Roadha Mihaaru
ސުޕްރީމް ކޯޓު އެއް މަހުގެ ރިސެސްއަކަށް

ސުޕްރީމް ކޯޓު އެއް މަހުގެ ރިސެސްއަކަށް ހިނގައްޖެ

02 ޑިސެމްބަރ 2018

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ރިސެސްއަކަށް ސުޕްރީމް ކޯޓު ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ރިސެސްއަކަށް ސުޕްރީމް ކޯޓު ހިނގައްޖެ އެވެ.

ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.

އެހެންވެ، މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ. އެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތަކެއް ނުބާއްވާނެ އެވެ. އެކަމަކު މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

ސުޕްރީމް ކޯޓު ރިސެސްގައި އޮތަސް، ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ވަކި މުއްދަތެއްގައި ނިންމަންޖެހޭ މައްސަލަތައް ނިންމުމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމުގެ ބޭނުމުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ ބާރު ސުޕްރީމް ކޯޓަށް އޮވެ އެވެ. އަދި ރިސެސްގައި އޮއްވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ، އޮޓަމެޓިކުން ރިސެސް ނިމުމަކަށް އަންނާނެ އެވެ.

ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު، ސިވިލް ކޯޓު ވެސް އިއްޔެ އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނީ ރިސެސްގަ އެވެ. ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަޔަސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ ކަންކަން އެ ކޯޓުގައި ވެސް ކުރިއަށް ގެންދާނެ އެވެ.