Roadha Mihaaru
ރައީސް، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ރައީސް، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

03 ޑިސެމްބަރ 2018

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ދެކަނބަލުން މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ދެކަނބަލުން މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި ސިއްހީ، ތައުލީމީ، ޓެކްނޮލޮޖީ، ކުޅިވަރު، ގެދޮރު އިމާރާތްކުރުން، އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުން އަދި ފެނާއި ނަރުދަމާ ގާއިމްކުރުން ހިމެނެ އެވެ. އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން ވެސް ރައީސާއި ސަފީރު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިންޑިއާ ސަފީރު ވަނީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ކާމިޔާބުކަމާ އެކީ ފުރިހަމަ ކޮށްދިނުމުގައި، އިންޑިޔާއިން އެއްބާރުލުން ދޭނެ ޔަގީންކަން ރައީސަށް އަރުވައި އެވެ. ވައުދުތައް ފުއްދުމުގައި އެކުގައި މަސައްކަތް ކުރުމަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި މަހު އިންޑިއާ އަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅާ ގުޅޭ ގޮތުން ދެ ގައުމުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އާއި އިންޑިއާގެ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވަމުންނެވެ. އެމަނިކުފާނު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ވަޑައިގެންނެވިއިރު، އާ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު ރަސްމީ ދަތުރެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާ އަށެވެ.