Roadha Mihaaru
ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަން ކުރެވޭނެ: އީސީ

ނަޝީދާއި އިމްރާނަކީ ޕާޓީގެ ރައީސުންގެ ގޮތުގައި އީސީން ބަލައިގެންފި

12 ނޮވެމްބަރ 2018

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ޕާޓީގެ ރައީސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބަލައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ޕާޓީގެ ރައީސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބަލައިގެންފި އެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހާ އެކު، އެމްޑީޕީގެ ރައީސްކަން ނަޝީދަށް ގެއްލި އަދާލަތު ޕާޓީގެ ރައީސްކަން އިމްރާން ގެއްލިފައިވާ ކަމަށް އީސީން ކުރިން ކަނޑައެޅި އެވެ. އެކަމަކު، ދެ ބޭފުޅުންގެ މައްޗަށް ކުރި ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެކު، މައްސަލަ ރިވިއުކޮށް، އެއާ މެދު ގޮތެއް ނިމެންދެން އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ. އަދި މިނިވަންވި ފަހުން ދެ ބޭފުޅުން ވެސް މިހާރު އުޅުއްވަނީ ސިޔާސީ މަސައްކަތުގަ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް މިއަދު ވިދާޅުވީ ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަން ކުރެވޭ ގޮތަށް އެ ކޮމިޝަނުން ނިންމީ، ދެ ބޭފުޅުން ވެސް ޖަލު ބަންދުގައި ތިއްބެވި ބޭފުޅުންނަށް ނުވާތީ ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމާއި އިމްރާނަކީ އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ނަޝީދުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގަ އެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ މެއި 1، 2015 ގައި ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.