Roadha Mihaaru
ޕެންޝަނުން ދެމަފިރިންނަށް ހައްޖަށް ދެވޭ ގޮތް ހަދަނީ

ޕެންޝަން ފައިސާއިން ދެމަފިރިންނަށް ހައްޖަށް ދެވޭ ގޮތް ހަދަން ވިސްނަން: ރައީސް

16 މާޗް 2019

އަނބިމީހާގެ ޕެންޝަން ފައިސާ އިން ފިރިމީހާ އަށް، އަދި ފިރިމީހާގެ ޕެންޝަން ފައިސާ އިން އަނބިމީހާ އަށް ހައްޖަށް ދެވޭ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަން ބަދަލުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ނައިފަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަނބިމީހާގެ ޕެންޝަން ފައިސާ އިން ފިރިމީހާ އަށް، އަދި ފިރިމީހާގެ ޕެންޝަން ފައިސާ އިން އަނބިމީހާ އަށް ހައްޖަށް ދެވޭ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަން ބަދަލުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ނައިފަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ އިންތިޚާބުގައި ނައިފަރު ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ކާރިމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުން އެއްކޮށްފައި ހުންނަ ފައިސާ ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުން ހިފޭނެ ގޮތް ހެދުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އެދެމުން ދިޔަ ކަމަށެވެ.

އެހެންވެ، ޕެންޝަން ގާނޫނަށް ބަދަލު ގެނެސް، ފަރުޟު ހައްޖު އަދާކުރަން ބޭނުންވާ މީހާ އަށް ފައިސާ ބޭނުން ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއަށް އިތުރު ބަދަލުތަކެއް އަދިވެސް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ އަނބިމީހާ އަށް ދެވޭ ކަހަލަ ފުރުސަތެއް ހޯދައިދިނުން. ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ ފިރިމީހާ އަށް އެ ފައިސާ އިން ހައްޖަށް ދެވޭނެ ފުރުސަތު ހޯދައި ދިނުން އެއީ ވިސްނާލަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއީ ކުރެވިދާނެ ކަމެއްތޯ ޕެންޝަން އޮފީހާ އަންނަނީ ވާހަކަ ދައްކަމުންނެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

ޕެންޝަން ގާނޫނަށް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓެވެ.

ގާނޫނުގައިވާ ގޮތުން އެ އުސޫލު އާންމު ކުރަން ޖެހޭނީ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން ތިން މަސް ތެރޭގަ އެވެ. މި ގާނޫނު ތަސްދީގު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަލަށް ހަދާ ގަވައިދުގައި ކޮންމެ އަހަރަކު ހައްޖުވުމަށް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނެ މީހުންގެ އަދަދާއި ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި އެ ނޫން ވެސް ކަމާ ގުޅޭ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަން ވެސް ގާނޫގައި ވަނީ ލާޒިމްކޮށްފަ އެވެ.