ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
25 އޮކްޓޯބަރ 2018
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މީޑިއާތަކަށް އަމާޒުކޮށް، ޕީޕީއެމްގެ މެޖޯރިޓީ ވޯޓުން ފާސްކުރި އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.
މީޑިއާތަކުން ދެކޮޅުހަދަމުން ދަނިކޮށް، އަދި ބިލް ރަނގަޅުކުރަން އެތައް ހިޔާލެއް ދީފައި ވަނިކޮށް، އެއިން އެއްވެސް ކަމަކާ މެދު ވިސްނުމެއް ނެތި، ރައީސް އަބްދުﷲ ޔާމީން އެންގެވި ގޮތަށް ޕީޕީއެމުން އަބުރުގެ ގާނޫނު ފާސްކުރީ އޮގަސްޓް 8، 2016 ގަ އެވެ.
އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެކަމަކު ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އެ ހުރިހާ ޖޫރިމަނާއެއް ވެސް އެ ޓީވީން ދައްކާފައިވެ އެވެ.
ބައެއް މީޑިއާތަކުން ސިފަކުރި ގޮތުގައި، އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. އަދި އެ ގާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރިޔާސީ ވައުދެކެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް ހައްގުތަކާއި މިނިވަންކަމަށް އަބުރުގެ ގާނޫނުގެ ސަބަބުން އުނިކަން ލިބިފައިވާ ކަމަށެވެ. އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ގާނޫނީ ގޮތުން މައްސަލަތަކާ ކުރިމަތިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލު މަޖިލީހާ ހަވާލު މި ކުރަނީ ރައްޔިތުންގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މަސައްކަތުގައި އެތައް ބޭފުޅުންތަކަކަށް ލިބެމުން ދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި އެބޭފުޅުންގެ ނިގުޅައިގެންފައިވާ ހައްގުތައް ހަނދާން ކުރަމުން،" ޝާހިދު ވިދާޅުވި އެވެ.
"ބިލް ހުށަހަޅަނީ ޝަހީދުކޮށްލާފައިވާ އަހުމަދު ރިލްވާނާއި ޔާމީން ރަޝީދުގެ މަތިން ހަނދާ ކުރަމުން."
އަބުރުގެ ގާނޫނު އުވާލުމުގެ ސަބަބުން ނޫސްވެރިންނާއި ރައްޔިތުންގެ ގައިގައި އެޅިފައިވާ ކަސްތޮޅު ވެސް ނެއްޓިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޖިލިސް ވެގެން ދާނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މުއައްސަސާއަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅި އިރު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށް، ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
ބިލަށް ވޯޓު ނުދޭން އެދި މެމްބަރުންނަށް މެސެޖްތަކެއް
ހިޔާލު ފާޅުކުރުން ހަނިކުރަން އެޗްއާރްސީއެމް ދެކޮޅު
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު
ކުރީ ސަރުކާރުން ދަތުރުތަކަށް 27 މިލިއަން ހޭދަކުރި
ގަތަރުގެ މައްސަލައިގައި ޝާހިދާ ބުދަ ދުވަހު ސުވާލުކުރަނީ
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި
އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ހުށަހަޅައިފި
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ
ފާޑުކިޔުމަށް އިބޫގެ ސަރުކާރުން މަރުހަބާ ކިޔާނެ: ޝާހިދު
އަބުރުގެ ގާނޫނު: ފެށުމާއި ނިކުތް ނަތީޖާ ވެސް ގޯސް؟!