Roadha Mihaaru
އިންޑިއާގެ އަވަށެއްގައި ވަގުތު ހިނގަނީ ފަހަތަށް

އިންޑިއާގެ އަވަށެއްގައި ވަގުތު ހިނގަނީ ފަހަތަށް

01 އޯގަސްޓް 2022

ކޮންމެ މުޖުތަމައެއްގައި ވެސް އަމިއްލަ އާދަކާދަތަކެއް ގެންގުޅެ އެވެ. ނަމަވެސް އިންޑިއާގެ އަވަށެއްގައި މި ގެންގުޅެނީ މުޅިން ތަފާތު އާދައެކެވެ. އެ އަވަށުގައި ގަޑި ބަލަނީ އެހެން ތަންތަނާ މުޅިން އިދިކޮޅަށެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކޮންމެ މުޖުތަމައެއްގައި ވެސް އަމިއްލަ އާދަކާދަތަކެއް ގެންގުޅެ އެވެ. ނަމަވެސް އިންޑިއާގެ އަވަށެއްގައި މި ގެންގުޅެނީ މުޅިން ތަފާތު އާދައެކެވެ. އެ އަވަށުގައި ގަޑި ބަލަނީ އެހެން ތަންތަނާ މުޅިން އިދިކޮޅަށެވެ.

އާންމުކޮށް ގެންގުޅޭ އެނަލޮގް ގަޑިއެއް ނަމަ 12 ޖެހުމަށް ފަހު ޖަހާނީ އެކެކެވެ. ނަމަވެސް އިންޑިއާގެ ޗައްތިސްގަޅުގެ ކޮރިޔާ އަވަށުގެ ގަޑިތައް ހިނގަނީ ފަހަތަށެވެ. އެ އަވަށުގެ ގަޑިތަކުން 12 އަށް ފަހު ޖަހާނީ 11 އެވެ.

މިއީ ކޮރިޔާ އަވަށަށް އާ ކަމެއް ނޫނެވެ. އެ އަވަށުގައި ގަޑި ފަހަތަށް ހިނގާ ގޮތަށް ހަދައި ގަޑި ބަލަން ފެށީ 2008 ވަނަ އަހަރުގަ އެވެ. އެއަށްފަހު އެ އަވަށަށް ބޭނުންކުރަން ގެންދާ ކޮންމެ ގަޑިއެއްގެ ވަގުތު ވެސް ހުންނަނީ އެގޮތަށް ބަދަލުކޮށްފަ އެވެ.

މި ހުރިހާ ކަމެއް އުފެދިގެން އައީ އެ އަވަށުގެ މީހުން ގަބޫލުކުރާ ކަމެއް އޮތުމުންނެވެ. އެ އަވަށު މީހުން ގަބޫލުކުރާގޮތުގައި ކަނާއަތުން ވައަތަށް އެނބުރޭ ނަމަ ވަގުތުގައި ބަރަކާތެއް ނޯންނާނެ އެވެ. ދުނިޔެ އެނބުރެނީ ވެސް އަދި ހަނދު ދައުރުވަނީ ވެސް ވައަތުން ކަނާތަށް ކަމަށާއި އެހެންވެ ވަގުތު ހިނގަން ޖެހޭނީ ވެސް ގުދުރަތީ ނިޒާމާ އެއްގޮތަށް ކަމަށް އެ މީހުން ދެކެ އެވެ.