Roadha Mihaaru
މަހްލޫފް އެމްޑީޕީއަށް ސޮއިކުރައްވައިފި

މަހްލޫފް އެމްޑީޕީއަށް ސޮއިކުރައްވައިފި

12 ނޮވެމްބަރ 2018

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، އިދިކޮޅު އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، އިދިކޮޅު އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު މަހްލޫފް ވަނީ އޭނާގެ ފޯމު، އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ހަވާލު ކުރައްވައިފަ އެވެ. މިކަން އޮތީ އިބޫގެ ގެކޮޅުގަ އެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި މަހްލޫފް ވިދާޅުވީ އޭނާ އަކީ މިހާރު ރަސްމީކޮށް "ކުލަ ޔެލޯ" ނުވަތަ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ އިބޫ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތުން މަސައްކަތް ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެމްޑީޕީގެ މީހަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" މިހާތަނަށް މުޅިން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވި މަހްލޫފްގެ ޓުވީޓުގައި ވެ އެވެ.

މަހްލޫފްގެ ޓުވީޓު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ހިންގި ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޖަލުގެ ކުޑަގޮޅީގެ އަނިޔާ ވެސް ތަހައްމަލް ކޮށްފައިވާ މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވިއިރު، އިބޫގެ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން އޭނާއަށް ދެއްވާނެ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އަދި މަހްލޫފަކީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް އިބޫ އުފައްދަވާފައިވާ، ޒުވާނުންނާއި ކުޅިވަރާ ބެހޭ ކޮމެޓީގެ އިސް މެމްބަރެއް ވެސް މެ އެވެ.

މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވިއިރު، އޭނާ އަކީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެ ޕާޓީގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ލީޑަޝިޕާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީގެ ތެރޭގައި މަހްލޫފް "ކުއްލިގޮތަކަށް" ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރައްވައި ފިކުރު ބަދަލުކުރެއްވުމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި ކަމަށް އަޑުއެރި އެވެ. އެ ފަހަރު މަހްލޫފް "ހަމައަކަށް އެޅުވީ" ޕީޕީއެމްގެ އިސް މެމްބަރުންތަކެއް އޭނާ ދިރިއުޅުއްވާ ގެއަށް ވަޑައިގެން ނަސޭހަތް ދެއްވައިގެން ކަމަށް ވެ އެވެ.

އޭރު މަހްލޫފް ވިދާޅުވެފައި ވަނީ "އަޅުގަނޑު އެމްޑީޕީ އަށް ސޮއިކުރާނީ މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު" ކަމަށެވެ.