Roadha Mihaaru
ބޮޑު ދެ ގާނޫނު އުވާލުމާއި ނަޝީދުގެމައްސަލަ އެޖެންޑާގައި

ބޮޑު ދެ ގާނޫނު އުވާލުމާއި ނަޝީދުގެ މައްސަލަ މާދަމާގެ ޖަލްސާގައި

27 އޮކްޓޯބަރ 2018

އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލުމުގެ ބިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލުމުގެ ބިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު، މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، އެޖެންޑާގައި ދެ ބިލާއި ގަރާރުގެ މައްސަލައިގެ އިތުރުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ.

އިބޫ ހުވާ ކުރައްވާނެ ދުވަހާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ޕީޕީއެމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ގަބޫލު ކުރައްވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރައްވާ ގޮތުގައި އިބޫ އަށް ނޮވެމްބަރު 11 ވަނަ ދުވަހު ހުވާ ކުރެއްވެން ވާނެ އެވެ. އެކަމާ މެދު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ވޯޓަކަށް ދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މާދަމާ އޮންނަ ޖަލްސާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމުގެ ބިލާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި އަބުރުގެ ގާނޫނު އުވާލުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައި، ޖަލްސާގައި އިބްތިދާއީ ބަހުސް ފަށަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަކަށް އަހާނެ އެވެ.

މީގެއިތުރުން، ޕީޕީއެމްގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 49 މެމްބަރުންގެ ސޮޔާއެކު، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގެ ފުރަތަމަ ކިއުން އިއްވައި، ޖަލްސާގައި އިބްތިދާއީ ބަހުސް ކުރަން ފަށަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަކަށް އަހާނެ އެވެ.

ގިނަ އަދަދެއްގެ މައްސަލަތަކެއް ޖަލްސާގެ އެޖެންޑާގައި ހުރިއިރު، އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ ބައިނަލްއަގުވާމީ މުއާހަދާއެއްގައި ރާއްޖެ އިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމެވެ. ގާނޫނުއަސާސީގައިވާ ގޮތުން މުއާހަދާތަކުގައި ބައިވެރިވުމުގެ ކުރިން މަޖިލިހުން ރުހުން ހޯދަން ޖެހެ އެވެ.

މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަކަށް ދާނެ އެވެ.

މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެހެންވެ، މެމްބަރުން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނީ ބަންދު ދުވަސްތަކާ ނުލައި މަހެއްހާ ދުވަހު އެވެ.