Roadha Mihaaru
ޖައްވުން ފެނުނީ އޭލިއަނުންގެ އުޅަނދެއް ކަމަށް ބުނެފި

ޖައްވުން ފެނުނު ގޮތް ނޭނގޭ އެއްޗަކީ އޭލިއަނުންގެ ސްޕޭސްކްރާފްޓަކަށް ވެދާނެ ކަމަށް ބުނެފި

06 ނޮވެމްބަރ 2018

އެނބުރެމުން، ދުނިޔޭގެ ސޯލާ ސިސްޓަމާ ދިމާލަށް އަންނަނިކޮށް މިދިޔަ އަހަރު ފެނުނު، ސުއްޓާއެއްގެ ބައްޓަމަން އޮތް އެއްޗަކީ ދުނިޔެ ބެލުމަށް އޭލިއަނުން ފޮނުވައިގެން އުޅޭ ސްޕޭސްކްރާފްޓަކަށް ވެދާނެ ކަމަށް ހާވަޑް ޔުނިވަސިޓީގެ ނުޖޫމީން ބުނެފި އެވެ.

އެނބުރެމުން، ދުނިޔޭގެ ސޯލާ ސިސްޓަމާ ދިމާލަށް އަންނަނިކޮށް މިދިޔަ އަހަރު ފެނުނު، ސުއްޓާއެއްގެ ބައްޓަމަން އޮތް އެއްޗަކީ ދުނިޔެ ބެލުމަށް އޭލިއަނުން ފޮނުވައިގެން އުޅޭ ސްޕޭސްކްރާފްޓަކަށް ވެދާނެ ކަމަށް ހާވަޑް ޔުނިވަސިޓީގެ ނުޖޫމީން ބުނެފި އެވެ.

ވަނަމަކަށް "އޮއުމުއަމުއަ" ގެ ނަން ދީފައިވާ މި އެތި އެންމެ ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޕޭން-ސްޓާސް1 ޓެލެސްކޯޕަށެވެ.

މީގެ އާދަޔާ ޚިލާފު ބައްޓަމާއި ސިފަތަކާ ހުރެ މިއާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވަނީ ވާހަކަ ދެކެވިފަ އެވެ. ސައިންސްވެރިން އެންމެ ފުރަތަމަ ބުނީ މިއީ ދުންތަރިއެއް ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ އެއީ ގިނިހިލައެއް ކަމަށެވެ. އެކަމަކު އެންމެ ފަހުން ބުނީ އެއީ ޖައްވުގައި ދަތުރުކުރާ އާ ވައްތަރެއްގެ ކޮންމެވެސް އެއްޗެއް ކަމަށެވެ.

އެކަމަކު ހާވަޑް ސްމިތުސޯނިއަން ސެންޓަ ފޯ އެސްޓްރޮފިޒިކްސްގެ ރިސާޗަރުން އެކުލަވާލި އާ ދިރާސާއެއްގައި ބުނަނީ ފުޅާމިނަށް ވުރެ، 10 ގުނަ ދިގު، ކަޅު ރަތްކުލައިގެ މި އެއްޗަކީ މަސްނޫއީ އެއްޗަކަށް ވެދާނެ ކަމަށެވެ. މި އެއްޗެއް ގަޑިއަކު 196،000 މޭލު ބާރުމިނުގައި ދަތުރުކުރަމުން އަންނަ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.

"އޮއުމުއަމުއަ އަކީ ފުރިހަމަ އަށް އޮޕަރޭޓްކުރެވޭ ގޮތަށް، އޭލިއަނުގެ ބަޔަކު ދުނިޔެ ބަލަން ހަމަ ސީދާ އެ ބޭނުމަށް ފޮނުވައިގެން އުޅޭ އެއްޗަކަށް ވެދާނެ،" އެސްޓްރޮފިޒިކަލް ޖާނަލް ލެޓާސް އަށް ފޮނުވާފައިވާ ދިރާސާ ކަރުދާހުގައި ބުނެފައިވެ އެވެ.

މި ތިޔައީ އަށް ބުރަވެފައި ވަނީ އޭގެ ދުވެލި ބާރުކުރާތީ އާއި މިދިޔަ ޖެނުއަރީ މަހު ދުނިޔޭގެ ސޯލާ ސިސްޓަމު ތެރެއިން ދިޔައިރު، ސްޕީޑު އެތައް ގުނައެއް އިތުރުވެގެން ގޮސްފައި ވާތީ އެވެ.

"އެއީ ބަޔަކު ހަދާފައިވާ އެއްޗަކަށްވާ ނަމަ، އެއް ގޮތަކީ، އޮއުމުއަމުއަ އަކީ ޖައްވީ ކުނިގަނޑެއްގެ ބައްޓަމަށް ހަދާފައިވާ، ފްލޯޓްވާ ގޮތަށް، ވަރަށް ލުއިކޮށް އުފައްދާފައިވާ، ޓެކްނޮލޮޖީގެ ގޮތުން ވަރަށް މަތީ ފެންވަރެއްގެ އެއްޗަކަށް ވުން،" ދަތުރުކުރުމުގެ ހަކަތަ މިއަށް ލިބެނީ ސޯލާ ރޭޑިއޭޝަނުން ކަމަށް ލަފާކޮށް، ދިރާސާގައި ބުނެފައިވެ އެވެ.

މިއީ "ލައިޓް-ސެއިލް" އުޅަނދެވެ. ދިރާސާގައި ކަރުދާހުގައި ބުނެފައިވާ ގޮތުގައި މިފަދަ ޖައްވާ އުޅަނދުތައް މީގެ ކުރިން އިންސާނުން އީޖާދުކޮށް ކާމިޔާބުކަމާ އެކު ބޭނުންކޮށްފައިވެ އެވެ.

އޮއުމުއަމުއަގެ ސްޕީޑާއި އެނބުރެމުން ދާ ގޮތަށް ބަލާއިރު އެއީ އަލުން ބޭނުންކުރެވޭނެ އެެއްޗަކަށް ނުވުން އެކަށީގެންވާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.

ގޮތް ނޭނގޭ މި "އުޅަނދު" އަށް ސައިންސްވެރިން ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ. ދުނިޔޭގެ ސޯލާ ސިސްޓަމަށް ވަދެ ނިކުމެގެން ދިޔައިރު ތިން ރޭ ވަންދެން، އެތައް ބައިވަރު ޓެލެސްކޯޕަކުން މި ބަލަމުން ގެންދިޔަ އެވެ. ނާސާ އިން ބުނީ އޮއުމުއަމުއަ ޓެލެސްކޯޕްތަކަށް ގެއްލެންދެން ބެލި ކަމަށާއި އެއީ ވަރަށް ތާރީޚީ ވަގުތުކޮޅެއް ކަމަށެވެ.