Roadha Mihaaru
އެމްޕީއެލްއިން ބޮޑުކުރި އެލަވަންސް ނުދީގެން ޝަކުވާ!

އެމްޕީއެލްއިން ބޮޑުކުރި އެލަވަންސް ނުދީގެން ޝަކުވާ!

25 އޮކްޓޯބަރ 2018

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ދޭ އެލަވަންސް މި މަހުގެ އެކަކުން ފެށިގެން ބޮޑުކުރި ކަން އެންގުމަށް ފަހު، މިދިޔަ މަހުގެ މުސާރަ މިއަދު ދިންއިރު އެ އެލަވަންސް ދީފައި ނުވާ މައްސަލަ މިއަދު ފެންމަތިވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ދޭ އެލަވަންސް މި މަހުގެ އެކަކުން ފެށިގެން ބޮޑުކުރި ކަން އެންގުމަށް ފަހު، މިދިޔަ މަހުގެ މުސާރަ މިއަދު ދިންއިރު އެ އެލަވަންސް ދީފައި ނުވާ މައްސަލަ މިއަދު ފެންމަތިވެއްޖެ އެވެ.

އެމްޕީއެލް އިން ކުރިން ދެމުން އައީ ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 50 ރުފިޔާ އަދި ޑެއިލީ އެލަވަންސްގެ ގޮތުގައި 10 ރުފިޔާ އެވެ. އެކަމަކު މި މަހު އެކަކުން ފެށިގެން މި އެލަވަންސް 150ރ. އަށް ބޮޑުކުރި ކަން މިދިޔަ އާދީއްތަ ދުވަހު މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ.

ދެހާހެއްހާ މުވައްޒަފުން ހިމެނޭ އެ ކުންފުނީގެ މުސާރަ ހަދަނީ ކޮންމެ މަހެއްގެ 20 އިން އަނެއް މަހުގެ 21 އަށެވެ. އެހެންކަމުން ބޮޑުކުރި ކަމަށް އެންގި އެލަވަންސް މިއަދު ދިން މުސާރައާ އެކު މަދުވެގެން 20 ދުވަހަށް ލިބެން ޖެހޭ ކަމަށް ބުނެ މުވައްޒަފުން ދަނީ ޝަކުވާ ހުށަހަޅަމުންނެވެ. ނަމަވެސް އެ ޝަކުވާތަކަށް އެކުންފުނީގެ އެޗްއާރުން ޖަވާބު ނުދޭ ކަމަށް ވެސް މުވައްޒަފުން ބުނެ އެވެ.

މުވައްޒަފުން ބުނާ ގޮތުގައި ބޮޑުކުރި އެލަވަންސް ނުދިނީ އެ ކުންފުނީގެ ވެރިން ސޮއި ނުކޮށްގެންނެވެ. ނަމަވެސް އެލަވަންސް ބޮޑުކުރުމަކީ އެ ކުންފުނީގެ ބޯޑުގެ ނިންމުމެއް ކަމަށް ކުރިން އަންގާފައިވާ ކަމަށް މުވައްޒަފުން ބުނެ އެވެ.

އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ ރަސްމީ ބަހެއް ހޯދުމަށް އެކުންފުނީގެ ވެރިންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބުނެވެ.

އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޯޑުން ފާސްކުރަން އުޅުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެލަވަންސް ބޮޑުކުރަން ނިންމީ، މުސާރަ ބޮޑުކުރުމާ ގުޅޭ ޝަކުވާ އޭސީސީން ބަލަމުން އަންނަނިކޮށެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޕީއެލްއަކީ ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ގިނަ ހަރަދުތަކެއް ކުރިކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ކުންފުންޏެކެވެ. އެގޮތުން ޕީޕީއެމްގެ ސަޕޯޓަރުންނަށް އެކުންފުންޏަށް އެކަށީގެން ނުވާވަރަށް ވަޒީފާ ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ.