Roadha Mihaaru
ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ފާސްކޮށްފި

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

27 ފެބުރުއަރީ 2019

ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލް އިޖުތިމާއީ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިރު، ބިލަށް ބަދަލެއް ނުގެނެ އެވެ. ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްވީ، އެ ބިލާ މެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރި ހަތަރު ވަނަ ފަހަރު އެވެ. މީގެ ކުރިން އެ ބިލް ފާސް ކުރަން އެޖެންޑާ ކުރި ނަމަވެސް، ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ވަނީ ބިލިަށް ވޯޓަށް އަހަން ދެކޮޅު ހަދައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އާއި މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓް ކަމަށް ވެސް އަސްލަމްގެ އިސްލާހުގައިވެ އެވެ.

ޕެންޝަން ފައިސާ ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންކުރެވޭނެ އިންތިޒާމު ގާނޫނާ އެއްގޮތަށް ހަމަޖައްސައި، ފައިސާ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅަން ވެސް ބިލްގައި ބުނެފައިވެ އެވެ. ބިލްގައިވާ ގޮތުން އެ އުސޫލު އާންމު ކުރަން ޖެހޭނީ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގަ އެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަސްލަމްގެ އިސްލާހުގައިވާ ގޮތުން، އަލަށް ހަދާ ގަވައިދުގައި ކޮންމެ އަހަރަކު ހައްޖުވުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނެ މީހުންގެ އަދަދާއި ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި އެ ނޫން ވެސް ކަމާ ގުޅޭ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަން ވާނެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅުއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅުއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެއިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި 5000ރ. ދިނުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ދެނީ 2000ރ. އެވެ. ނަމަވެސް ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ދެ އެވެ.

ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަމުންނެވެ.

މިއަދުގެ ޖަލްސާގައި ވަނީ "ފްރޭމްވާކް އެގްރީމަންޓް ފޯ އެސްޓަބްލިޝިން އިންޓަނޭޝަނަލް ސޯލަ އެލަޔަންސް" ރާއްޖެ އިން ތަސްދީގު ކުރުމަށް ފެންނަ ކަމަށް މަޖިލިހުން ރުހުން ދީފަ އެވެ. އަދި އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ މަޖިލިހަށް ބަލައިގެންފަ އެވެ. ބިލް ދިރާސާ ކުރަން ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފަ އެވެ.