Roadha Mihaaru
މައްކާ-މަދީނާއާ ދެމެދު ހައި ސްޕީޑް ރޭލް އާއްމުންނަށް

މައްކާ-މަދީނާއާ ދެމެދު ހައި ސްޕީޑް ރޭލް އާއްމުންނަށް ހުޅުވާލައިފި

12 އޮކްޓޯބަރ 2018

މައްކާ (އޮކްޓޯބަރު 12) - މައްކާ އާއި މަދީނާއާ ދެމެދު ދަތުރު ކުރަން ހެދި ހައި-ސްޕީޑް ރޭލް އާއްމު ދަތުރުތަކަށް އިއްޔެ ހުޅުވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (އޮކްޓޯބަރު 12) - މައްކާ އާއި މަދީނާއާ ދެމެދު ދަތުރު ކުރަން ހެދި ހައި-ސްޕީޑް ރޭލް އާއްމު ދަތުރުތަކަށް އިއްޔެ ހުޅުވާލައިފި އެވެ.

ރަތް ކަނޑުގެ ޖިއްދާ އާއި މައްކާ އަދި މަދީނާ ގުޅުވާލަ ދޭ 450 ކިލޯ މީޓަރު (280 މޭލު) ގެ ހަރަމައިން ހައި ސްޕީޑް ރެއިލް ގަޑިއަކު 300 ކިލޯ މީޓަރަށް ދަތުރު ކުރެ އެވެ. އާއްމުންނަށް ދަތުރުތައް ހުޅުވާލުމާ އެކު އެންމެ ފުރަތަމަ ދަތުރު ކުރީ މައްކާ އިން މަދީނާ އަށެވެ. ކޮންމެ ރޭލަކުން 417 ޕަސިންޖަރުންނަށް ދަތުރު ކުރެވެ އެވެ.

މައްކާގެ ރޭލް ސްޓޭޝަނުގެ ރޭލެއްގައި ޕަސިންޖަރުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މައްކާގެ ރޭލް ސްޓޭޝަނުގެ ރޭލެއްގައި ޕަސިންޖަރުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ހައި-ސްޕީޑް ރޭލް ދަތުރުތައް މިދިޔަ މަހު 25 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވީ ރަސްގެފާން ސަލްމާން އެވެ. ހައި- ސްޕީޑް ރޭލް ދަތުރުތައް ފެށުމުން މައްކާ އާއި މަދީނާއާ ދެމެދު މިހާރު ކުރާ ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރުގެ ބަސް ދަތުރު ގާތްގަނޑަކަށް ދެ ގަޑިއިރު ނުވަތަ ދޮޅު ގަޑިއިރަށް ކުޑަވެގެންދާނެ އެވެ.

މައްކާގެ ސްޓޭޝަން ގާއިމްކޮށްފައި ވަނީ ހަރަމްފުޅާ ހަތަރު ކިލޯ މީޓަރު (2.5 މޭލު) ދުރުގަ އެވެ. އެ ސްޓޭޝަނުން ގަޑިއަކު 20،000 ޕަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެވެ. އޮފިޝަލުން އުއްމީދު ކުރަނީ ހަރަމައިން އެކްސްޕްރެސް މެދުވެރިކޮށް އަހަރަކު 60 މިލިއަން މީހުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ.

މައްކާގެ ރޭލް ސްޓޭޝަނުގައި ބަޔަކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މައްކާގެ ރޭލް ސްޓޭޝަނުގައި ބަޔަކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މައްކާ އާއި މަދީނާއާ ދެމެދު ކޮޅަކަށް ދުވާލަކު އަށް ދަތުރު މި އަހަރު ނިމެންދެން ކުރާނެ އެވެ. އޭގެ ފަހުން 12 ދަތުރަށް އިތުރު ކުރާނެ އެވެ.

ހަރަމައިން އެކްސްޕްރެސް އިން ފަސް ސްޓޭޝަނެއް ގުޅާނާ އެވެ. އެއީ މައްކާ، ޖިއްދާ، ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓް، ރާބިޣު އަދި މަދީނާ އެވެ. މި މަޝްރޫއު ނިންމާފައި މި ވަނީ ކަނޑައެޅި ތާރީޚަށް ވުރެ ހަ އަހަރު ލަހުންނެވެ.

މައްކާގެ ރޭލް ސްޓޭޝަނުގައި ބަޔަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

މައްކާގެ ރޭލް ސްޓޭޝަނުގައި ބަޔަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ހައި ސްޕީޑް ރޭލުގެ ޚިދުމަތް ފެށިއިރު މައްކާ އާއި މަދީނާއާ ދެމެދު ދަތުރު ކުރަން ކޮޅަކަށް ޓޫރިސްޓް ކްލާސް ޓިކެޓެއްގެ އަގަކީ 75 ރިޔާލެވެ. މައްކާ-ޖިއްދާ 20 ރިޔާލް، މައްކާ-ރާބިޣް 40 ރިޔާލް، ޖިއްދާ-ރާބިޣް 23 ރިޔާލް، ޖިއްދާ-މަދީނާ 63 ރިޔާލް، އަދި ރާބިޣު-މަދީނާ 50 ރިޔާލް ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. މައްކާ އާއި މަދީނާއާ ދެމެދު ކޮޅަކަށް ބިޒިނަސް ކްލާސް ޓިކެޓެއްގެ އަގަކީ 125 ރިޔާލެވެ. މައްކާ އާއި ޖިއްދާއާ ދެމެދު ބިޒިނަސް ކްލާސް ޓިކެޓެއްގެ އަގަކީ 25 ރިޔާލެވެ. ކަމާ ބެހޭ އޮފިޝަލުން ބުނީ ޓިކެޓް އަގު ކުރިއަށް އޮތް ތަނުގައި ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.