Roadha Mihaaru
މައުމޫންގެ މައްސަލާގެ އިޖްރާއާތެއް ގޯސް ކަމަށް އެއްބަސް

މައުމޫންގެ މައްސަލާގައި ދަށު ކޯޓުން އަމަލުކުރި އިޖްރާއާތެއް ގޯސް ކަމަށް ދައުލަތުން އެއްބަސްވެއްޖެ

11 އޮކްޓޯބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ހުކުމްކުރި މައްސަލާގައި ދަށު ކޯޓުން އަޑުއެހުންތައް ތާވަލްކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށާއި އަދި ވަކީލުން ހަމަޖައްސަން މައުމޫނަށް ދަށު ކޯޓުން ދިނީ އެކަށީގެންވާ ވަގުތު ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެއްބަސް ވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ހުކުމްކުރި މައްސަލާގައި ދަށު ކޯޓުން އަޑުއެހުންތައް ތާވަލްކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށާއި އަދި ވަކީލުން ހަމަޖައްސަން މައުމޫނަށް ދަށު ކޯޓުން ދިނީ އެކަށީގެންވާ ވަގުތު ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެއްބަސް ވެއްޖެ އެވެ.

އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް މައުމޫން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނު ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމް މައުމޫންގެ ފަރާތްޕުޅުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެއްބަސްވީ ޝަރީއަތުގެ އަޑުއެހުންތައް ތާވަލް ކުރުމާ ބެހޭގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން ދަށު ކޯޓުން އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަޑުއެހުންތައް ބާއްވާނެ ދުވަސްތަކުގެ ތާވަލެއް ދެ ފަރާތާ މަޝްވަރާ ކުރުމަށް ފަހު ކޯޓުން އެކުލަވާލަން ޖެހޭ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނެފައި އޮތަސް، މައުމޫންގެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު އެގޮތަށް އަމަލު ކޮށްފައި ނެތް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުންޏެވެ.

އެކަމަކު ދައުލަތުން ބުނިގޮތުގައި އެ އިޖްރާއާތު ފުރިހަމަ ކޮށްފައި ނެތަސް، ދަށު ކޯޓުން އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ދެ ފަރާތުގެ މަސްލަހަތުތައް ރައްކާތެރި ކުރެވޭނެ ފަދަ ގޮތަކަށެވެ. އެގޮތުން މައުމޫންގެ އެދިވަޑައިގަތުމަށް ބައެއް އަޑުއެހުންތައް ދަށު ކޯޓުން ފަސްކޮށްދިން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރު މައުމޫންގެ ވަކީލުން މައްސަލަ ދޫކޮށްލުމުން އާ ވަކީލުން އައްޔަން ކުރަން މައުމޫނަށް ދަށު ކޯޓުން ދިން ފުރުސަތަކީ ވެސް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ވެސް ދައުލަތުން މިއަދު ހައި ކޯޓުގައި އެއްބަސްވި އެވެ.

ޝަރީއަތް ހިނގާ ގޮތާ މެދު ހިތްހަމަނުޖެހިގެން މައުމޫންގެ ވަކީލުން އެ މައްސަލަ ދޫކޮށްލުމުން އެހެން ވަކީލުން އައްޔަން ކުރަން އެކަށީގެންވާ ފުރުސަތު ދަށު ކޯޓުން ނުދޭ ކަމަށް ބުނެ އެކަން މައުމޫންގެ ވަކީލުން ފާހަގަ ކުރުމުން ދައުލަތުން ބުނީ ވަކީލުން މައްސަލަ ދޫކޮށްލުމަކީ ވަކީލުންގެ ހައްގު މައުމޫނަށް ނުލިބޭ ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ވަކީލުން އަމިއްލަ އަށް މައްސަލަ ދޫކޮށްލުމުން އެހެން ވަކީލުން އައްޔަން ކުރަން ވަކި މުއްދަތެއް ދޭންޖެހޭ ކަމަށް ގާނޫނުގައި ބުނެފައި ނެތް ކަމަށެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ދައުލަތުން ހައި ކޯޓުގައި ވާހަކަ ދައްކަނީ ދަށު ކޯޓުގައި ދެއްކި ގޮތާ މުޅިން ޚިލާފަށް ކަމަށެވެ. މައުމޫންގެ ފަރާތްޕުޅުން އާ ވަކީލުން އައްޔަން ނުކުރެވެނީސް އަޑުއެހުންތައް ކުރިއަށް ގެންދާތީ އެކަމުގެ ޝަކުވާ މައުމޫންގެ ފަރާތުން ކުރެއްވުމުން އެކަމަށް ތާއީދުކޮށް ދައުލަތުން ވެސް ދަށު ކޯޓުގައި ވާހަކަ ދެއްކިކަން ލިޔުންތަކުން އެނގޭ ކަމަށް ޝަމީލް ވިދާޅުވި އެވެ.

