Roadha Mihaaru

މިއީ ކަނޑުކޮހުންގެ މަޖިލީހެއް، އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައެއް ނުގަނެވޭނެ: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ "ކަނޑުކޮހުންތަކެއް" ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައެއް ނުގަނެވޭނެ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

17 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ "ކަނޑުކޮހުންތަކެއް" ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަންނައިރު، މަޖިލީހަށް ވަޑައިގެން މެމްބަރުން "ޓައީ އަޅައިގެން" ތިއްބަވަން ނުޖެހޭނެ ކަމަށެވެ.

"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑު އިދިކޮޅު ހަދާ ކަމެއް މިއީ. ރަައްޔިތުންގެ މިނިވަން ކަން ނިގުޅައިގަތުމަކީ ކުރެވޭނެ ކަމެއް ނޫން،" ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގަތް މުސްތަފާ ވިދާޅުވި އެވެ.

"350،000 މީހުން އެއް ތަނަކަށް ޖަމާނުކުރެވޭނެތީ މަންދޫބުންގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާފައި ތިބީ،" އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ މުޒާހަރާ ކުރުން ހުއްދަކޮށްފައި، ވަކި ތަންތަނެއްގައި މުޒާހަރާ ކުރެވޭ ގޮތަށް ހަދަން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށެވެ. އެގޮތުން އެ ކޯލިޝަންގައި 54 މެމްބަރުން ތިއްބަވަ އެވެ.

ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަން މުސްތަފާއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް ފަންސާހަކަށް ސިކުންތެވެ. އެހެންވެ މުސްތަފާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ރިޔާސަތުގެ ސަމާލުކަމަށް އެކަން ގެންނަވައިފަ އެވެ.

އެމްޑީޕީ ސަޕޯޓަރުންތަކެއް މުޒާހަރާ ކުރާއިރު، ފުލުހުން ހަރަކާތްތެރިވަނީ. އެއްވެ އުޅުން ހަނި ކުރަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި..-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީ ސަޕޯޓަރުންތަކެއް މުޒާހަރާ ކުރާއިރު، ފުލުހުން ހަރަކާތްތެރިވަނީ. އެއްވެ އުޅުން ހަނި ކުރަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި..-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ މެމްބަރުންނަށް ވާހަކަ ދައްކަވަން ވަގުތު ދެއްވަނީ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ވަގުތު ދިނުމުގައި ރިޔާސަތުން ވަކި ގޮތެއް ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާގެ އިތުރުން ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ މި އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި މިއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިސްލާހާ ދެކޮޅަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ މިއީ ގާނޫނުއަސާސީއާ ތައާރަޒްވާ އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުން ފާސްކުރާ ކޮންމެ އިސްލާހަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ވެސް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ސަރުކާރަށް ތައީދު ކުރައްވާ މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީގައި ދައުލަތުގެ ހުއްދައަކާ ނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދީފައި އޮތަސް، ކޮންމެ ފަދަ ތަނަކަށް އެއްވުމުގެ ހައްގެއް ވެސް ގާނޫނުއަސާސީން ލިބިދީފައި ނުވާ ކަމަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހަކީ އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކުރަން ހުށަހެޅި އިސްލާހެއް ކަމަށާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ބައެއް މެމްބަރުން މަސައްކަތް ކުރައްވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.  - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އިސްލާހުގައިވާ ގޮތުން މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ގެޒެޓް ކުރަން ޖެހެ އެވެ.