Roadha Mihaaru
އެމްޑީޕީގެ ނިންމުން އެއްބަސްވުމާ ޚިލާފުކަން ހާމަވެއްޖެ

އެމްޑީޕީގެ ނިންމުން އެއްބަސްވުމާ ޚިލާފުކަން ހާމަވެއްޖެ

02 ޑިސެމްބަރ 2018

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހުރިހާ ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ފާސްކުރީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެ ޕާޓީން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަން ހާމަވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހުރިހާ ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ފާސްކުރީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެ ޕާޓީން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަން ހާމަވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އަދި 2020 ގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކޯލިޝަނުން ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން އޭރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިިހާ އެކު އެއްބަސްވެފައިވާކަން އިތުރަށް ހާމަވީ، އަދާލަތު ޕާޓީން ސޮއިކުރި އެއްބަސްވުން އެ ޕާޓީން މިއަދު އާންމު ކުރުމުންނެވެ.

އެކަމަކު، އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް، އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވެފައިވާ އެއްބަސްވުން އިއްޔެ ލީކް ކުރުމާ ގުޅިގެން ހަސަން ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ ދެމެދު އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އަދި، މި އަހަރުގެ ޖުލައި 12 ވަނަ ދުވަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެ ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަތަކާއި އެމްޑީޕީގެ ނިންމުމާ ގުޅިގެން މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އަދާލަތު ޕާޓީން ވަނީ އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެ ޕާޓީން ސޮއިކުރި އެއްބަސްވުން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އަދި ތިން ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެއްބަސްވުމުގައި ސޮއިކުރި މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އެމްޑީޕީން ހަސަން ލަތީފާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި ޖުމްހޫރީ ޕާޓީން ޑރ. ހުސއިން ރަޝީދު ހަސަނެވެ.

އެއްބަސްވުން އާންމުކޮށް، އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ "އެމްޑީޕީ، ޖޭޕީ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަދާލަތު ޕާޓީން ބޭއްވި މަޝްވަރާތަކުން ނިންމުމުގެ ކަންކަމުގެ މައްޗަށް ބިނާކޮށް، އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީއާ އެކު ސޮއިކުރެވިފައިވާ އެއްބަސްވުން ދެމިއޮތް ކަމަށާއި މި އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރިހަމަ އަށް އަމަލުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަދާލަތުން ވި އެއްބަސްވުން.

ކޯލިޝަން އެއްބަސްވުމުގައި އިބްރާހިމް މުހައްމަދު ސޯލިހާ އެކު ޖުމްހޫރީ ޕާޓީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ޕާޓީ ހިންގުމާ އޭރު ހަވާލުވެ ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ކޯލިޝަން ޕާޓީތަކުން ވަކިވަކިން ސޮއިކުރި ލިޔުމުގައިވާ ގޮތުން އެމްޑީޕީގައި ސަރުކާރުގެ ހިއްސާއަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ އަށް 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭން އެ ލިޔުމުގައި އެއްބަސްވެފައިވެ އެވެ. އަދި އެގޮތަށް ހިއްސާ ބަހައިގެން އަންނަ މަޖިލިސް އިންތިޚާބާއި 2020 ގައި ބާއްވާ ކައުންސިލް އިންތިޚާބުގައި ވެސް ވާދަކުރަން އެ އެއްބަސްވުމުގައިވެ އެވެ. އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ސޮއިކުރި ވަކިވަކި އެއްބަސްވުންތަކެއްގައި ކަމަށް ވިޔަސް އޭގައި ވަނީ އެއް ވާހަކަތަކެކެވެ.

އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެ އެވެ.

މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އެމްޑީޕީން ރޭ ވަނީ ފާސްކޮށްފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވުމަކަށް އެމްޑީޕީން އެގޮތަށް ރޭ ފާސް ކުރިޔަސް، ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނިންމާފައިވަނީ އެއްބަސްވުމުގައިވާ ގޮތަށް 13 ދާއިރާއަށް އެ ޕާޓީން ވާދަ ކުރުމަށެވެ. ޖުމްހޫރީ ޕާޓީން ބުނީ، މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.