Roadha Mihaaru
ރައީސް މުލީއާގެ އަށް ބަދަލުވެވަޑައިގެންފި

ރައީސް މުލީއާގެ އަށް ބަދަލުވެވަޑައިގެންފި

30 ނޮވެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިއާސީ ގަނޑުވަރު މުލީއާގެ އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިއާސީ ގަނޑުވަރު މުލީއާގެ އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު "މިހާރު" އަށް މިރޭ ވިދާޅުވީ ރައީސް މުލީއާގެ އަށް ބަދަލުވެވަޑައިގަތީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ.

ރައީސް ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތީ އަނބިކަނބަލުން ފަޒްނާ އަހުމަދާ އެކު ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ރައީސްކަމުގެ މަގާމާ މި މަހުގެ 17 ވަނަ ދުވަހު އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގަތުމަށް ފަހު މިއަދާ ހަމަ އަށް ވެސް ދިރިއުޅުއްވަމުން ގެންދެވީ، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ގެކޮޅުގަ އެވެ.

ރައީސްގެ ދަރިކަލުންނާއި ދަރިކަނބަލުން މި ވަގުތު ތިއްބެވީ ރާއްޖޭން ބޭރުގަ އެވެ. އެ ދެ ބޭފުޅުން ދިރިއުޅުއްވަން ހަމަޖެހިފައި ވަނީ ކޮން ތަނެއްގައި ކަމެއް އެނގިފައެއް ނުވެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވަން ހަމަޖެހިފައި ވަނީ ހިލާލީގޭގަ އެވެ. ނަމަވެސް މިހާތަނަށް އެ މަނިކުފާނު އެ ގެ އަށް ބަދަލުވެވަޑައެއް ނުގަންނަވަ އެވެ. އަދި ބަދަލުވެވަޑައިގަންނަވަން ހަމަޖެހިފައިވާ ތާރީޚެއް ވެސް ނޭނގެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ނައިބު ރައީސް ހިލާލީގެ އަށް ބަދަލުވެވަޑައިގަތުމަށްޓަކައި އެ ގެކޮޅު މަރާމާތުކޮށް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ފަހުން ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މުލީއާގޭގައި ދިރިއުޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި، ރިޔާސީ ގަނޑުވަރު ތީމުގެ އަލުން ހެއްދެވުމުގެ މަސައްކަތް ކުރި ދުވަސްވަރު މުލީއާގޭގައި ދިރިއުޅުއްވި އެވެ. އަދި ތީމުގެ އަލުން ހެއްދެވުމަށް ފަހު، މައުމޫންގެ ވެރިކަން 2008 ގައި ނިމުމާ ހަމައަށް ދިރިއުޅުއްވީ އެ ގެކޮޅުގަ އެވެ.

ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ތީމުގެ ޒަމާނީ ފެންވަރަށް އަދި ސަލާމަތީ ގޮތުން ވެސް ވަރުގަދަކޮށް، މައުމޫންގެ ވެރިކަމުގައި އަލުން އިމާރާތްކުރި ނަމަވެސް ނޮވެމްބަރު 11، 2008 ގައި ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ ތަނުގައި ހިންގަން ފެށީ ސުޕްރީމް ކޯޓާއި ހައި ކޯޓެވެ. ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ތީމުގެ އާންމުންނަށް ދައްކައިލުން ވެސް ހިމެނެ އެވެ.

ނަޝީދުގެ ވެރިކަމަށް ފަހު، ރައީސްކަން ކުރެއްވި ވަހީދާއި ޔާމީން ދިރިއުޅުއްވީ ހިލާލީގޭގަ އެވެ. އެކަމަކު، ޔާމީން ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ ވެރިކަމުގެ މުއްދަތުގެ ވަކި ހިސާބަކުންނެވެ.

ވަހީދާއި ޔާމީންގެ ވެރިކަމުގައި މުލީއާގެ ބޭނުންކުރެއްވީ ރަސްމީ ބައެއް މަސައްކަތްޕުޅު ކުރައްވާ ތަނެއްގެ ގޮތުގަ އެވެ. އަދި ޔާމީންގެ މިދިޔަ ފަސް އަހަރު އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ މަސައްކަތްޕުޅުތަކާއި ޕީޕީއެމާ ގުޅޭ ބައްދަލުވުންތަކާއި ހަރަކާތްތައް މުލީއާގޭގައި އެކަމަނާ ބޭއްވެވި އެވެ.