Roadha Mihaaru
އެމްޑީޕީން އެއްބަސްވީ 35 ދާއިރާއަކަށް ވާދަކުރަން

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން އެއްބަސްވީ 35 ދާއިރާއަކަށް ވާދަކުރަން

01 ޑިސެމްބަރ 2018

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 61 ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީން މިހާރު ބޭނުންވެ، އެކަން ކޯލިޝަންގެ އެހެން ޕާޓީތަކަށް ހުށަހެޅި ނަމަވެސް، މީގެ ކުރިން އެ ޕާޓީން އެއްބަސްވެ ސޮއިކޮށްފައި އޮތީ 35 ދާއިރާ އަކަށް ވާދަކުރަން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 61 ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީން މިހާރު ބޭނުންވެ، އެކަން ކޯލިޝަންގެ އެހެން ޕާޓީތަކަށް ހުށަހެޅި ނަމަވެސް، މީގެ ކުރިން އެ ޕާޓީން އެއްބަސްވެ ސޮއިކޮށްފައި އޮތީ 35 ދާއިރާ އަކަށް ވާދަކުރަން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މި އަހަރުގެ ޖުލައި 12 ގައި ސޮއިކުރައްވާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީން 35 ދާއިރާ އަކަށް ވާދަކުރުމުގެ ފުރުސަތު ލިބެނީ ކޯލިޝަން ސަރުކާރުގައި ޕާޓީތަކުގެ ހިއްސާ ބަހައިލުމުންނެވެ.

އެއްބަސްވުމުގައި އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރެއްވީ އޭރުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުންނެވެ. އަދި އެމަނިކުފާނާއި ހަސަން ލަތީފަކީ ކޯލިޝަންގެ ޕާޓީތަކުގެ މަޝްވަރާ އަށް އެމްޑީޕީން ކަނޑައަޅާފައިވާ ދެ މަންދޫބުންނެވެ.

އަދި، އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އެ ޕާޓީގެ މިހާރުގެ އެންމެ އިސްބޭފުޅަކީ ވެސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ސަބަބަކީ އެމްޑީޕީއަށް ނިސްބަތްވާ ރައީސަކު ވެރިކަން ކުރައްވާ ނަމަ، އެ މުއްދަތުގައި އެ ޕާޓީގެ އެންމެ އިސްބޭފުޅަކީ އެއީ ކަމަށް އަސާސީ ގަވައިދުގައި ބަޔާން ކޮށްފައި ވުމެވެ.

އެމްޑީޕީން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެމްޑީޕީން ވެސް ވަނީ އެއްބަސްވެފަ އެވެ.

އެގޮތަށް ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ހިއްސާ ބެހުމަށް އެއްބަސްވެފައި ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށެވެ.

ކޯލިޝަނުން އެއްބަސްވާ ގޮތަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ހިއްސާ ބަހައިފި ނަމަ، އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެ އެވެ.

ނަމަވެސް، އެމްޑީޕީން މިހާރު ބޭނުންވަނީ 61 ދާއިރާ އަކަށް ވާދަކުރަން ކަމަށް ވަނީ އެނގިފަ އެވެ. އަދި އެ ޕާޓީން ވާދަކުރަން ބޭނުންވާ ދާއިރާތައް ކަނޑައަޅަން ނިންމާފައި ވަނީ މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ.

މަޖިލިހުގެ އިންތިޚާބަށް ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެ ޕާޓީތަކުގެ ލީޑަރުން ވަނީ އެމްޑީޕީގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބައްދަލުކުރެއްވި އެވެ.