އާ ވަކީލުން އައްޔަން ކުރަން ދަށު ކޯޓުން މައުމޫނަށް ދިން ފުރުސަތަކީ އެކަށީގެންވާ ފުރުސަތެއް ކަމަށް ދައުލަތުން ގަބޫލު ކުރޭތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ވަކީލުން އައްޔަން ދަށު ކޯޓުން މައުމޫނަށް ދިނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެއީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

އެކަން ކަމަށް ދައުލަތުން އެއްބަސް ވިޔަސް، މައުމޫންގެ ފަރާތުން ހައި ކޯޓުގައި ފާހަގަކުރި އެހެން ހުރިހާ ނުކުތާތަކާ ގުޅިގެން ދައުލަތުން ވާހަކަ ދެއްކީ ދަށު ކޯޓުގެ ނިންމުން ދިފާއުކޮށްފަ އެވެ. ދަށު ކޯޓުން އަމަލުކުރި އިޖްރާއާތާއި އެ މައްސަލާގެ މައުޟޫއާ ގުޅޭގޮތުން މައުމޫން ފަރާތުން މައިގަނޑު 36 ނުކުތާއެއް ފާހަގަ ކުރިއިރު، އެހެން ހުރިހާ ކަމަކާ ގުޅޭގޮތުން ދައުލަތުން ވާހަކަ ދެއްކީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ދަށު ކޯޓުގެ ނިންމުން ދިފާއުކޮށް ދައުލަތުން ވާހަކަ ދެއްކިޔަސް، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިދޭން އެދޭ ކަމަކަށް ދައުލަތުން ސީދާ ނުބުންޏެވެ. އޭގެ ބަދަލުގައި ދައުލަތުން ފުރަތަމަ އެދުނީ އެ މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމައި ދިނުމަށެވެ.

އެގޮތަށް ދައުލަތުން ބުނުމުން، ފަނޑިޔާރުން ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އަލީ ސަމީރު ވިދާޅުވީ މައްސަލާގައި ގޮތެއް ނިންމާނީ ޝަރީއަތުން ކަމަށާއި އެކަމަކު ދައުލަތުން އެދެނީ ކޮން ގޮތަކަށްތޯ ވިދާޅުވެ، ދައުލަތާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އިއްވައިދޭން އެދޭ ކަމަށެވެ. އެކަމަކު ދަށު ކޯޓުގެ ނިންމުން ދަމަހައްޓައި ދިނުމަށް ނުވަތަ ބާތިލްކޮށް ދިނުމަކަށް އެދޭ ކަމަކަށް ވެސް ސީދާ ނުބުނެ އެވެ.

އެކަމާ ގުޅިގެން މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިޖްރާއާތު ގޯސް ކަމަށް ދައުލަތުން އެއްބަސްވުމުން އެ ހިސާބުން ދަށު ކޯޓުގެ ނިންމުން ބާތިލްކުރަން ޖެހޭ ކަމަށެވެ. ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވާ ކޮންމެ ކަމެއް ބާތިލްވާނެ ކަމަށް ހައި ކޯޓުގެ ކުރީގެ ހުކުމެއްގައި އޮންނަކަން ފާހަގަ ކުރައްވައި، ޝަމީމް ވިދާޅުވީ ގާނޫނުގައި ސާފުކޮށް ލިޔެފައިވާ ކަމަކާ ޚިލާފްވުމުން އެ ހިސާބުން އޭގެފަހަށް އަންނަ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ފޯނެއް ނުދިން ކަމަށް ބުނެ މައުމޫންގެ މައްޗަށް އުފުލި އެ ދައުވާ ސާބިތުވާ ކަމަށް ނިންމިއިރު، ކުށުގެ ފުރަތަމަ އުންސުރު ދައުލަތުން އެއްވެސް މިންވަރަކަށް ސާބިތުކޮށެއް ނުދެ އެވެ. އެ ކުށުގެ ފުރަތަމަ އުންސުރަކީ މައުމޫން ފޯނެއް ގެންގުޅުއްވާ ކަން ސާބިތު ކުރުން ކަމަށާއި އެކަމަކު އެއްވެސް ހެކިވެރިއެއްގެ ބަހަށް ބަލާއިރު، އެމަނިކުފާނު ހައްޔަރު ކުރިއިރު އެމަނިކުފާނު ފޯނެއް ގެންގުޅުއްވި ކަން އެނގެން ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

