Roadha Mihaaru
ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ މީހަކު ނުހުންނާނެ

ސިޔާސީ ގޮތުން އެކުގައި މަސައްކަތް ނުކުރެވޭނެ މީހަކު ނުހުންނާނެ: އިމްރާން

06 ނޮވެމްބަރ 2018

ސިޔާސީ ގޮތުން އެކުގައި މަސައްކަތް ނުކުރެއްވޭނެ ބޭފުޅަކު ނުހުންނަވާނެ ކަމަށް ވިދާޅުވެ، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު މަސައްކަތް ކުރައްވަފާނެ ކަމުގެ އިޝާރާތެއް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ގޮތުން އެކުގައި މަސައްކަތް ނުކުރެއްވޭނެ ބޭފުޅަކު ނުހުންނަވާނެ ކަމަށް ވިދާޅުވެ، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު މަސައްކަތް ކުރައްވަފާނެ ކަމުގެ އިޝާރާތެއް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. ޝަހީމާއި އިމްރާނަކީ ކުރީއްސުރެ، ވަރަށް ގާތް ދެ އަޚުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ޚާއްސަކޮށް، އަދާލަތު ޕާޓީގައި ދެ ބޭފުޅުން އުޅުއްވި އިރު، ގިނަ ބަޔަކު ސިފަ ކުރީ ދެ ބޭފުޅުންނަކީ ދީނާއި ގައުމަށްޓަކައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންގެ ގޮތުގަ އެވެ.

މިދިޔަ ޖުލައި 9 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވީ އިމްރާނަށް އަދިވެސް އެންމެ ހެޔޮ އެދިވަޑައިގަންނަވަނީ އޭނާ ކަމަށެވެ. މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ސަބަބަކީ އިމްރާން ޖަލަށްލުން ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޑރ. ޝަހީމް ރަށަކަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވަނީ. --- ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޑރ. ޝަހީމް ރަށަކަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވަނީ. --- ފޮޓޯ: މިހާރު

މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އިމްރާން ބަންދު ކުރި އިރު، އެ މުޒާހަރާގައި އިމްރާން އަޑުއުފުއްލެވީ މި ސަރުކާރުގައި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ފަސާދަ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިމްރާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ ޖަލުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު އޮންނަން ޖެހުނެވެ.

އެކަމަކު، ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލި އިމްރާންގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ދޫކޮށްލަން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން، އިމްރާން ވަނީ ސިޔާސީ މަސައްކަތްތަކާ އަލުން ގުޅިވަޑައިގެންފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ ކިޔަވާ ވިދާޅުވި ދުވަސްވަރު ޝަހީމާއި އޭނާއަކީ ވަރަށް ގާތް ދެ ރަހްމަތްތެރިން ކަމަށާއި ދެ ބޭފުޅުންގެ ސިޔާސީ ވިސްނުން ދިމާވާ ކަމަށެވެ. އަދި ދެ ބޭފުޅުން އެކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ކަން އިމްރާން ފާހަގަ ކުރެއްވި އެވެ.

"ޖަލަށް ލުމުގެ ކުރިން ސިޔާސީ މަސައްކަތް ވެސް އަޅުގަނޑާއި އޭނާއާ ކުރެއްވީ ވަރަށް އެއްކޮށް. އަޅުގަނޑުމެން ދެ މީހުންގެ ސިޔާސީ ގިނަ ވިސްނުންތައް ވަރަށް ދިމާވޭ. ދީނާއި ގައުމަށްޓަކައި ކުރަން ހުރި ގިނަ މަސައްކަތްތައް ދިމާވޭ،" އިމްރާން ވިދާޅުވި އެވެ.

"ޖަޒީރާ ހޮޅުއަށި" ނަމުގައި ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ހުސެން ވަހީދު /މިހާރު

"ޖަޒީރާ ހޮޅުއަށި" ނަމުގައި ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ހުސެން ވަހީދު /މިހާރު

ނަމަވެސް، އިމްރާން ވިދާޅުވި ގޮތުގައި، އޭނާ އާއި ޝަހީމްގެ ވިސްނުން ތަފާތުވި ހިސާބަކީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ކަމަށް ނޫނެކޭ ވިދާޅުވި ހިސާބުންނެވެ. އަދި "ކޮންމެވެސް ސަބަބަކާ ހުރެ،" ޑރ. ޝަހީމް، ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވި ހިސާބުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން ދެ މީހުން ސިޔާސީ މަސައްކަތުން ދެފަޅިވި ހިސާބު،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭރު ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ގޮތަށް، މިހާރު ވެސް ހުންނެވީ އެ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ކަން ކާމިޔާބުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދެއްކެވި ނަމޫނާ އިން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ވެވަޑައިގަތުމަކީ އިންސާފަށް ލޯބިކުރާ އެއްވެސް މީހަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ ގާތް އެކުވެރިއެއްގެ ގޮތުގައި ދުށް ޝަހީމާއެކު އޮތް އަޚުވަންތަ ގުޅުން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސިޔާސީ ގޮތުން ކުރާ މަސައްކަތްތަކަކީ ޒާތީ ކަމެއް އޮވެގެން ކުރާ މަސައްކަތްތަކެއް ނޫން ކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން އަބަދުވެސް އިސް ކުރަނީ ގައުމީ މަސްލަހަތު ކަމަށެވެ. ހިޔާލު ތަފާތުވުންތަކާ އެކު ވެސް އަމިއްލަ މަސްލަހަތު އެއްފަރާތް ކުރައްވައި ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ލީޑަރުން ނުކުމެ ތިއްބެވުމަކީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.