Roadha Mihaaru
ކުރީގެ ރައީސް ނަޝީދާއި މީމުޒަވިޔަންޏަށް ހައްގު ބަހެއް

ކުރީގެ ރައީސް ނަޝީދާއި މީމުޒަވިޔަންޏަށް ހައްގު ބަހެއް

12 ޑިސެމްބަރ 2018

ރާއްޖޭގެ ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި އުނިވި ދެ ކަމެއް، ތާރީޚަށްޓަކައި، ފާހަގަކޮށްލަން ޖެހެ އެވެ. ތިން ދަރަޖައަކުން އެވޯޑް ދިނީ ރާއްޖޭގެ ނޫސްވެރިކަމަށް، (ނޫސްވެރިކަން މާނަކޮށްފައި އެވަނީ ޕްރިންޓް މީޑިއާ އަށެވެ. އޭގެ ފެށުމަކީ 1943 ގައި ނެރެން ފެށި "ސަރުކާރުގެ ޚަބަރު" އެވެ.) ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށެވެ. އެކަމަކު އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި "ހަވީރު"ގެ ސަބް އެޑިޓަރުކަން ކުރެއްވި އަދި މަޝްހޫރު ފޮޓޯގްރާފަރު، ތިމާވެށީގެ ލިއުންތެރިޔާ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ހިމެނިވަޑައިނުގަތުމުން އެކަމާ ދެރަވި އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ރާއްޖޭގެ ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި އުނިވި ދެ ކަމެއް، ތާރީޚަށްޓަކައި، ފާހަގަކޮށްލަން ޖެހެ އެވެ. ތިން ދަރަޖައަކުން އެވޯޑް ދިނީ ރާއްޖޭގެ ނޫސްވެރިކަމަށް، (ނޫސްވެރިކަން މާނަކޮށްފައި އެވަނީ ޕްރިންޓް މީޑިއާ އަށެވެ. އޭގެ ފެށުމަކީ 1943 ގައި ނެރެން ފެށި "ސަރުކާރުގެ ޚަބަރު" އެވެ.) ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށެވެ. އެކަމަކު އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި "ހަވީރު"ގެ ސަބް އެޑިޓަރުކަން ކުރެއްވި އަދި މަޝްހޫރު ފޮޓޯގްރާފަރު، ތިމާވެށީގެ ލިއުންތެރިޔާ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ހިމެނިވަޑައިނުގަތުމުން އެކަމާ ދެރަވި އެވެ.

ނޫސްވެރިކަމުގެ ޚިދުމަތުގެ އިނާމެއް ގައުމީ ފެންވަރެއްގައި ދެންޏާ ބަލަން ޖެހޭ އެއް މިންގަނޑަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ނަޒަރު ހިންގާފައިވާ ފަދައިން، ދިގު މުއްދަތެއްގައި ކޮށްފައިވާ އެކަށީގެންވާ މަސައްކަތްތަކަށެވެ. ދެން ވިސްނުން ބަހައްޓަން ޖެހޭ އަނެއް ކަމަކީ ކުރު މުއްދަތެއްގައި ނަމަވެސް ނޫސްވެރިކަމަށް ބޮޑު ބަދަލެއް ގެންނަން، ނުވަތަ ނޫސްވެރިކަމުގެ ހައްގުގައި ގައުމީ ފެންވަރެއްގައި ފާހަގަކުރެވޭނެ މަސައްކަތްތަކަށެވެ.

ނަޝީދުގެ ނޫސްވެރިކަމުގެ ގުރުބާނީ

ފުރަތަމަ، ކުރީގެ ރައީސް ނަޝީދުގެ މަސައްކަތްޕުޅަށް ވިސްނުން ދޫކޮށްލަމާ ހިނގާށެވެ. ވަޒީފާއެއްގެ ގޮތުގައި އަޅުގަނޑުގެ ނޫސްވެރިކަން ފެށިފައި އޮންނާނީ 1989 ގެ ފަހުކޮޅެވެ. އޭރު ރާއްޖެ މިސްރާބު ޖަހާފައި އޮތީ މިނިވަންކަމުގެ ރިހި ޔޫބީލާ ދިމާއަށެވެ. ރާއްޖެ އަށް މިނިވަންކަން ލިބުނުތާ 25 އަހަރު ފުރޭ އަހަރުގެ ކުލަގަދަކަން ޖެނުއަރީ 1، 1990 ގެ ރޭގަނޑު ބޭއްވި ބޮޑު ހިނގާލުމުން ވެސް އެނގެ އެވެ. އޭރަކީ ސަރުކާރުން ރާވާ ކަންކަމުގައި ރައްޔިތުން ހިތުންރުހުމުން، ލޯބިން، ބައިވެރިވުމުގެ އާދަކާދަ އޮތް ދުވަސްވަރެވެ. އެހެންކަމުން "މިނިވަން 25 ގެ ހިނގާލުމު"ގައި މާލޭގެ ބޮޑެތި މަގުތައް އޮތީ ފުރާލައިފަ އެވެ.

