Roadha Mihaaru
ހައްޖަށް ދާން ޕެންޝަނުން ނެގޭވަރު 80 ޕަސެންޓަށް

ޕެންޝަން ފަންޑުން ހައްޖަށް ދާން ފައިސާ ނެގޭ މިންވަރު 80 ޕަސަންޓަށް ބޮޑުކުރަނީ

13 ޖޫން 2019

ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 50 ޕަސެންޓުން 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 50 ޕަސެންޓުން 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވައިފި އެވެ.

ހައްޖަށް ދާން ޕެންޝަން ފައިސާ ދޫކުރުމުގައި އަމަލުކުރާ ގަވައިދުގައި ބުނަނީ ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޫކުރެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާ އަދަދުގެ 50 ޕަސަންޓަށް ވުރެ އިތުރު ނުވާ މިންވަރަށް ކަމަށެވެ. އެކަމަކު ބިލް ފާސްވެ ގާނޫގައި ހިމަނައިފި ނަމަ އެ ނިސްބަތް 80 ޕަސެންޓަށް ބޮޑުވާނެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޕެންޝަން ފަންޑުން ނެގޭނެ އަދަދު ބޮޑުކުރަން ނިންމައި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ފޮނުއްވާފައިވާ ކަމަށެވެ.

އެކަމަކު އެ ބިލާ ގުޅުން ހުރި އިތުރު ތަފްސީލެއް ހޫދު ނުދެއްވަ އެވެ.

ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް މަޖިލިހަށް ހުށަހެޅީ ސަރުކާރުންނެވެ. އޭގައިވާ ގޮތުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އަދި ޕެންޝަން އޮފީހުން ހެދި ގަވައިދުގައި ޝަރުތުތަކެއް ހިމަނާފައިވެ އެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެ އެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2،000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ ގެދޮރު ގަތުމަށް ކޮލެޓަރައިޒްކޮށްފައިވާ ބައިވެރިއެއް ނަމަ، ކޮލެޓަރައިޒްކޮށްފައިވާ އަދަދު ނުހިމަނައި، އެ ގަވައިދުގައި ބުނާ އެންމެ މަދު މިންވަރަށް ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ފައިސާ ޖަމާވެފައި ހުންނަން ޖެހެ އެވެ.

ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ޖަމާވެފައިވާ މީހުންނަށް އެކަނި ހައްޖަށް ދާން ފައިސާ ނެގޭތީ ވެސް ބައެއް މީހުންގެ ކަންބޮޑުވުން އޮތެވެ. އެ މީހުން ބުނާ ގޮތުގައި އެވަރުގެ އަދަދެއް އަވަސް މުއްދަތެއްގައި ހަމަވާނީ ވަރަށް ބޮޑު މުސާރައެއް ލިބޭ ބަޔަކަށެވެ.