Roadha Mihaaru
މެމްބަރުން ޖަލްސާ އަށް ވަޑައިނުގެންނެވި ސަބަބު ބަލަނީ

މެމްބަރުން ޖަލްސާ އަށް ވަޑައިނުގެންނެވި ސަބަބު ބަލަނީ

16 ޑިސެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މުހިންމު ބިލްތަކަކަށް ވޯޓަށް އަހަން އޮއްވައި، ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ޖަލްސާ އަށް ވަޑައިނުގެންނެވި ސަބަބު ބަލަމުން އަންނަ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މުހިންމު ބިލްތަކަކަށް ވޯޓަށް އަހަން އޮއްވައި، ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ޖަލްސާ އަށް ވަޑައިނުގެންނެވި ސަބަބު ބަލަމުން އަންނަ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ރައްޔިތުންނާ ގުޅުން ހުރި ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނީ އަދަދަށް މެންބަރުން މަޖިލީހުގެ ޖަލްސާގައި ވަޑައިގެން ނެތުމުން، އެ ބިލްތަކަށް ވޯޓަށް ނާހައި، މެމްބަރުން ވަނީ ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފަ އެވެ.

ރިޔާޒް "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އިއްޔެގެ ނިޔަލަށް ދިގު ދަންމާލިކަން ހުރިހާ މެމްބަރުންނަށް އެނގިވަޑައިގެންނަވާނެ ކަމަށެވެ. އަދި މަޖިލިސް ރިސެސް އަށް ނުގޮސް، މުއްދަތު އިތުރުކުރީ މުހިންމު ބިލްތަކެއް ފާސް ކުރަން ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ އިއްޔެ ކުރިއަށް ދަނީ. --- ފޮޓޯ: ރޮޒެއިނާ

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ އިއްޔެ ކުރިއަށް ދަނީ. --- ފޮޓޯ: ރޮޒެއިނާ

މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ތިން ވަނަ ދައުރު ނިމޭނީ މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ އެކު، ފަހު، ދައުރު ވަނީ އިތުރު 15 ދުވަހަށް ދަންމާލައިފަ އެވެ.

ނަމަވެސް، ރިޔާޒް ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކެއް ފާސްވެގެން ގޮސްފައިވާ ކަމަށެވެ.

އެކަމަކު، އިއްޔެގެ ޖަލްސާ އަށް މުހިންމު ކަންތައްތަކެއް އެޖެންޑާކޮށްފައި އޮއްވައި، ސަރުކާރު ކޯލިޝަންގެ މެމްބަރުން ޖަލްސާ އަށް ވަޑައިނުގެން ސަބަބު އޮޅުން ފިލުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުގެ ދައުރުގެ ފަހު ޖަލްސާގައި ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމަށް އޮތީ އެޖެންޑާކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ތިން ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމްކުރާ ބިލްތަކެއް ކަމަށެވެ. ބިލްތަކަށް ވޯޓަށް އެހުމަށް ގާނޫނުއަސާސީގައި ބުނާ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބެން ޖެހެ އެވެ. އެކަމަކު، އެ އަދަދަށް މަޖިލީހުގެ ތަޅުމުގައި ނެތް އިރު، ހާޒިރުވެ ތިއްބެވީ 39 މެމްބަރުންނެވެ.

އެއީ، ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ. އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރައްވައިފަ އެވެ.

ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓު.

ނަމަވެސް، ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާ މެމްބަރުންގެ ތެރެއިން އަމީތާއި ރުކުމާ އާއި ސައުދު ތިއްބެވީ މަޖިލިސް ދަތުރެއްގައި ރާއްޖެ އިން ބޭރުގަ އެވެ. އަދި އެހެން ބައެއް މެމްބަރުން ވެސް ތިއްބެވީ އަމިއްލަ ދަތުރެއްގައި ރާއްޖެއިން ބޭރުގަ އެވެ.

އަލީ ހުސެއިން ކުރެއްވި ޓުވީޓު.

އެގޮތުން އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގައި މިހާތަނަށް ނެގި އެއްވެސް ވޯޓެއްގައި ވަކި ގޮތަކަށް ވޯޓު ދެއްވީ އަދި ނުދެއްވީ ވަކި މީހެއްގެ ނުފޫޒަކުން ނުވަތަ މަޖުބޫރަކުން ނޫން ކަމަށެވެ. އަދި މަޖިލިސް ނޮވެމްބަރު މަހުގެ ނިޔަލަށް ރިސެސް އަށް ދާ ގޮތަށް ހަމަޖެހިފައިވާތީ، މި މަހުގެ އަށަކުން ފެށިގެން ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާ ގޮތަށް މާ ކުރިން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތި ވެސް ވިދާޅުވީ މަޖިލީހަށް ވަޑައިނުގެންނެވުނީ ބޭސްފަރުވާއެއްގައި ރާއްޖޭން ބޭރުގައި ހުންނެވީމަ ކަމަށެވެ.