އަނެއްކޮޅުން ރާއްޖޭގެ ތައުލީމީ، ޒަމާނީ ޒުވާނުންކޮޅެއްގެ މަސައްކަތް އަމާޒުކުރީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު ޒިންމާދާރުކުރުވުމާއި ހިފަހައްޓާފައި އޮތް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމުގެ މަސައްކަތަށެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގެން "ސަންގު" ނުކުތީ، އޭގެ ކުރިން ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ނޫސްވެރިކަމުގެ ތެރެއިން އިވިފައި ނުވާ ފަދަ "ގަދަ އަޑަކާ" އެކު އެވެ. އެންމެ ބޮޑު އެއް ކަމަކީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތުގެ މައްސަލަތައް ތިލަކުރުމެވެ. ރާއްޖޭގެ މަސްވެރިކަމުގެ މުޅި ސިނާއަތު ބިނާފައި އޮތް ސަރުކާރުގެ ކުންފުނި އެފްޕީއައިޑީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލައި، ސަރުކާރަށް ގުޑުން ގެނުވީ "ސަންގު" ނޫހެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި "ސަންގު"ގެ މޫނުމައްޗަކީ ނަޝީދު ނުވަތަ މަޝްހޫރު ނަމުން ނަމަ އަންނި އެވެ. އެގޮތަށް އެކަން ވީ އެމަނިކުފާނުގެ ޖެހިލުންކުޑަކަމެވެ. އެފްޕީއައިޑީގެ މައްސަލަ ހިލިގަތް ދުވަސްވަރު އެސްޓީއޯ އިން (އެފްޕީއައިޑީ ހިންގަމުން އައީ އެސްޓީއޯގެ ދަށުންނެވެ.) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް އިބްރާހިމާ ކުރެއްވި ސުވާލުތައް ވަރުގަދަވެފައި، ސީދަލެވެ.

އޭރުގެ "މުސްކުޅި ނޫސްވެރިކަން" ބަދަލުކޮށްލަން "ސަންގު" ކުޅުނު ރޯލު، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ދިވެހި ރައްޔިތުންގެ ސަމާލުކަން އަތުލި އެވެ. އެ މަޖައްލާ ޗާޕްކޮށްގެން ނެރޭނެ އިރަކަށް ކިޔޫ ހަދައިގެން އާންމުން ތިބެ އެވެ. ނަޝީދާއި އެމަނިކުފާނުގެ ޓީމު އޭރު އޮތީ ސަރުކާރަށް ގުޑުން ގެނުވައިފަ އެވެ. އެ ނޫސްވެރިކަމަށް ކެތްނުކުރެވޭނެކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންކަމުން ރައްޔިތުންނާއި ސަރުކާރު ޖައްސަން ކުރާ މަސައްކަތެއް ކަމަށް ބަލައި، އެންމެ ފަހުން "ސަންގު" ހުއްޓުވާލި އެވެ.

އެކަމަކު "އަންނި" އޭރު އުފެދިއްޖެ އެވެ. އަންނިގެ ނަން، ދިވެހި ކިއުންތެރިންގެ ބޮލަށް ވަދެ، ހަރުލައިފި އެވެ. އެމަނިކުފާނު ޖަލުގަ އާއި ގޭބަންދުގައި އެތައް އަހަރެއް ހޭދަކުރެއްވީ ނޫސްވެރިކަމުގެ މިނިވަންކަން ހިމެނޭ މަސައްކަތްޕުޅުތަކުގަ އެވެ. ބޭރު ނޫހެއްގައި އެއްޗެއް ލިއުއްވިޔަސް، ރާއްޖޭގައި ލިއުމެއް އާންމުކުރެއްވިޔަސް އޭރު އޮތީ ބަންދުގެ ބިރެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން ދިވެހިންގެ އެތައް ބަޔަކު މަސައްކަތްކުރި އެވެ. އެކަމަކު ނަޝީދުގެ ހަޔާތްޕުޅުން "ގެއްލުނު" މުއްދަތަށް ބަލާއިރު އެމަނިކުފާނަށް ވުރެ ބޮޑު ގުރުބާނީއެއް، ނޫސްވެރިކަމުގެ ހައްގުގައި ވި އެހެން ނޫސްވެރިޔަކު ރާއްޖެ ދެކެފައެއް ނުވެ އެވެ. އެހެންކަމުން ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގެ ހަފުލާއިން ނަޝީދުގެ ނަންފުޅު ނީވުމަކީ، މިހާރު މި ދެކޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިންމު ޝަހުސިއްޔަތެއް އުނިވެގެން ދިއުމެވެ.

