Roadha Mihaaru
ރޭގަނޑު 8 ގެ ފަހުން ކެފޭ/ރެސްޓޯރަންޓުތައް ބަންދު

މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ރޭގަނޑު 8 ގެ ފަހުން ކެއުންބުއިން މަނާ

25 ފެބުރުއަރީ 2021

ކޮވިޑް-19 ފެތުރުން އަނެއްކާ ވެސް އިތުރުވަމުންދާތީ، މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޭގަނޑު 8 ގެ ފަހުން ކެއުންބުއިމުގެ ޚިދުމަތް ދިނުން އެޗުޕީއޭ އިން މަނާކޮށްފި އެވެ.

ކޮވިޑް-19 ފެތުރުން އަނެއްކާ ވެސް އިތުރުވަމުންދާތީ، މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޭގަނޑު 8 ގެ ފަހުން ކެއުންބުއިމުގެ ޚިދުމަތް ދިނުން އެޗުޕީއޭ އިން މަނާކޮށްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމުގައި ވަނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހުއްދަ އޮންނާނީ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 8 ޖެހުމާ ހަމައަށް ކަމަށެވެ. އޭގެ ފަހުން ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް ދިނަސް އެ ކަން ވެސް ކުރެވޭނީ ރޭގަނޑު 10:30 އާ ހަމައަށް ކަމަށް މައިމޫނާގެ އެންގުމުގައި ވެ އެވެ.

އެ ފިޔަވަޅުތައް އެޅީ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ވެސް ކޮވިޑު ކޭސްތަކުގެ އަދަދު 100 އިން ދަށަށް ނުދާތާ ދުވަސްތަކެއް ވެފައިވާއިރު، އެއީ ސިއްހީ ދާއިރާގެ މީހުންގެ ކަންބޮޑުވުމަކަށް ވަނީ ވެފަ އެވެ. ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ވެސް ހަވީރު 6 އިން ފަތިހު 6 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިސް ވަންދެން އޮންނަނީ ކާފިއު ހިންގައިފަ އެވެ. އެކަމަކު، އެ ފިޔަވަޅުތަކާ އެކު، ކޮވިޑު ކޭސްތަކުގެ އަދަދު ދަށަކަށް ނުދެ އެވެ.

އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް އިތުރު 184 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 145 މީހުން، މީހުން ދިރިއުޅޭ އެހެން ރަށްރަށުން 10 މީހުން، ރިސޯޓުތަކުން 25 އަދި ސިނާއީ ރަށްރަށުން ފަސް މީހެކެވެ.

އެޗުޕީއޭގެ ރެކޯޑްތައް ދައްކާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،993 މީހަކު ވަނީ ކޮވިޑަށް ޓެސްޓުކޮށްފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ ނަމަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،441 އެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެނީ 162 މީހަކަށެވެ. ރާއްޖެ އިން މިހާތަނަށް 19،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، އޭގެ ތެރެއިން 16 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑު ބަލީގައި މަރުވީ 60 މީހެކެވެ.