ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
17 އޯގަސްޓް 2016
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލިސް މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނު މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހަށް ބަދަލު ނުގެނެސް، އިސްލާހު އޮތް ގޮތަށް ފާސް ކުރަން މިދިޔަ ހޯމަ ދުވަހު ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.
މަޖިލީހުން ފާސްކުރި ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ދެކޮޅަށް އަޑު އުފުލަނީ. މަޖިލީހުން ފާސްކުރި އިސްލާހުގެ ސަބަބުން ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ވަކި ތަންތަނެއްގައި. -- ފޮޓޯ: މުހައްމަދު ޝަރުހާން
ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގަ އެވެ. އަދި އިސްލާހު ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ގެޒެޓް ކުރަން ޖެހެ އެވެ.
މި އިސްލާހާ ދެކޮޅު ބައެއް މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް މި އިސްލާހުން އަރައިގަނެވޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ހޯދައި ދީފައި އޮތް ހައްގެއް އިތުރަށް ހަނިކުރުމަކީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވީ ދައުލަތުގެ ހުއްދައެއް ނެތި ކޮންމެ މީހަކަށް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު، ގާނޫނުއަސާސީ އަށް ގޮން ޖަހައި ބިލުތަކަށާއި އިސްލާހުތަކަށް ވޯޓު ދޭ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގައި މުޒާހަރާ ނުކުރެވޭ ތަންތަން ކަނޑައަޅާފައި އޮތްއިރު، މުޒާހަރާ ކުރެވޭ ތަންތަން ވެސް ގާނޫނުން ކަނޑައަޅަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި އިސްލާހަކީ އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކުރަން ހުށަހެޅި އިސްލާހެއް ކަމަށާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މެމްބަރުން މަސައްކަތް ކުރައްވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅައި ފާސްކުރިއިރު، މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެ ގޮތުން، އާޓިފިޝަލް ބީޗުގައި އެއްވެ އުޅުން މަނާ ކޮށްފައި ވާއިރު، މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ. ފުލުހުން ބުނެފައި ވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުން. - ފޮޓޯ: މަޖިލިސް
މީގެ އިތުރުން ސިޔާސީ ޕާޓީގެ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާނެ ކަމަށް ބުނެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހު ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކުރަން ވޯޓު ދެއްވީ 40 މެމްބަރެކެވެ. އިސްލާހާ ދެކޮޅަށް 25 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް، އިނގިލީގެ ނިޝާން ހުށަހަޅަން އެއް މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށާއި އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފި ނަމަ ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައެއް ނުގަނެވޭނެ
އެއްވެ އުޅުން ހަނިކުރާ އިސްލާހު ކޮމެޓީން ފާސްކޮށްފި
އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު އެޖެންޑާކޮށްފި
"މުޒާހަރާ ބިރަކަށް ވާނީ ހުދުމުހުތާރު ލީޑަރުންނަށް"
އެއްވެ އުޅުމުގެ ހައްގު ހިމާޔަތް ކުރާނެކަން ފެނިއްޖެ
ކަންބޮޑުވުން ގިނަ އިސްލާހުތަކަކާ އެކު ޗުއްޓީއަށް
ފާރިސް މި ފަހަރު ވެސް ވިޕާ ހިލާފުވެއްޖެ
ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ކޮމިޓީން ފާސްކޮށްފި
މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލަން ހުށަހަޅައިފި
މެންބަރުން ނެރުނީ މަޖިލިސް ގަވައިދާ ހިލާފަށް: ނާޒިލް