މީމުޒަވިޔަނި: ތިމާވެށީގެ ލިއުންތެރިއެއް، މޮޅު ފޮޓޯގްރާފަރެއް

މީމުޒަވިޔަންޏަކީ 1980 ގެ މެދުތެރެއިން ފެށިގެން 1990ގެ އަހަރުތަކުގެ މެދާ ހަމައަށް، ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާ އެވެ. އޭނާ ރާއްޖޭގެ ނޫސްވެރިކަމުގައި ފާހަގަކުރަން ޖެހެނީ ފޮޓޯގެ ދާއިރާ އިން މުޅިން ތަފާތު ބަދަލުތަކެއް ގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭރު އޭނާގެ އަތުގައި ކެމެރާ ނޯންނަ އިރެއް މަދުވާނެ އެވެ. ތިމާވެށީގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1989 ގައި ލިބިވަޑައިގެންނެވި އިރު، އެ އިނާމު ބަލައި ސްޓޭޖަށް އަރުއްވަންދެން ވެސް ގެންދެވީ ރަސްމިއްޔާތުގެ ފޮޓޯތައް ނަންގަވަމުންނެވެ. އިނާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަނެއްކާވެސް ކުރިއަށް ގެންދެވީ ފޮޓޯ ނެންގެވުމުގެ ބަ އެވެ.

ރާއްޖެއަށް ކުރިމަތިވި ނޮވެމްބަރު 3 ގެ ހަމަލާއާ ގުޅޭ ގިނަ ފޮޓޯތަކެއް ނަންގަވައި، ތާރީޚުގައި ރައްކާކުރެއްވީ މީމުޒަވިޔެންޏެވެ. އެ ހަމަލާ ކުރިޔަށް ދިޔައިރު ފޮޓޯ ނަންގަވަން އުޅުމުގެ ތެރޭގައި، ކަނާތު ފަޔަށް އުންޑައެއް އަރައިގެން ޒަހަމް ވެސް ވެވަޑައިގަތެވެ.

މީމުޒަވިޔަންޏަކީ "ހަވީރު"ގައި ކޮންމެ ހަފުތާއަކު ލިއުއްވި ތިމާވެށީގެ ސަފުހާގެ ސަބަބުން، ބައިނަލްއަގުވާމީ އެވޯޑެއް ހާސިލްކުރެއްވި ބޭފުޅެއްކަން ހަނދާން ކުރަން ޖެހެނީ، އެ ލިއުއްވުންތަކުގެ އަސަރު އެހާވެސް ގަދަކަން ވިސްނަމުންނެވެ. ދުނިޔޭގެ ތިމާވެށިގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރަން އދ. އިން އޭރު ދެމުން ގެންދިޔަ "ގްލޯބަލް 500" އޭނާ ހޯއްދެވި އިރު އެ ޝަރަފް ދެން ލިބިވަޑައިގެންނެވި ހަމައެކަނި ދިވެއްސަކީ މައުމޫނެވެ.

ތިމާވެށީގެ ހޭލުންތެރިކަން އެހާ ކުޑަ ދުވަސްވަރެއްގައި މީމުޒަވިޔަނި ފެނުނީ ރާއްޖެ އާއި ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ދިވެހިންނާ ހަމައަށް ގެންނެވުމުގެ އާރުކާޓީއެއްގެ ގޮތުގަ އެވެ. މިހާރަށް ބެއްޔަސް އޭނާގެ އޭރުގެ ލިއުއްވުންތައް މޮޅެވެ. މައުލޫމާތު އެހާ މުއްސަންޖެވެ.

ސަރުކާރުގައި ވަޒީފާ އަދާކުރައްވަމުން، ތިމާވެށީގެ ލިއުންތައް ތައްޔާރުކުރެއްވުމާއި ފޮޓޯ ނެންގެވުމުގެ އިތުރުން މީމުޒަވިޔަނި ވަނީ "ހަވީރު"ގެ ސަބް އެޑިޓަރެއްގެ ގޮތުން ނޫސް ހިންގެވުމުގެ ޒިންމާ ވެސް ދުވަސްކޮޅަކަށް އުފުއްލަވައިފަ އެވެ.

ނަޝީދާއި މީމުޒަވިޔަނީގެ ނަން ދިވެހި ނޫސްވެރިކަމުގެ މުހިންމު އަދި ތާރީޚީ ހަފުލާއެއްގައި ނީވުމުން އެކަމާ ހިތާމަކުރަމެވެ. އަދި އަޅުގަނޑަށް "އަލިމަސް ގަލަން" ލިބިގެން ކުރެވުނު އުފަލަށް އެކަމުން ވަނީ ހުރަސްއެޅިފަ އެވެ.