Roadha Mihaaru
ފަޔަ އެލާމްގެ އަޑަށް ދިޔައިރު އެއީ ގުރައެއްގެ އަޑު

ފަޔަ އެލާމްގެ އަޑަށް ދިޔައިރު އެއީ ގުރައެއްގެ އަޑު

20 ނޮވެމްބަރ 2018

އިނގިރޭސި ވިލާތުގައި ގެޔަކުން ގުރައެއް ގޮވާ އަޑު އިވޭތީ، އެއީ އަލިފާން ރޯވެގެން އަޅާ އެލާމްގެ އަޑު ކަމަށް ހީކޮށް، އަލިފާން ނިވާ މީހުން އެ ގެޔަށް ހިނގައްޖެ އެވެ.

އިނގިރޭސި ވިލާތުގައި ގެޔަކުން ގުރައެއް ގޮވާ އަޑު އިވޭތީ، އެއީ އަލިފާން ރޯވެގެން އަޅާ އެލާމްގެ އަޑު ކަމަށް ހީކޮށް، އަލިފާން ނިވާ މީހުން އެ ގެޔަށް ހިނގައްޖެ އެވެ.

އަލިފާން ނިވާ މީހުން މިދިޔަ ބުދަ ދުވަހު އެ ގޭ ދޮށަށް ދިޔައީ އެ ގެއިން ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އަވަށްޓެރިން ބުނި ގޮތުގައި އެ ގޭގެ ތެރެއިން އިރުއިރުކޮޅާ އެލާމްގެ އަޑު އިވުނެވެ. އެކަމަކު އަލިފާން ނިވާ މީހުން ގޮސް ބެލިއިރު ގޭގައި އަލިފާނުގެ އަސަރެއް ނެތެވެ. "އެލާމް" އަޅަމުން ދިޔައީ ގުރައެކެވެ.

"އަހަރެމެން އެ ގެޔަށް ގޮސް ހުރިހާ ތަނެއް ބަލައި ފާސްކުރިން. އަދި އެލާމް އަމިއްލަ އަށް ޖެއްސެނީ ކަމަށް ހީކޮށް އެ ސާފު ވެސް ކުރިން،" ފަޔަ ޑިޕާޓްމަންޓުގެ ވޮޗް ކޮމާންޑަރު ނޯމްސް ޖޭމްސް ބުނެފައިވެ އެވެ.

އޭނާ ބުނީ ގޭތެރެ ބަލައި، ސްމޯކް އެލާމް ސާފުކުރަނިކޮށް ގޭ ބިއްދޮށުން އަނެއްކާވެސް އެލާމްގެ އަޑު އިވުނީ އެވެ. ގޮސް ބެލިއިރު އެއީ ގޭގައި ގެންގުޅޭ އެފްރިކަން ގްރޭ ގުރައެއް ގޮވާ އަޑުކަން އެނގުނެވެ. ފަޔަ ޑިޕާޓްމަންޓު މީހުން ވަނީ މިކަން މަޖާ ކަމަކަށް ވެގެން އޭގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

ގޭގެ ވެރިމީހާ ބުނީ އެއީ އޭނާ ގެންގުޅޭ ދެ ގުރާގެ ތެރެއިން "ޖޭޒް" ގެ ނަން ދީފައިވާ ގުރައެއް ކަމަށެވެ. އޭނާ ބުނީ އަލިފާން ނިވާ މީހުންނަށް ރިޕޯޓްކުރީ އެއީ ގުރާގެ އަޑުކަން ނޭނގޭތީ ކަމަށެވެ. އެ ގުރަޔަކީ އެކި އަޑުތައް ވަރަށް މޮޅަށް ކޮޕީކުރާ ދޫންޏެއް ކަމަށާއި އެލާމްގެ އަޑު ވެސް އައީ އެގޮތަށް ކަމަށް ބުންޏެވެ.