Roadha Mihaaru
އިބޫ، ޕޮލިސް ކޮމިޝަނަރު ހަމްދޫނާ ބައްދަލު ކުރައްވައިފި

އިބޫ، ޕޮލިސް ކޮމިޝަނަރު ހަމްދޫނާ ބައްދަލު ކުރައްވައިފި

07 އޮކްޓޯބަރ 2018

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ފުލުހުންގެ މައި މަރުކަޒުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ފުލުހުންގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އިބޫގެ އޮފީހުން އަދި އާއްމެއް ނުކުރެ އެވެ.

އިބޫ، އިންތިޚާބު ކާމިޔާބު ކުރެއްވި އިރު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އަބްދުﷲ ނަވާޒެވެ. އިބޫ، އޭނާއާ ބައްދަލުކުރައްވާފައި ވަނިކޮށް، ނަވާޒު މަގާމުން ވަކިކުރައްވައި އެންވަޔަރްމެންޓް މިނިސްޓްރީިގެ ޑެޕިއުޓީ މިނިސްޓަރަކަށް ވަނީ ހަމަޖައްސަވައިފަ އެވެ.

ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާ އެކު، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް، އެ މަނިކުފާނު ބޭނުންފުޅުވާ ބޭފުޅަކު ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމުން އިބޫ ފާޑުވިދާޅުވި އެވެ. ދައުލަތުގެ މުއައްސަސާތަކަށް ބަދަލު ނުގެނައުމަށް ރައީސް ޔާމީންގެ ސަރުކާރަށް އެކިފަހަރު މަތިން ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވަނިކޮށް، ބަދަލުތައް ގެނައުން ބަލައިނުގަނެވޭ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.

އިބޫ އާއި ޕޮލިސް ކޮމިޝަނަރު ހަމްދޫން، ބައްދަލު ކުރައްވާއިރު، ރިޔާޒާއި އެމްސީ ހަމީދު އަރިހުގައި. --ފޮޓޯ/އެމްޑީޕީ

އިބޫ އާއި ޕޮލިސް ކޮމިޝަނަރު ހަމްދޫން، ބައްދަލު ކުރައްވާއިރު، ރިޔާޒާއި އެމްސީ ހަމީދު އަރިހުގައި. --ފޮޓޯ/އެމްޑީޕީ

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، ފުލުހުންގެ މުއައްސަސާ އަށް ގެނައި ކުއްލި ބަދަލަކީ، ރައީސް ޔާމީން ބޭނުންފުޅުވާ ކަންތައްތަކެއް ނުފޫޒުގެ ބޭނުން ކުރައްވައިގެން އެ މުއައްސަސާގެ ތެރެއިން ކުރެއްވުމަށް ކުރެއްވި ކަމެކެވެ. އޭގެ ތެރޭގައި، އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުން ރެކިވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުން ހިމެނޭ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

ފުލުހުންގެ މުއައްސަސާ ހިންގެވުން ނަވާޒްއާ ހަވާލުކުރެއްވީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ނިންމުމަށް އެއްބާރުލުން ދެއްވަން އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ދެކޮޅު ހެއްދެވި ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ.