި މަދީނާއާ ދެމެދު ކޮޅަކަށް ބިޒިނަސް ކްލާސް ޓިކެޓެއްގެ އަގަކީ 125 ރިޔާލެވެ. މައްކާ އާއި ޖިއްދާއާ ދެމެދު ބިޒިނަސް ކްލާސް ޓިކެޓެއްގެ އަގަކީ 25 ރިޔާލެވެ. ކަމާ ބެހޭ އޮފިޝަލުން ބުނީ ޓިކެޓް އަގު ކުރިއަށް އޮތް ތަނުގައި ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.