Roadha Mihaaru
ގަރާރުގައި އޮތްގޮތަށް މިނިވަންވާނެ ކަމަށް އުންމީދުކުރަން

ގަރާރުގައި އޮތް ގޮތަށް މިނިވަންވާނެ ކަމަށް އުންމީދުކުރަން: ނަޝީދު

24 އޮކްޓޯބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީިދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ހުކުމާއި އުފުލާފައިވާ އެހެން ދައުވާތައް ބާތިލްކޮށް، މިނިވަނެއްގެ ގޮތުގައި ކަނޑައަޅައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި އޮތް ގޮތަށް، މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީިދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ހުކުމާއި އުފުލާފައިވާ އެހެން ދައުވާތައް ބާތިލްކޮށް، މިނިވަނެއްގެ ގޮތުގައި ކަނޑައަޅައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި އޮތް ގޮތަށް، މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިނިވަންކުރަން ގަރާރެއް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރަކު ސޮއި ކުރައްވަ އެވެ. އޭގެތެރޭގައި ޕީޕީއެމްގައި ތިއްބެވި ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ ނަޝީދަށް ހުކުމްކުރީ ގާނޫނާ ޚިލާފު، އަދި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފު ޝަރީއަތަކުން ކަމަށްވާތީ އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

މަޖިލީހަށް، މެމްބަރުން ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން ނަޝީދު "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނީ އިޖުރާއަތުތަކުގެ ބޭރުން ޖަލަށްލީ ސިޔާސީ ބޭބޭފުޅުންގެ މައްސަލަތައް ޝަރީއަތުގެ ނިޒާމްގެ ތެރެއިން ނިންމަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެއާއެކު، އެމަނިކުފާނު މިނިވަންކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅައި މެމްބަރުން އެދިވަޑައިގަތީ، އެމަނިކުފާނުގެ މައްސަލަ ވެސް ޝަރުއީ ނިޒާމުގެ ތެރެއިން ނިންމައިދޭން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިނިވަނެއްގެ ގޮތުގައި ހުރެވޭ ގޮތަށް ނިންމައިދޭން، އެ ހުރިހާ ފަރާތަކުން އެދިފައިވާތީވެ، އަޅުގަނޑު ދެކެނީ ކަމާގުޅޭ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް އިރާދަކުރެއްވިއްޔާ އެކަން ބެލިގެންދާނެ ކަމަށް. އަދި އަޅުގަނޑު ވެސް ދެކެނީ މިނިވަނެއްގެ ގޮތުގައި ރާއްޖެ ދެވޭނެ ކަމަށް،" ސްރީ ލަންކާގައި މިވަގުތު ހުންނެވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިނިވަންކުރަން އެދި މަޖިލީހަށް ހުށަހެޅި ގަރާރު.

ނަޝީދަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އައީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ. އެ ހުކުމްގައި ޖަލު ބަންދުގައި ހުންނަވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވުމުން، އެ ގައުމުގައި ދިރިއުޅުއްވާ ނަޝީދު ނިންމަވާފައި ވަނީ އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަތުމަށެވެ.

އެއާއެކު އެމަނިކުފާނު މިނިވަންވުމަށް އަމިއްލަފުޅަށް ކޯޓަށް ހުށަނާޅުއްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު އަމިއްލަފުޅަށް އަލުން މައްސަލަ ކޯޓަށް ހުށަހެޅުއްވޭނެ ކަމަކަށް ގާނޫނީ ބޭފުޅުން ދެކެވަޑައެއް ނުގަންނަވަ އެވެ.

"ސެޕްޓެމްބަރުގައި އަޅުގަނޑުގެ މައްސަލަ އެންމެ ފަހުން [ސުޕްރީމް] ކޯޓުން ބޭރުކުރީ. އަޅުގަނޑު އަމިއްލަ އަށް ހުށަހެޅުމުގެ ގާނޫނީ ފުރުސަތެއް، ނިޒާމީ ފުރުސަތެއް އޮތް ކަމަަކަށް އެއްވެސް ގާނޫނީ ބޭފުޅަކު ވިދާޅެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނި ނަމަވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނު ވަޑައިގަންނަވަން ޖެހޭނީ ހުކުމް ތަންފީޒުކުރައްވަން ޖަލަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލެ ވަޑައިގަތުމާއެކު، ކަރެކްޝަނަލް ސާވިސް އިން، އެންމެ ކުޑަވެގެން އެމަނިކުފާނު ގެއަށް ގެންގޮސް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެއާޚިލާފަށް، އެމަނިކުފާނު ޖަލަށް ގެންދަން ސަރުކާރުން ބޭނުންވާނަމަ، އެކަން ކުރެއްވިއަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެގޮތާ ހިތް ހަލާލު. އަދި އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ވެސް އެދެން އެކަމާ ކަންބޮޑުވެ ނުލައްވަން،" ނަޝީދު ވިދާޅުވި އެވެ.

"އަލަކަށް ނޫން، އަޅުގަނޑު އެތައް ފަހަރަކު އެބަހުރި ޖަލަށް ގެންގޮސްފައި. ނޮވެމްބަރު 11 ގެ ފަހުން އަޅުގަނޑު މިނިވަންވާނެ. އެހެންވީމާ އެއީކީ [ވަޑައިގަންނަވާ ތަނުން ޖަލަށް ގެންދިއުމަކީ] އެހާ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން. އެހެނަސް އަޅުގަނޑު ދެކޭ ގޮތަކީ އެ ހާލަތަކަށް މިކަމެއް ނުދާނެއޭ."

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސުޕްރީމް ކޯޓާއި ބައިނަލްއަގުވާމީ ނިންމުންތަކަށް ބަލާއިރު ވެސް އެމަނިކުފާނު އަލުން ހައްޔަރަށް ގެންދަން ޖެހޭ ސަބަބެއް ވެސް ނެތެވެ. އެހެންކަމުން، އުއްމީދަކީ، މާލެ ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، އައްޑު އަށް ވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، މި މަހުގެ ތިން ވަނަ ދުވަހު އަޅުގަނޑު ހުންނާނީ އައްޑޫގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ މައްސަލަ އަމިއްލަ އަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެމްޑީޕީން ވެސް ދެކޮޅެވެ. އެ ޕާޓީގެ ލީޑަޝިޕުގެ ބޭފުޅުން ވިދާޅުވަނީ ނަޝީދަށް ހުކުމް ކޮށްފައި ވަނީ ނާއިންސާފުން ކަމަށްވާތީ އަދި ސުޕްރީމް ކޯޓުން ކަންކަން ކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި ނުވާތީ ކޯޓަށް ވަޑައިގެން "މިނިވަންކޮށްދޭން ސަލާން ޖަހަން" ނުޖެހޭ ކަމަށެވެ.