Roadha Mihaaru
އިންތިޚާބުގެ ނަތީޖާ އަޅުގަނޑު ގަބޫލުކުރަން: ނައިބު ރައީސް

އިންތިޚާބުގެ ނަތީޖާ އަޅުގަނޑު ގަބޫލުކުރަން: ނައިބު ރައީސް ޖިހާދު

03 އޮކްޓޯބަރ 2018

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ދެންމެ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ދެންމެ ވިދާޅުވެއްޖެ އެވެ.

"މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން ނައިބު ރައީސް ޖިހާދު ވިދާޅުވީ "ނަތީޖާ ގަބޫލު ނުކުރަންޖެހޭ އެއްވެސް ކަމެއް ހިނގާފައިވާ" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މިރޭ މަރުހަބާ ވެސް ދަންނަވާފައިވާނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ އެ އޮތީ ފެންނަން. އަޅުގަނޑު އެ ބަލައިފިން. އޭގައި މައްސަލައެއް އުޅޭ ކަމަކަށް ނުދެކެން،" ރައީސް ޔާމީންގެ ވެރިކަމުގެ ތިންވަނަ ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް، އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ބައެއް އިސްވެރިންގެ ވިސްނުން އެ މައްސަލާގައި ވަރަށް ބޮޑަށް ތަފާތެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކް ކޮށްފައިވާއިރު، އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައިވާކަން އެ އޯޑިއޯއިން ވެސް އެނގޭ ކަމަށް ރައީސް ޔާމީން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވިދާޅުވެފަ އެވެ.

"އޯޑިއޯ ކްލިޕްތަކުގައި ހުރި ވާހަކައިން އެނގޭ [އިލެކްޝަންސް ކޮމިޝަނަށް] ނުފޫޒު ފޯރާފައި ހުރި ކަން ހަމަ ހުރިހާ ރައްޔިތުން ނިންމާނެ ދެއްތޯ. އެއީ ރައީސް ޔާމީން އެކަނި ނިންމާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުން ވެސް އެ ގޮތަށް ނިންމާނެ،" އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމަށާއި ހައްޔަރު ކުރަން ގޮވާލައި ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ބައެއް އިސްވެރިން ވިދާޅުވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށާއި އެހެން އިންތިޚާބު ބާތިލް ކުރަންޖެހޭނެ ކަމަށެވެ. އަދި އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އެ ޕާޓީގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓު އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓާ އެކު އެވެ.