Roadha Mihaaru
އަރުތަ އެވޯޑު: އަލީ ހުސެއިނާއި ހުސެއިން މުހައްމަދަށް

ނޫސްވެރިކަމުގެ ހިދުމަތުގެ އެވޯޑް ނޮވެލްޓީ އަލީ ހުސައިނާއި ހުސައިން މުހައްމަދުގެ ހަނދާނަށް

12 އޮކްޓޯބަރ 2021

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހަޔާތީ އަރުތައިގެ އެވޯޑް ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ނޮވެލްޓީގެ ވެރިޔާ އަލީ ހުސައިނާއި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނަށް ރޭ އަރުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހަޔާތީ އަރުތައިގެ އެވޯޑް ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ނޮވެލްޓީގެ ވެރިޔާ އަލީ ހުސައިނާއި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނަށް ރޭ އަރުވައިފި އެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، އަލްމަރުހޫމް އަލީ ހުސައިނާއި ހުސައިން މުހައްމަދު ނޫސްވެރިކަމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް، އެ ބޭފުޅުންގެ އާއިލާ އަށް އެ އެވޯޑު ހަވާލު ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އަލީ ހުސެއިން

މީގެ 53 އަހަރުކުރިން ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސްގެ ނަމުގައި ޗާޕްހާނާއެއް ހުޅުވައި އަލީ ހުސެއިން ވަނީ ތަފާތު އެކި މަޖައްލާތަކާއި ތާރީހީ އެކި ލިޔުންތައް ޝާއިއު ކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ ފޮތަކީ "ދުއްތަނާ" އަދި "ޑައިޖެސްޓް" އެވެ.

ނޮވެލްޓީ އަލީ ހުސެއިން، ނޫސްވެރިކަމަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އެމްއެމްސީން ރޭ އެރުވި "ހަޔާތީ އަރުތައިގެ" އެވޯޑު، އޭނާގެ ދަރިކަނބަލުން އައިޝަތު އަލީއަށް، ޔޫތު މިނިސްޓަރު މަހުލޫފު (މ) ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނޮވެލްޓީ އަލީ ހުސެއިން، ނޫސްވެރިކަމަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އެމްއެމްސީން ރޭ އެރުވި "ހަޔާތީ އަރުތައިގެ" އެވޯޑު، އޭނާގެ ދަރިކަނބަލުން އައިޝަތު އަލީއަށް، ޔޫތު މިނިސްޓަރު މަހުލޫފު (މ) ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޗާޕުހާނާތަކާ އެއް ފެންވަރުގެ ތަނަކަށް ނޮވެލްޓީ ބަދަލުވެގެން ދިޔައީ ވެސް އަލީ ހުސައިންގެ މަސައްކަތުންނެވެ. އެކަމުގެ އަގުވަޒަންކޮށް، ޗާޕްކުރުމުގެ މަސައްކަތުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1979 އަހަރު އޭނާ އަށް ސަރުކާރުން ދީފައި ވެ އެވެ. އޭގެ ފަހުން 1990 ވަނަ އަހަރު މިނިވަން 25 ގެ އާއްމު ހިދުމަތުގެ އިނާމާއި 2003 ވަނަ އަހަރު އާއްމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ވަނީ އަރުވައިފަ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ދުވަހު ނޫސް، ހަވީރު ނޫހަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް 2014 ވަނަ ހިދުމަތުގެ އިނާމު ވެސް އެ ނޫހުން ދީފައި ވެ އެވެ.

އަލީ ހުސައިން އަވަހަރާވީ ޖެނުއަރީ 9، 2019 ގަ އެވެ.

ހުސައިން މުހައްމަދު

ދިވެހިރާއްޖޭގެ އަޑުގައި ބޭރުގެ ޕްރޮގްރާމްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގައި 20 އަހަރު ހިދުމަތް ކުރައްވާފައިވާ ހުސައިން މުހައްމަދު ވަނީ އާފަތިސް އަދި ހަވީރު ނޫހުގައި ވެސް ބޭރުގެ ޚަބަރުތައް ލިޔުއްވައިފަ އެވެ. ރާއްޖޭގެ ނޫސްތަކަށް ބޭރު ކުޅިވަރު ތައާރަފު ކުރުމުގައި ވެސް އޭނާ މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.

މުޅި ރާއްޖެ އަށް ޓީވީއެމް ތައާރަފު ކުރުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރައްވައި ސުނާމީއާ ގުޅިގެން ޓީވީއެމުން ކުރިއަށް ގެންދިޔަ 21 ދުވަހުގެ ލައިވް ކަވަރޭޖު ހިންގުމުގައި ވެސް ހުސައިން މުހައްމަދު އިސްދައުރެއް އަދާކުރައްވާފައިވެ އެވެ.

އޭގެ އިތުރުން، ތައުލީމީ ދާއިރާގެ އެކި މަގާމުތައް ފުރުއްވައި 2005-2009 އަށް އއ. ގެ މެމްބަރުކަން އަދި 2009-2019 އަށް މަތިވެރި ދާއިރާގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ.

މީޑިއާ ކައުންސިލުން ދޭ އަލިމަސް ގަލަން ހާސިލު ކުރައްވާފައިވާ ހުސައިން މުހައްމަދު އަވަހާރަވީ ސެޕްޓެމްބަރު 4، 2020 ގަ އެވެ.