މައުމޫން ފޯނެއް ގެންގުޅުއްވި ކަން ސާބިތު ކުރުމަކީ އެ ކުށުގެ ފުރަތަމަ އުންސުރު ކަމަށް ވިދާޅުވަމުން މިސާލެއްގެ ގޮތުން ޝަމީމް ނެންގެވީ މަރުގެ މައްސަލަ އެކެވެ. އޭނާ ވިދާޅުވި ގޮތުގައި މީހަކު މެރި ކަމަށް ބުނެ އެހެން މީހަކަށް ދައުލަތުން ދައުވާ ކުރާ ނަމަ، އެންމެ ފުރަތަމަ ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނީ ތުހުމަތު ކުރެވޭ މީހާ އެ އަމަލު ހިންގުމުގެ ކުރިން، އަނެއް މީހާ ދިރިހުރި ކަމެވެ. ސަބަބަކީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑަށް އަނިޔާއެއް ދިނަސް، އެއީ މީހަކު މެރި ކަމުގެ ދައުވާ ކުރެވޭނެ ކަމަކަށް ނުވުމެވެ.

އެ ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ މައުމޫން ހައްޔަރު ކުރިއިރު އެމަނިކުފާނު ފޯނެއް ގެންގުޅުއްވި ކަން އެމަނިކުފާނުގެ އަމިއްލަ ބަހުންނާއި ވަކީލުންގެ ވާހަކަތަކުން ވެސް އެނގޭ ކަމަށެވެ. އެގޮތުން ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކޮށްފައި ވުމަކީ އެމަނިކުފާނު އޭރު ފޯނެއް ގެންގުޅުއްވި ކަން އެނގޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، ޝަމީމް ވިދާޅުވީ ކުށުގެ އުންސުރު ސާބިތުކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެއީ މައުމޫން ހައްޔަރު ކުރިއިރު އެމަނިކުފާނު އުޅުއްވި ގޮތުން ކަމަށް ބުނެ ސާބިތު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

މީގެ އިތުރުން މައުމޫން ހައްޔަރު ކުރުމަށްޓަކައި އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެފައިވަނީ އަދި އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އަންގާފައިވަނީ ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފަށް ބުނެ އެކަން ވެސް މައުމޫންގެ ވަކީލުން ފާހަގަކުރި އެވެ.

މައުމޫން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑް ކުރުމަށް ފަހު ކަމަށް ވިޔަސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ސަސްޕެންޑް ކޮށްފައި ނެތް ކަން ވަކީލުން ފާހަގަކުރި އެވެ. އެހެންވެ، އެ ގާނޫނާއި ގަވާއިދާ ޚިލާފަށް ފުލުހުން ކުރި ހުރިހާ ކަމަކާއި އެންގި އެންގުންތައް ބާތިލްވާނެ ވެސް މައުމޫން ވަކީލުން ބުންޏެވެ.

އެ ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް މިދިޔަ އަހަރު އަމަލުކުރަން ފެށުމާ އެކު ފުލުހުންގެ އެ ގާނޫނުގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކުގައި ބަޔާންކުރާ އެކަންކަމާ ބެހޭ އުސޫލުތައް އުވިފައިވާ ކަމަށެވެ. އެހެންވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނު ސަސްޕެންޑް ކުރިޔަސް، އޭގެކުރިން އުވިފައި އޮތް ގަވާއިދަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދެ ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ނިމުމުން އެ މައްސަލާގެ ހުރިހާ އަޑުއެހުންތަަކެއް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އެ މައްސަލަ އަވަހަށް ނިންމައިދޭން މައުމޫންގެ ވަކީލުން އެދިވަޑައިގަތެވެ.

ފަނޑިޔާރު ސަމީރު ރިޔާސަތު ބަލަހައްޓަވާ އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން އަލީ އެވެ.

އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން މައުމޫން ހުންނެވީ މިނިވަންކޮށްފަ އެވެ. އެމަނިކުފާނު މިނިވަންކުރީ ޑިޕޮސިޓްގެ ގޮތުގައި 60،000ރ. ކޯޓުގައި ބެހެއްޓުމުންނެވެ.