Roadha Mihaaru
ކޯލިޝަނަށް މަޖިލިސް ލިބޭގޮތަށް އެއްބަސްވާންޖެހޭ: ނަޝީދު

މަޖިލީހުގެ އަޣުލަބިއްޔަތު ކޯލިޝަނަށް ލިބޭނެ ގޮތަކަށް އެއްބަސްވުން އޮންނަން ޖެހޭ: ނަޝީދު

06 ނޮވެމްބަރ 2018

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭނެ ގޮތަކަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުން އޮތުން ބޭނުންތެރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭނެ ގޮތަކަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުން އޮތުން ބޭނުންތެރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ އޮފީހަށް މިއަދު ވަޑައިގެން، ނަޝީދު ވަނީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން އިސްބޭފުޅުންނާއި އާއްމު ބައެއް މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދާލަތު ޕާޓީއާ އެކު ކޯލިޝަނެއްގައި މަސައްކަތް ކުރުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަން ފާހަގަކުރައްވައި، މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން ކުރުކޮށް ވާހަކަފުޅު ދެއްކެވި އެވެ.

މަޖިލީސް އިންތިޚާބުގެ ވާހަކަ ނަޝީދު މި ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ލީޑަރުން އެއްބަސްވި ކަމަށް އޭގެތެރެއިން ބައެއް މެމްބަރުން ވިދާޅުވެ، މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. ޑިމޮކްރަސީއާ ބީރައްޓެހި އެ އުސޫލަކީ ކޯލިޝަންގެ އެއްވެސް ލީޑަރަކު އެއްބަސްވެގެން ވާނެ ގޮތެއް ނޫން ކަމަށް ބުނެ އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އަދާލަތު ޕާޓީ އޮފީހަށް ނަޝީދު ވަޑައިގެން، އެ ޕާޓީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/އަދާލަތު ޕާޓީ

އަދާލަތު ޕާޓީ އޮފީހަށް ނަޝީދު ވަޑައިގެން، އެ ޕާޓީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/އަދާލަތު ޕާޓީ

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު، ގުޅިފައި އޮތް ޕާޓީތަކުގެ ކޯލިޝަނަށް ލިބުން ވަރަށް މުހިއްމެވެ. އެއާއެކު، އަޣުލަބިއްޔަތު ލިބޭނެ ގޮތަކަށް އެއްބަސްވުން އޮތުން މުހިއްމުކަން ފާހަގަކުރައްވަމުން ވިދާޅުވީ އަދާލަތު ޕާޓީ ވެސް ލީޑަޝިޕާއެކީ އެ މަޝްވަރާތައް ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ޚާއްސަ ގޮތެއްގައި މަޝްވަރާތައް ނިމި، ގޮތެއް ނިމެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން ވީހާވެސް އަވަހަކަށް. އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށް މާގިނަ ދުވަހެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގަވާއިދުތައް ހުރި ގޮތުން، ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީސް އިންތިޚާބުގައި ޓިކެޓް ދޭނެ މީހުން ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ޖެހެ އެވެ.

"އަޅުގަނޑުމެން، ޕްރައިމަރީއެއް ނުބާއްވައި އެއްވެސް ބޭފުޅަކަށް ޓިކެޓް ދެވޭކަށް ނޯވޭ. އަދި އެގޮތަށް އެކަން ކުރާކަށް އަޅުގަނޑުމެން ނުވެސް އެދެން. އެހެންވީމަ އެ ޓިކެޓް ދިނުމުގެ ޕްރައިމަރީ އަށް އަޅުގަނޑުމެން ބޭނުންވޭ ވަގުތު. އެ ވަގުތަށްޓަކައި އަޅުގަނޑުމެން އެދޭ ވީހާވެސް އަވަހަކަށް މިކަންކަން ނިމެން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީސް އިންތިޚާބާ މެދު އެމްޑީޕީ ދެކޭ ގޮތެއް، އަށާރަނަވާރަ ކޮމެޓީ އަށް ހުށަހެޅޭނެ އެވެ. އެ ކޮމެޓީއަކީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުހިއްމު ނިންމުންތައް ނިންމާ ކޮމެޓީ އެވެ.

ނަޝީދު އަދާލަތު ޕާޓީގެ މެމްބަރުންނާ އެކު. --ފޮޓޯ/އަދާލަތު ޕާޓީ

ނަޝީދު އަދާލަތު ޕާޓީގެ މެމްބަރުންނާ އެކު. --ފޮޓޯ/އަދާލަތު ޕާޓީ

ސިޔާސީ މަސްރަހުގައި، އަދާލަތު ޕާޓީން ކުރި މަސައްކަތް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މެއި 1 ގައި ފެށި މަސައްކަތުގައި އެކީގައި ދެމިތިބެ ނަތީޖާ ނެރެވުނީ އުފާވެރި މަންޒަރަކަށް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރި އެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށް ލުމުން ވެސް ހިތްވަރާއެކު އިސްލާހީ މަސައްކަތުގައި ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި މަޝްވަރާ މަޖިލީހުގެ މެމްބަރު ސިދާތާ ޝަރީފް، އެހެން މެމްބަރުންނާ އެކު ދެމިތިއްބަވައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާއާ އެކު އަމާޒަކީ އަދި އުއްމީދަކީ ރާއްޖެ އަށް ސިޔާސީ ހަމަޖެހުން ލިބި ދިވެހިރައްޔިތުންނަށް އުފާވެރިކަމާ އެކު އުޅެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ އަދާލަތު ޕާޓީއާ އެކުގައި އިއްތިހާދުވެ މަސައްކަތް ކުރަން،" ނަޝީދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އޮފީހަށް މިއަދު ވަޑައިގެން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުއާ، ނަޝީދު ސަލާމްކުރައްވަނީ. --ފޮޓޯ/އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ އޮފީހަށް މިއަދު ވަޑައިގެން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުއާ، ނަޝީދު ސަލާމްކުރައްވަނީ. --ފޮޓޯ/އަދާލަތު ޕާޓީ

ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީގެ ފަރާތުން ނަސޭހަތާއި މަޝްވަރާ އާއި ތަޖުރިބާ ލިބޭ ކަމަށާއި އެ އުސޫލުން އެމްޑީޕީގެ ފަރާތުން ވެސް އަދާލަތު ޕާޓީ އަށް އެ ތަޖުރިބާތަކާއި މަޝްވަރާ ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ނަޝީދު އެ އޮފީހަށް ވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ސިޔާސީ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތަކީ، ރާއްޖެ އަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް މިއޮތް ފަސް އަހަރު އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައި މިވާ ނިކަމެތި ހާލަތުން އަރައިގަތުމަށް މުހިއްމު ސަބަބަކަށް ވާނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.