Roadha Mihaaru
މައްކާ އާއި މަދީނާގައި 24 ގަޑިއިރު ކާފިއު ހިންގައިފި

ކޮވިޑް-19: މައްކާ އާއި މަދީނާގައި 24 ގަޑިއިރު ކާފިއު ހިންގައިފި

03 އެޕްރީލް 2020

މައްކާ (އެޕްރީލް 3) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން، މުސްލިމުންގެ އެންމެ މާތް ދެ ހަރަމްފުޅު ހިމެނޭ ސައުދީ އަރަބިއާގެ މައްކާ އާއި މަދީނާގައި 24 ގަޑިއިރު ކާފިއު ހިންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (އެޕްރީލް 3) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން، މުސްލިމުންގެ އެންމެ މާތް ދެ ހަރަމްފުޅު ހިމެނޭ ސައުދީ އަރަބިއާގެ މައްކާ އާއި މަދީނާގައި 24 ގަޑިއިރު ކާފިއު ހިންގައިފި އެވެ.

ސައުދީ އަރަބިއާގެ ދާޚިލީ ވުޒާރާ އިން އަންގާފައި ވަނީ އަސާސީ ތަކެތި ގަތުމަށް (އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސް ހިމެނޭ) ބޭރަށް ނުކުތުމާއި ބޭސް ފަރުވާ އަށް ހޮސްޕިޓަލް ފަދަ ތަންތަނަށް ދިއުން ފިޔަވައި މައްކާ އާއި މަދީނާގައި އެއްވެސް ވަގުތެއްގައި މީހުން ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. ކޮންމެހެން ތަނަކަށް ދާން ޖެހިއްޖެ ނަމަ ކާރެއްގައި އުފުލޭނީ އެއް ފަސިންޖަރެވެ.

ސައުދީން ކުރިން ވެސް ވަނީ މައްކާ އާއި މަދީނާ އަދި ދިއްޖާގައި މެންދުރު ފަހު 3 އިން ފެށިގެން ހެނދުނު 6 އާ ދެމެދު ކާފިއު ހިންގައިފަ އެވެ. މައްކާ އާއި މަދީނާ، ޖިއްދާ އަދި ވެރިރަށް ރިޔާޒަށް ވަދެ ނުކުމެ އުޅުން ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ.

ކާފިއު ހިންގާފައިވާ ސައުދީ އަރަބިއާގެ ޖިއްދާގެ މަގެއް އިއްޔެ ފަޅުވެފައި. --ފޮޓޯ:އޭއެފްޕީ

ކާފިއު ހިންގާފައިވާ ސައުދީ އަރަބިއާގެ ޖިއްދާގެ މަގެއް އިއްޔެ ފަޅުވެފައި. --ފޮޓޯ:އޭއެފްޕީ

ސައުދީގެ ހައްޖު މިނިސްޓަރު ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތައްޔާރީތައް އިހަށް މަޑުޖައްސާލުމަށް މުސްލިމް ގައުމުތަކަށް އަންގަވައިފަ އެވެ.

ސައުދީން މިހާރު ވެސް ވަނީ އުމްރާގެ އަޅުކަން މެދުކަނޑާލައިފަ އެވެ. އަދި ބައިނަލްއަގުވާމީ ފްލައިޓްތައް ހުއްޓާލައި ސްކޫލްތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ.

ސައުދީގައި ކޮރޯނާވައިރަސް އެންމެ ހަލުއިކަމާ އެކު ފެތުރޭ ގާތިފް ޕްރޮވިންސް ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު ހަތަރު ހަފުތާ ވެއްޖެ އެވެ.

ސައުދީ އަރަބިއާގައި މިހާތަނަށް ވަނީ 1،885 މީހުން ޕޮޒިޓިވްވެ 21 މީހުން މަރުވެފަ އެވެ.