Roadha Mihaaru
އިންޑިއާގެ އަވަށެއްގައި ދުވާލު ނައިޓީ ލުމުން ޖޫރިމަނާ!

ދުވާލު ނައިޓީ ލާ މީހުން ޖޫރިމަނާކުރަން އިންޑިއާގެ އަވަށަކުން ނިންމައިފި

12 ނޮވެމްބަރ 2018

ދުވާލު ނައިޓީ ލައިގެން އުޅޭ އަންހެނުން ޖޫރިމަނާކުރަން އިންޑިއާގެ އަވަށަކުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުވާލު ނައިޓީ ލައިގެން އުޅޭ އަންހެނުން ޖޫރިމަނާކުރަން އިންޑިއާގެ އަވަށަކުން ނިންމައިފި އެވެ.

އަންދުރަޕްރަދޭޝްގެ ހުޅަނގު ގޯދަވަރީ އަވަށުގައި މި ގަރާރެއް ނެރުނީ އަންހެނުން ބާރުވެރިކޮށް، ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ. ގަރާރު ނެރެފައި ވަނީ އަވަށުގެ ކަމޮށިވެގެންވާ މީހުން ހިމެނޭ ނުވަ މެމްބަރުންގެ ކޮމިޓީއަކުންނެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި އާންމުކޮށް ރޭގަނޑު ނިދަންލާ ހެދުން ލައިގެން ހެނދުނު 7:00 އިން ރޭގަނޑު 7:00 އަށް ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އެކަމާ ހިލާފުވެއްޖެ ނަމަ އެ މީހަކު 2،000 ރުޕީސް އިން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި ދުވާލު ނައިޓީ ލައިގެން ނުކުމެ އުޅެނިކޮށް ފެނިއްޖެ މީހެއްގެ މައްސަލަ ރިޕޯޓް ކުރާ މީހަކަށް އިނާމެއްގެ ގޮތުގައި 1،000 ރުޕީސް ވެސް ދޭނެ އެވެ.

މިކަމަށް ހުޅަނގު ގޯދަވަރީގެ ވަރަށް ގިނަ އަންހެނުން ވަނީ ތާއީދު ވެސްކޮށްފަ އެވެ.

އެ މީހުން ބުނި ގޮތުގައި މިއީ އަންހެނުންގެ ހިމާޔަތާއި ރައްކާތެރި ކަމަށް ބާރު އަޅައި ދޭނެ ކަމެކެވެ. އެހެންވެ ދުވާލު ނައިޓީ ލައިގެން ބޭރަށް ނުކުތުން މަނާ ކުރުމަށް ވަރަށް ބޮޑަށް ތައީދު ކުރާ ކަމަށް އެ އަވަށުގެ މެޖޯރިޓީ އަންހެނުން ބުންޏެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު ނިންމުމެއް. މިކަމަށް އަހަރެމެން ހަމަ ވަރަށް ތާއީދު،" އެ އަވަށުގެ އަންހެނުންތަކެއް އީޓީވީ ބާރަތު އަށް ބުންޏެވެ.