16 ޑިސެމްބަރ 2018
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް 6 ގައި ބާއްވަން ނިންމައި އިލެކްޝަން ކޮމިޝަން (އީސީ) އިން އެކަން މިއަދު އިއުލާންކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް 6 ގައި ބާއްވަން ނިންމައި އިލެކްޝަން ކޮމިޝަން (އީސީ) އިން އެކަން މިއަދު އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި އިންތިހާބަށް ހުޅުވާލާނެ ވަގުތީ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖެނުއަރީ 28 ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި ފަހަރު ރަޖިސްޓްރީ ކުރަން ހުޅުވާލާނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާން އެކަނި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓާސް ލިސްޓުން ދިމާވި މައްސަލަތަކަށް ބަލާފައި މި ފަހަރުގެ ރީ-ރަޖިސްޓްރޭޝަން ފޯމްގައި މުހިންމު ބައިތަކެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން، ރީ-ރަޖިސްޓްރީ ވާން ބޭނުންވާ މީހެއްގެ ފޯމް އެހެން މީހަކު ހުށަހަޅާ ނަމަ، ރީ-ރަޖިސްޓްރީ ވާން ބޭނުންވާ މީހާގެ އިގްރާރެއް ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އިންތިހާބީ ދާއިރާތައް ފައިނަލް ކުރުމުގެ މަސައްކަތާއި ވޯޓާސް ލިސްޓް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އަދި އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ދުސްތޫރީ މައްސަލައެއް އަމިއްލަ ފަރާތަކުން ހައި ކޯޓަށް ހުށަހަޅާފައި އޮތްކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.
ހައި ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައި އޮތް މައްސަލައަކީ އައްޑޫ މަރަދޫ، ފޭދޫ ދާއިރާ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމާއި އައްޑޫ މީދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. އެ މައްސަލައިގައި ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޝަރީފް ވިދާޅުވީ ހައި ކޯޓަށް ޖަވާބުދާރީވުމަށް ދާއިރާތައް ބެހި ގޮތުގެ އުސޫލުތައް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ހައި ކޯޓުން ވަކި ގޮތެއް ނުނިންމާހާ ހިނދަކު، އިލެކްޝަނުން ކުރިން ކަނޑައެޅި ދާއިރާތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެ ކޮމިޝަނުން 87 ދާއިރާއެއް ކަނޑައެޅިއިރު، އަލަށް އިތުރު ކުރީ މައްޗަންގޯޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އެވެ.
ވޯޓާސް ލިސްޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ ތަފްސީލް ދެއްވައި ޝަރީފް ވިދާޅުވީ މާލެ އާއި އައްޑޫގެ ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް ފިޒިކަލް ސާވޭއެއް ހަދަން ޖެހޭ ކަމަށެވެ. އެއީ ބްލޮކްތަކަށް ބަދަލުތަކެއް އައިސް، އިތުރު ގެތަކެއް މާލެ އާއި އައްޑޫގައި ހިމެނިފައިވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވޯޓާސް ލިސްޓު އިއުލާން ކުރާނަން،" ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވަނީ ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުން، ވަރަށް ގިނަ ވަގުތު ކިއުގައި ތިބެން ޖެހުނު ކަން ފާހަގަ ކުރައްވައި، އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ކޮންމެ ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުންމީދު ކުރަނީ ރިޔާސީ އިންތިހާބުގައި ދިމާވި ކަހަލަ، ގިނަ ވަގުތު މަޑު ކުރުމުގެ ނުވަތަ ކިއުގައި ހުންނަން ޖެހޭ މައްސަލަ މަޖިލިސް އިންތިހާބުގައި ހައްލުވެގެން ދާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.
މީގެއިތުރުން، ވޯޓުލާން ކިއު ހަދާ ސަރަހައްދުގެ ތެރޭގައި ބައެއް ކަންކަން އިންތިޒާމު ކުރުމަށް ސަކައުޓް އެސޯސިއޭޝަނާއި ކެޑޭޓް ކޯއާ މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ފަސޭހަކަމާ އެކު ވޯޓުލެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބު އޭޕްރިލް 6 ގައި ބޭއްވުމަށް ނިންމި އިރު، އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ބައެއް މީހުން ދަނީ ކުރަމުންނެވެ. ސަރުކާރު ކޯލިޝަންގެ އެމްޑީޕީން ޕްރައިމަރީއެއް ބާއްވައިގެން ޓިކެޓު ދޭން ނިންމާފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވަނީ ޕްރައިމަރީއަކާ ނުލައި ބައެއް ބޭފުޅުންނަށް ޓިކެޓު ދީފަ އެވެ.
ފާރިސް އަނެއްކާ ވެސް މައްޗަންގޮޅި އުތުރު ދާއިރާއަށް
މަޖިލިސް އިންތިހާބަށް ގިނަ މުވައްޒަފުން ހޯދަނީ
އިންތިޚާބަށް ވާދަކުރަން ހަމްޒާ ފޯމު ހުށަހަޅައިފި
12 މެމްބަރުންނާ ބެހޭ އީސީގެ ނިންމުން ބާތިލު ކޮށްފި
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
އަންނަ އަހަރު މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަނީ
އީސީ ދޮށަށް އެއްވާ މެމްބަރުންނަށް ފިޔަވަޅު އަޅައިދީ!
ހުސްވި ގޮނޑިތަކަށް ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންތަ؟
އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭ: މައުމޫން