Roadha Mihaaru
އެޗްޕީއޭއިން ފާހަގަކުރި ކަންކަން އިސްލާހުކުރާނަން:ސީގަލް

އެޗްޕީއޭއިން ފާހަގަކުރި ކަންކަން އިސްލާހު ކުރާނަން: ސީގަލް

05 ނޮވެމްބަރ 2018

ސީގަލް ކެފޭގެ ސާފުތާހިރުކަން ނެތުމާ ގުޅިގެން، ހެލްތު ޕްރޮތެކްޝަން އެޖެންސީ (އެޗްޕީއޭ) ން ފާހަގަކުރި ކަންކަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ފަހު، އެ ތަން ހުޅުވާނެ ކަމަށް ސީގަލް ގުރޫޕުން މިއަދު ބުނެފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ސީގަލް ކެފޭގެ ސާފުތާހިރުކަން ނެތުމާ ގުޅިގެން، ހެލްތު ޕްރޮތެކްޝަން އެޖެންސީ (އެޗްޕީއޭ) ން ފާހަގަކުރި ކަންކަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ފަހު، އެ ތަން ހުޅުވާނެ ކަމަށް ސީގަލް ގުރޫޕުން މިއަދު ބުނެފި އެވެ.

ސީގަލް ކެފޭ މިއަދުން ފެށިގެން ބަންދު ކުރީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވައިދާ ހިލާފު ވުމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެކަމަކު، ސީގަލް ކެފޭއިން ފާހަގަކުރެވުނު މައްސަލައެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެ އެވެ.

އެޗްޕީއޭގެ މި ފިޔަވަޅާ ގުޅިގެން، ސީގަލް ކެފޭ ހިންގާ ސީގަލް ގުރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކެފޭ ބަންދު ކުރުމަކީ އެ ކުންފުނިން ހިތާމަ ކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އިސްލާހު، ކުރުމަށް ފާހަގަ ކުރައްވާފައިވާ ކަންތައްތައް ވީ އެންމެ އަވަހަކަށް ރަނގަޅުކޮށް، އެ ބޭފުޅުންނާ މަޝްވަރާކޮށް، ސީގަލް ކެފޭ އަލުން ހުޅުވުމަށެވެ،" ބަޔާނުގައި ސީގަލް ގުރޫޕުން ބުންޏެވެ.

ސީގަލް ގްރޫޕުން ބުނިގޮތުގައި، އެ ކުންފުންޏަކީ ކާބޯތަކެތީގެ ސާފުތާހިރު ކަމާއި ރައްކާތެރި ކަމަށް އަބަދުވެސް އިސްކަންދީ، ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަންދޭ ބައެކެވެ.

ސީގަލް ކެފޭ އަކީ 1994 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ، އެކި ފަންތީގެ މީހުންނަށް ކެއުންބުއިމުގެ ޚިދުމަތް ދޭ މަތީ ފެންވަރުގެ ތަނެކެވެ. އަދި މިއީ މާލޭގެ އެންމެ މަޝްހޫރު އެއް ސަރަހައްދުގައި ހިންގާ މަޝްހޫރު ކެފޭ އެކެވެ.

އެ ކުންފުނިން ބުނީ، ސާފުތާހިރު ކަމަށް އިސްކަން ދީ، ސިއްހީ ގޮތުން ރައްކާތެރި ތަނެއްގެ ގޮތުގައި ސީގަލް ކެފޭ ހެދުމަށްޓަކައި ކޮށްފައިވާ މަސައްކަތް ތަކުގެ ނަތީޖާއެއްގެ ގޮތުން ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ކަމަށެވެ. އަދި އުންމީދަކީ އެ ގޮތަށް ކުރިއަށް ދިއުން ކަމަށް ސީގަލް ގުރޫޕުން ބުންޏެވެ.